މި އަހަރުގެ އެންމެ އިންތިޒާރު ކުރެވޭ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ދަޅަކް 2" އަކީ ސިދާންތު ޗަތުރުވޭދީ އާއި ޓްރިޕްތީ ދިމްރީ މުހިންމު ރޯލުތަކުން ފެނިގެންދާ އިންޓެންސް ރޮމޭންޓިކް ޑްރާމާ އެކެވެ.

ފިލްމު އުފެއްދި ޓީމުން ޝޫޓިން ފެށީ ފިލްމަށް ނަމެއް ކަނޑަނާޅައި ކަމަށް ސިދާންތު ބުނެފިއެވެ. ފިލްމުގެ ޕްރޮމޯޝަން އިވެންޓެއްގައި ސިދާންތު ބުނެފައިވަނީ، ފިލްމުގެ ދެބައިކުޅަ އެއްބައި ޝޫޓު ކުރިއިރުވެސް ފިލްމުގެ ނަން ނޭނގޭ ކަމަށާއި، ފިލްމުގެ ނަން އެނގުނީ "ދަޅަކް" ގެ ފުރަތަމަ ބައިގެ ތަރި އިޝާން ކައްޓަރުގެ ފަރާތުން ކަމަށްވެސް ބުންޏެވެ.

އޭނާގެ އަމިއްލަ ފިލްމުގެ ނަން އޭނާއަށް ނޭނގި ހުއްޓާ އިޝާންއަށް އެނގުމުން ހައިރާންވި ކަމަކަށްވެސް ސިދާންތު ފާހަގަކުރިއެވެ. ސިދާންތު ވަނީ "ދަޅަކް" ގެ ފުރަތަމަ ބައިގައި އިޝާން ދެއްކި ހުނަރަށް ތައުރީފުކޮށްފައެވެ.

"ދަޅަކް 2" އަކީ 2018 ވަނަ އަހަރު ރިލީޒްކުރި އިޝާން އަދި ޖާންވީ ކަޕޫރު ބަތަލާގެ ރޯލުން ފެނިގެންދިޔަ "ދަޅަކް" ގެ ސީކުއެލްއެކެވެ. ދަރްމާ ޕްރޮޑަކްޝަންސްގެ ބެނާ ދަށުން އުފައްދާ މި ފިލްމަކީ 2018 ވަނަ އަހަރު ރިލީޒްކުރި ތަމަޅަ ފިލްމު "ޕަރިޔެރުމް ޕެރުމަލް" ގެ ހިންދީ ރީމޭކެކެވެ. ޝާޒިޔާ އިގްބާލް ޑައިރެކްޓްކޮށްފައިވާ "ދަޅަކް 2" ރިލީޒްކުރަން ހަމަޖައްސާފައިވަނީ އޯގަސްޓު 1 ގައެވެ.