ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) އުވާލައި، މޯލްޑިވްސް އެއާޕޯޓްސް ކޮމްލެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ދަށަށް ގެންދިއުމުގެ މަސައްކަތް ކުރާ އިރު، އާރުއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީންގެ ފެއާވެލް ޕާޓީ ބާއްވައިފިއެވެ.

ސަރުކާރުން ވަނީ އާރުއޭސީއެލް އުވާލައި، އެ ކުންފުނީގެ މަސައްކަތްތައް އެމްއޭސީއެލްގެ ދަށަށް ގެނައުމަށް ނިންމައިފައެވެ. އާރްއޭސީއެލުން މިހާރު އަންނަނީ އެ ކުންފުނި އުވާލުމަށް ލިކުއިޑޭޝަން ޕްރޮސެސް ކުރިއަށްގެންދަމުންނެވެ.

މުބީންގެ ފެއާވެލް ޕާޓީގައި އޭނާ ވަނީ، އެ ކުންފުނީގައި ހޭދަވި ދުވަސްތަކުގައި ކުރެވުނު މަސައްކަތްތަކާއި މުވައްޒަފުން ދެއްވި އެއްބާރުލުމަށްޓަކައި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި މުވައްޒަފުންނާއެކުގައި މުބީން ވަނީ ކޭކެއްވެސް ފަޅުއްވައިފައެވެ.

ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން، އެމްއޭސީއެލް އާއި އާރުއޭސީއެލް އެއްކޮށްލަން ސަރުކާރުން ނިންމީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

އާރުއޭސީއެލްއަކީ ސަރުކާރުން ބޮޑު ހަރަދެއްކޮށްގެން ހިންގާ ކުންފުންޏެކެވެ. އާންމުކޮށް ފެންނަ ހުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ ސަރުކާރުގައި، 2023 ވަނަ އަހަރުވެސް އެ ކުންފުންޏަށް ވަނީ 95 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައެވެ.