ސްކޭމް ލިންކެއް މެދުވެރިކޮށް ގޫގުލް އެކައުންޓްތައް ހެކް ކުރުމުގެ މައްސަލަތައް އިތުރުވާތީ އެކަމަށް ސަމާލުވުމަށް ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރުން އެދިއްޖެއެވެ.

އެ ސެންޓަރުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ގެދޮރުވެރިޔާ ޕޯޓަލްއަށް ލޮގިން ކުރުމަށް ކަމަށް ބުނެ ފޮނުވާ އެ ސްކޭމް ލިންކަށް ފިތުމުން ގޫގުލް އެކައުންޓަށް ލޮގިންވާން ބުނެއެވެ.

ނަމަވެސް ލޮގިން ކޮށްފިނަމަ ލޮގިންވާ މީހާގެ ޕާސްވޯޑް ސްކޭމް ކުރާ ފަރާތަަށް ލިބޭނެ ކަމަށް ސައިބާ ކްރައިމް ސެންޓަރުން އާންމު ކުރި މައުލޫމާތުގައިވެއެވެ.

އެހެންކަމުން އެފަދަ ސްކޭމްތަކުން ސަލާމަތްވުމަށް ގޫގުލް އެކައުންޓުގެ ޓޫ ފެކްޓާ އޮތެންތިކޭޝަން ހެއްދެވުމަށްވެސް އެ ސެންޓަރުން ވަނީ އެދިފައެވެ. އަދި ގެދޮރުވެރިޔާ ޕޯޓަލް އިން ލިންކެއް ނުފޮނުވާނެ ކަމަށާއި އެއީ އީފާސް މެދުވެރިކޮށް ލޮގިންވާ ގޮތަށް ފަރުމާކޮށްފައިވާ ޕޯޓަލްއެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެފަދަ ލިންކެއް ލިބިއްޖެނަމަ ސައިބާ ކްރައިމް ސެންޓަރުގެ ނަންބަރު 911އަށް އެ މައްސަލަ ރިޕޯޓު ކުރުމަށްވެސް ސައިބާ ކްރައިމް ސެންޓަރުން އެދިފައިވެއެވެ.

އޭގެ އިތުރުން ފޮޓޯތަކެއް ހުރި ކަމަށް ބުނެ ޓެލެގްރާމުން ފޮނުވާ ޕިޝިން ލިންކު މެދުވެރިކޮށް ޓެލެގްރާމް ހެކްކުރުމުގެ މައްސަލަތައް އިތުރުވަމުންދާކަން ފުލުހުންނަށް ފާހަގަވެފައިވާ ކަމަށެވެ.

ފިޝިންގ ލިންކުން ވަނީ ކިހިނެއް؟

އެ ލިންކުތައް އަންނަނީ އިތުބާރުކުރެވޭ ފަރާތަކުން ފޮނުވާ މެސެޖަކާއެކުއެވެ. މެސެޖުގައިވާ ލިންކަށް ފިތައިލުމުން ފޯނު ނަންބަރު ޖެހުމަށް ބުނެއެވެ. އަދި ފޯނަށް އަންނަ އޯޓީޕީއެއް ހިއްސާކުރުމަށް ބުނެއެވެ.

އޯޓީޕީ ހިއްސާކޮށްފިނަމަ ޓެލެގްރާމް އެކައުންޓުގެ ކޮންޓްރޯލް، ސްކޭމްކުރާ ފަރާތަށް ލިބިގެންދާނެއެވެ. އަދި ތިމާގެ ޓެލެގްރާމް އެކައުންޓުން ތިމާގެ ނަމުގައި އެހެން މީހުންނަށް ސްކޭމް ފިޝިން ލިންކު ފޮނުވަމުންދެއެވެ.

ސްކޭމްގައި ޖެހި ޓެލެގްރާމް އެކައުންޓު ގެއްލިއްޖެނަމަ ހަދާނީ ކިހިނެއް؟

ޓެލްގްރާމް މެދުވެރިކޮށް ފޮނުވާ ފިޝިން ލިންކު ސްކޭމްގެ ޝިކާރައަކަށްވެ ޓެލެގްރާމް އެކައުންޓު ހެކްކޮށްފިނަމަ، ޓެލެގްރާމް އެޕްލިކޭޝަން އަންއިންސްޓޯލްކުރުމަށް ފަހު އަލުން އިންސްޓޯކޮށްލާށެވެ. އަދި ޓެލެގްރާމް އަލުން އެކްޓިވޭޓްކޮށް، ޓޫ-ސްޓެޕް ވެރިފިކޭޝަން އެކްޓިވޭޓް ކުރާށެވެ.

ޓޫ-ސްޓެޕް ވެރިފިކޭޝަން ހަދާނެ ގޮތް:

  • ޓެލެގްރާމް ސެޓިން.
  • ޕްރައިވަސީ އެންޑް ސެކިއުރިޓީ.
  • ޓޫ-ސްޓެޕް ވެރިފިކޭޝަން.
  • ސެކިއުރިޓީ ވަރުގަދަ ޕާސްވޯޑެއް ބޭނުންކުރުން.
  • ރިކަވަރީ އީމެއިލް އެޑްކުރުން.

ޓެލެގްރާމް އެކައުންޓު ރައްކާތެރިކުރުމަށްޓަކައި، ޓެލެގްރާމްގައި ޓޫ-ސްޓެޕް ވެރިފިކޭޝަން އެކްޓިވޭޓްކުރުމަކީ ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅެވެ.

އިތުބާރުކުރެވޭ ނުވަތަ ގާތް މީހެއްގެ ނަމުގައި މިފަދަ ލިންކު ފޮނުވިކަމުގައިވިޔަސް އެއަށް ސަމާލުކަންނުދޭށެވެ. އެއީ ޓެލެގްރާމް އެކައުންޓް ސްކޭމަރުންގެ އަތްދަށުލުމަށް ފަރުމާކޮށްފައިވާ ފިޝިން ލިންކެކެވެ. އެހެންކަމުން އެފަދަ ލިންކުތަކަށް ނުފިތުމަށް ފުލުހުން އިލްތިމާސްކުރެއެވެ.