ރާއްޖޭގެ އެއާޕޯޓުތަކުގައި މަސައްކަތްކުރާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އޭވީއެސްސީ) އޮފިސަރުންގެ ރަސްމީ މަސައްކަތު ވަގުތު ހަ ގަޑިއިރަށް ކުޑަކޮށްފި އެވެ.

މީގެ ކުރީން އޭވީއެސްސީގެ މުވައްޒަފުން ދުވާލަކު 8 ގަޑިއިރު މަސައްކަތް ކުރަން ޖެހެއެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ވަނީ، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރުންގެ މަސައްކަތު ގަޑި އާއި ޗުއްޓީ އަދި ބަންދު ދުވަސްތަކާއި ހިންގުމުގެ އިސްފަންތީގެ މުވައްޒަފުން އަމަލުކުރަން ޖެހޭ ގޮތުގެ ގަވާއިދަށް ފުރަތަމަ އިސްލާހު ގެނެސް ގެޒެޓު ކޮށްފައެވެ. އެ އިސްލާހަށް މިއަދުން ފެށިގެން ވަނީ އަމަލުކުރަން ފަށާފައެވެ.

އެ އިސްލާހުގައި ބުނީ، އޭވީއެސްސީ އޮފިސަރުންގެ ރަސްމީ މަސައްކަތު ވަގުތަކީ ދުވާލަކު ހަ ގަނޑިއިރު ކަމަށެވެ.

ގަވައިދަށް ގެނައި އިސްލާހާއެކު އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އޮފިސަރުންގެ އިތުރު ގަޑި ހިސާބު ކުރާނީ ދުވާލަކު ހަ ގަޑިރިއަށް ވުރެ އިތުރަށް މަސައްކަތް ކުރަން ޖެހި، ހުއްދަ ލިބިގެން މަސައްކަތް ކުރި ވަގުތަށެވެ.

އިސްލާހުގައިވާ ގޮތުން ރޯދަ މަހު މުވައްޒަފުންނަށް ލުއިވާނެހެން ދަންފަޅި ހަމަޖައްސަން ޖެހެއެވެ.

އިސްލާހުގައި އިތުރަށް ބުނީ، މުވައްޒަފަކު މަސައްކަތު ގަޑިއަށް ހާޒިރުވެފައި ވަނީ މަސައްކަތު ގަޑީގެ ތިން ގަޑިއިރަށް ވުރެ ގިނައިރު ފާއިތުވި ފަހުން ކަމުގައިވާ ނަމަ، އެ ދުވަސް ބަލާނީ އޮފީހަށް ހާޒިރުނުވާ ދުވަހެއްގެ ގޮތުގައި ކަމަށެވެ.