ސައްހަ ނޫން ޓްރާންސްފާ ސްލިޕް މައްސަލައިގައި ހިމެނޭ 80،000 އަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދައިފިއެވެ.
ފުލުހުން މިއަދު ބުނީ ސައްހަ ނޫން ޓްރާންސްފާ ސްލިޕް ފޮނުވައިގެން އެކި ފިހާރަތަކުން ވިޔަފާރިކުރި މައްސަލަތަކުގައި ގެއްލުންވި 80،000 އަށްވުރެ ގިނަ ރުފިޔާ އަނބުރާ އޭގެ ވެރިފަރާތަށް ހޯދައިދިނުމަށް ތަހުގީގުގެ ތެރެއިން ކުރި މަސައްކަތުން އެ ފައިސާ އެ ފަރާތްތަކަށް ހޯދައިދީފައިވާ ކަމަށެވެ.
އެ ފައިސާއަކީ އެކި ފިހާރަތަކަށް ސައްހަ ނޫން ސްލިޕް ފޮނުވައިގެން އެ ފިހާރަތަކުން ނަގާފައިވާ މުދަލަށްވާ ފައިސާ ކަމަށާއި އެ މައްސަލައަކީ މި އަހަރުގެ މެއި މަހުގެ އެކި ދުވަސް މަތިން، ހުޅުމާލޭގައި ހުންނަ ފިހާރައަކުން ސައްހަ ނޫން ސްލިޕްތަކެއް ފޮނުވައިގެން މުދާ ގަނެފައިވާތީ، މެއި މަހުގެ 16 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައިގެ ތަހުގީގުގައި، އިތުރަށް ބެލިބެލުމުން މާލެއާއި ހުޅުމާލެ ހިމެނޭގޮތަށް އެކި ފިހާރަތަކުށް، ބޭންކު ޓްރާންސްފާ ސައްހަ ނޫން ސްލިޕް ފޮނުވައިގެން މަކަރާއި ހީލަތުން މުދާ ހޯދާފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި މައްސަލައިގައި ތުހުމަތުކުރެވޭ ޒައިދާން މުހައްމަދު ހާޝިމް ކުއްޔަށް ހިފާފައިވާ ހިޔާ ފްލެޓްގެ ދެ އެޕާޓްމަންޓަކަށް، ސައްހަ ނޫން ސްލިޕް ފޮނުވައިގެން ގަނެފައިވާ ކަމަށް ބެލެވޭ މުދާތައް ވައްދާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ އެޕާޓްމަންޓުތައް ބަލައި ފާސްކުރި އިރު، މައްސަލައިގެ ތަހުގީގާ ގުޅުންހުރި ތަކެތި ފެނިފައިވާ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ގ. ސިނަމާލެ 1 05-13، ޒައިދާން މުހައްމަދު ހާޝިމް (28އ) އަދި އޭނާގެ އަންހެނުން އަފްރިން އަކްތަރު، ބަންގްލަދޭޝް (30އ) އެވެ.
ކޯޓު އަމުރެއްގެ ދަށުން މިދިޔަ މަހުގެ 17 ވަނަ ދުވަހު އެ ދެ މީހުން ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޒައިދާން 15 ދުވަހަށް ބަންދުކުރުމަށް އަދި އަފްރިން ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނީ މައްސަލައިގެ ތަހުގީގަށް އެ ދެ މީހުން އިތުރަށް ބަންދުގައި ބޭތިއްބުމަށް ނުފެންނާތީ ދެ މީހުން ވެސް ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފައި ކަމަށާއި އެ މައްސަލަތައް ތަހުގީގުކުރަމުންގެންދާ ކަމަށެވެ.
ފާތިމަތު ލިއުޝާ
ޕޮލިސް
ޕޮލިސް
ޕޮލިސް