އއ. މާޅޮހުން: މުހައްމަދު އިޝާން - ވަން އޮންލައިން

މި ރަށު މީހެއް ކައިރީ ރަށް ސިފަކުރަނީ ކިހިނެއްތޯ އަހާލައިފިނަމަ ބުނަނީ ކުށް މަދު އަމާން ރަށެއް ކަމަށެވެ. މި ކުޑަކުޑަ، އަމާން ރަށަށް މިއަދު ސިހުން ގެނުވީ އަނިޔާވެރި މަރެއްގެ ހަބަރާއެކުގައެވެ. މި ރަށު އޯކިޑްމާގެ، އުމުރުން 65 އަހަރުގެ އަބްދުއްރަހުމާން އާދަމަށް ރަހުމް ކުޑަކޮށް ހަމަލާދީ އަނިޔާވެރި ގޮތަކަށް މަރައިލީއެވެ.

އަބްދުއްރަހުމާން އާއި އޭނާގެ އަންހެނުން ދިރިއުޅެނީ މާހިޔާގޭގަ އެވެ. އަބްދުއްރަހުމާނަށް ރޭ ހަމަލާދީ މަރާލާފައިވާއިރު އޭނާގެ އަންހެނުން ނިދާފައި އޮތީ އެހެން ކޮޓަރިއެއްގައެވެ. މި ރަށުގެ މީހުންނާ ސުވާލު ކުރުމުންވެސް އެ ދެމަފަރީންގެ މެދުގައި މައްސަލައެއް ޖެހިގެން އުޅޭކަން އެނގުނު މީހަކާ ދިމަލެއް ނުވެއެވެ. އަބްދުއްރަހުމާނަށް ހަމަލާދިންއިރު އޭނާގެ ކުދީން ތިބީ ރަށުން ބޭރުގައެވެ.

އަބްދުއްރަހުމާން ޒަހަމްވެފައި ވަނިކޮށް ފެނުނު ފަހުން، އެތަނަށް އެންމެ ކުރީން ދިޔަ މީހުންގެ ތެރޭގައި ހިމެނޭ މި ރަށު ކައުންސިލްގެ ރައީސް އިސްމާއިލް ނަސީރު "ވަން" އަށް މިއަދު ވިދާޅުވީ އަބްދުއްރަހުމާނަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށެވެ. އޭނާ ބޯ ވެސް ވަނީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފައިކަމަށް އިސްމާއިލް ވިދާޅުވިއެވެ.

އަބްދުއްރަހުމާނަށް ލިބުނު އަނިޔާގެ ވޭނުގައި ރޯ އަޑު އެންމެ ފުރަތަމަ އިވުނީ އެހެން ކޮޓަރިއެއްގައި ރޭ ނިދާފައި އޮތް އޭނާގެ އަންހެނުންނަށެވެ. މި ޚަބަރު އެންމެ ފުރަތަމަ އެކި ފަރާތްތަކަށް ދިނީ އަންހެނުންނެވެ.

ކައުންސިލް ރައީސް ވިދާޅުވީ ރަށުގައި ކަމެއް ހިނގާނަމަ ކޮންމެވެސް ފަރާތަކުން އޭނާއަށް ގުޅާނެ ކަމަށެވެ. މި މައުލޫމާތު ލިބިގެން އެތަނަށް ވަޑައިގެންނެވިއިރު، 15 ވަރަކަށް މީހުން އޭރު އެތަނުގައި ހަރަކާތްތެރިވަމުންދިޔަކަމަށް އިސްމާއިލް ވިދާޅުވިއެވެ.

އޭރު އަބްދުއްރަހުމާން އޮތީ ފާޑަކަށް ހޭނެތިފައި ކަމަށާއި އެހެންނަމަވެސް ނޭވާލަމުން ދިޔަ ކަމަށް އިސްމާއިލް ވިދާޅުވިއެވެ. މާޅޮހު ސިއްހީ މަރުކަޒަށް އަބްދުއްރަހީމް ގެންގޮސް، އޭނާ މާލެއަށް ފޮނުވާލުމުގެ ކަންކަން ހަމަޖެއްސުމުގެ ގޮތުން ވަރަށް ގިނަ ފަރާތްތަކަށް ގުޅައިފައި ވާނެކަމަށާއި ނަމަވެސް މޫސުމާއި ގަޑީގެ ގޮތުން މާލެއަށް ފުރުވައިލެވޭނެ ގޮތް ހަމަނުޖެހުނު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ނަމަވެސް ފަހުން ކޯސްޓް ގާޑުން ހަމަޖެހުނުއިރު އަބްދުއްރަހީމް ނިޔާވެއްޖެ" އިސްމާއިލް ވިދާޅުވިއެވެ.

އިސްމާއިލް ވިދާޅުވީ ފުލުހުން އަބްދުއްރަހުމާންގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުން އަންނައިރު އަދި މާގިނަ މައުލޫމާތެއް ފުލުހުންގެ ފަރާތުން ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. ފުލުހުން ވަނީ އެ ރަށަށް އަރައި ފާބައި ހަދަންވާނީ ފުލުހުންގެ ހުއްދައާއެކު ކަމަށް ނިންމައި ކައުންސިލަށް އެކަން އަންގައިފައި ކަމަށެވެ.

13 ޖުލައި 2025، އއ. މާޅޮސްގެ އޯކިޑްމާގެ، އަބްދުއްރަހުމާން ހަމަލާދީފައިވަނީ ގޭގައި ނިދާފަތް އޮތްވާ ---- ވަން ފޮޓޯ

އޭނާ ވިދާޅުވީ ފުލުހުން އެ އެންގުމަށްފަހު އެ ރަށުން މީހަކު ފުރައިގެންދިޔަކަމުގެ މައުލޫމާތު ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. ރޭ މެންދަމުވެސް ރަށުން މީހަކު ފުރައިގެން ދިޔުމުގެ ފުރުސަތު ކުޑަވާނެ ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.

ރަށުގެ ގިނަ މީހުން ބުނާގޮތަށް އިސްމާއިލް ނަސީރުވެސް ވިދާޅުވީ މާޅޮހަކީ ކުށް މަދު އަމާން ރަށެއް ކަމަށެވެ.

"މިއީ ވައްކަމުގެ މައްސަލަތައްވެސް މަދު ރަށެއް. އެހެންވީމަ ރަށު ގޭގޭގައި ތަޅެއްވެސް ނުލާނެ. ރާއްޖޭގެ އެހެން ރަށްރަށާ އަޅައިބަލާއިރު މަސްތުވާތަކެތީގެ މައްސަލަވެސް މިރަށުގަ މަދުވާނެ. ދެން މިވަރުގެ ކަމެއް ކޮށްފާނެ ކަމަކަށް މީހަކު ހީވެސް ނުކުރާނެ." އިސްމާއިލް ވިދާޅުވިއެވެ.

ރަށުގައި އެހާ އަނިޔާވެރިކޮށް މީހަކު މަރާލުމުން އިސްމާއިލް އަދި ރަށުގެ ގިނަ މީހުން ތިބީ އަމާންކަން ގެއްލިގެން ދިޔަކަމުގެ ސިހުމުގައެވެ. މީ އެއްވެސް ވަރަކަށް އުންމީދު ކުރި ވަރުގެ ކަމެއްނޫންކަމަށް އެ ފަރާތްތަކުން ބުންޏެވެ.

އަބްދުއްރަހުމާން ޒަހަމްތަކަކާއެކު ފެނުނު މީހަކު "ވަން" އަށް ބުނީ ބޮލަށް އަނިޔާކޮށްފައި ހުރުމުގެ އިތުރުން އޭނާގެ ލޮލަށްވެސް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށެވެ. ލޯމަތި ހުރީ ނޫފައިގެންފައިކަމަށް އޭނާ ބުންޏެވެ. އަބްދުއްރަހުމާންގެ ނިތްކުރި މަތީންނާއި ބޮލުގެ އަރިމަތީން ވަރަށް ބޮޑަށް ފަޅައިގެންގޮސްފައިވާ ކަމަށާއި ފުއްކިބައިންވެސް ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާކަމަށް "ވަން"އަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

"މުޅިތަނުގައި ލޭ، އަބްދުއްރަހުމާން އޮތް އެނދުގައާއި ބެޑްޝީޓުގައި އަދި ކޮޓަރީގެ ފާރުގަވެސް ހުރީ ހުސް ލޭ. ލޭ ބޮކިތަކެއްވެސް ޖަހާޖަހާ ހުރި. އޭނާ އޮތީ ހޭނެތިފަ ފާޑަކަށް. އެކަމަކުވެސް ނޭވަލަމުންދިޔަ އަޑު އިވުނު" އެ މީހާ ކިޔައިދިނެވެ.

އަބްދުއްރަހުމާން ހޮސްޕިޓަލަށް ގެންދިޔައިރު އަނގައިން ގިނަ އަދަދަކަށް ލޭއައިސް ހޮޑުލެވުނުކަމަށްވެސް އޭނާ ބުންޏެވެ.

13 ޖުލައި 2025، އއ. މާޅޮސްގެ މާހިޔާ ގެ، އަބްދުއްރަހުމާންގެ ހަށިގަނޑު މާލެ ގެނައުން --- ވަން ފޮޓޯ/ ފާތިމަތު ލިޔުޝާ

ފުލުހުންގެ ހާއްސަ ތަހުގީގު ޓީމެއް މިއަދު މި މަރުގެ މައްސަލައަށް މާލެއިން، މި ރަށަށް ވަނީ އައިސްފައެވެ. މި މަރާ ގުޅިގެން ފުލުހުން އަދި މާގިނަ މައުލޫމާތުތަކެއް ހާމައެއް ނުކުރެއެވެ.

އަބްދުއްރަހުމާންގެ ހަށިގަނޑުގެ ޕޯސްޓްމޯޓަސް ހެދުމުގެ ގޮތުން މިއަދު ފުލުހުންގެ ލޯންޗެއްގައި ވަނީ މާލެއަށް ގެންގޮސްފައެވެ. މާލެއިން ހަށިގަނޑު ފޮނުވާލާނީ އިންޑިއާއަށެވެ.

އަބްދުއްރަހުމާންގެ މަރުގެ މައްސަލަ ގިނަ ބަޔަކު ގުޅުވަނީ ސިހުރާއެވެ. ރަށުގައި މިއަދުވެސް އެ ވާހަކަތައް ދެކެވެމުންދާކަމަށް ގިނަ ފަރާތްތަކުންވަނީ މައުލޫމާތު ދީފައެވެ. އެހެން ނަމަވެސް، އޭނާގެ އާއިލާއިން އެ ތުހުމަތުތައް ދޮގުކުރެއެވެ.

މިހާރު މިއީ ކުރީން މިރަށު މީހުން ގަބޫލުކުރި ފަދަ އަމާން ރައްކާތެރި މާޅޮހެއް ނޫނެވެ. އެންމެންވެސް ތިބީ ބިރުވެރިކަމުގައެވެ. އަމާންކަމުގެ އިހުސާސެއް ނުކުރެވެއެވެ. ކުރީން ބެހެއްޓިޔަސް، މިރޭ އެއްވެސް ގެޔަކު ދޮރު ތަޅުނުލައެއް ނުބަހައްޓާނެ އެވެ.