ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ޚާން އަށް ދިން ހަމަލާއާ ގުޅޭ އިތުރު މައުލޫމާތުތަކެއް އޭނާގެ ސެކިއުރިޓީ ބަލަހައްޓާން ހަމަޖެއްސި ކުންފުނީގެ ވެރިފަރާތް އަދި އެކްޓަރު ރޮނިތު ރޯއި ކިޔައިދީފިއެވެ.

އޭނާ ބުނެފައިވާގޮތުގައި، ޖެނުއަރީ 16 ވަނަ ދުވަހު ސައިފަށް ވަޅީން ހަމަލާ ދިންތާ މާގިނައިރުތަކެއް ނުވެ، އޭނާގެ އަންހެނުން ކަރީނާ ކަޕޫރު ޚާންގެ ކާރަށްވެސް ހަމަލާއެއް ދީފައިވެއެވެ. މި ދެމަފިރީންގެ ސެކިއުރިޓީ ބަލަހައްޓަމުން ދިޔައީ ރޮނިތުގެ ސެކިއުރިޓީ ކުންފުނިންނެވެ.

ރޮނިތު ބުނިގޮތުގައި، ސައިފަށް ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލުމަށްފަހު ގެއަށް ދަނިކޮށް، ގިނަ އަދަދެއްގެ މީހުންނާއި މީޑިއާވެސް ތިބިތަނެއްގައި ކަރީނާގެ ކާރަށް ހަމަލާއެއް ދިން ކަމަށާއި އެކަމުގެ ސަބަބުން ކަރީނާ ވަރަށް ބިރުގަތް ކަމަށެވެ.

މިހާދިސާ ހިނގުމަށްފަހު ސައިފްމެން ދިރިއުޅޭ ބާންދްރާގެ ގޭގެ ސެކިއުރިޓީ ކަންކަން އިތުރަށް ދިރާސާކޮށްފައި ކަމަށާއި ރައްކާތެރިކަމަށް އެޅިދާނެ އިތުރު ފިޔަވަޅުތަކުގެ މައްޗަށް ނަސޭހަތް ވެސް ދީފައިވާ ކަމަށް ރޮނިތު ބުނެފައިވެއެވެ.

ސައިފަށް ހަމަލާދީފައިވަނީ އޭނާގެ ގެއަށް ވައްކަން ކުރާ ވަތް މީހެކެވެ. އެ ހަމަލާ އަމާޒުވީ ސައިފުގެ އެންމެ ހަގު ފިރިހެން ދަރިފުޅު ޖޭ ސަލާމަތްކުރާން އުޅުމުގެ ތެރޭގައެވެ. މި ހަމަލާގައި ސައިފްގެ ގަޔަށް އެތައް ފަހަރަކު ވަޅި ޖަހާފައިވާއިރު، އޭނާގެ ބުރިކަށިން 2.5 އިންޗީގެ ތިލައެއް ނެގުމަށްފަހު 5 ގަޑިއިރުގެ އޮޕަރޭޝަނެއް ކޮށްފައިވެއެވެ.

މިހާދިސާގެ ސަބަބުން ސައިފްގެ އާއިލާއަށް ބޮޑު ބިރުވެރިކަމެއް ކުރިމަތިވެފައިވާ ކަމަށާއި، ކަރީނާ ވަނީ ފޮޓޯގްރާފަރުން އޭނާގެ ދަރީން ތައިމޫރު އާއި ޖޭގެ ފަހަތުން ނުދިޔުމަށް އެދިފައި ކަމަށްވެސް ރޮނިތު ބުނެފައިވެއެވެ.