ބޮލީވުޑްގެ އެކްޓްރެސް އަދި ޕްރޮޑިއުސަރު، އާލިއާ ބަޓްގެ ކުރީގެ ސެކްރެޓަރީއެއް ކަމަށްވާ ވެދިކާ ޝެޓީ، އާލިއާ އަތުން 77 ލައްކަ ރުޕީސްގެ މަކަރެއް ހެދި މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހެޅީ އާލިއާގެ މަންމަ، ސޯނީ ރަޒްދާނެވެ.

ވެދިކާގެ މައްޗަށް ތުހުމަތުކުރެވޭ ގޮތުގައި، އޭނާ ވަނީ 2021 އިން 2024 އާއި ހަމަޔަށް އާލިއާގެ ސޮއި ފޯޖުކޮށް، 76.9 ލައްކަ ރުޕީސްގެ މަކަރު ހަދާފައެވެ. މި މައްސަލަ ރަޖިސްޓްރީ ކުރިތާ ފަސް މަސް ފަހުން ވެދިކާ ހައްޔަރުކުރީ ބެންގަލޫރުންނެވެ.

އާލިއާ ބަޓަކީ މިހާރުގެ އެންމެ މަސައްކަތް ގިނަ އަދި އެންމެ ބޮޑު މުސާރައެއް ލިބޭ އެއް އެކްޓްރެސް އެވެ. އޭނާ ގެންދަނީ ކުޑަކުދީންގެ ހެދުން ވިއްކާ ބްރޭންޑަކާއި ޕްރޮޑަކްޝަން ހައުސްއެއްވެސް ހިންގަމުންނެވެ. މިހާރު އޭނާ މަސައްކަތްކުރަމުން އަންނަނީ އޭނާގެ އަންނާން އޮތް ފިލްމު 'އަލްފާ'ގެ ޕްރޯމަންޝްގެ މަސައްކަތުގައެވެ.