އެމެރިކާގެ ޓެކްސަސްގައި ފެންބޮޑުވެ މަރުވި މީހުންގެ އަދަދު 107 އަށް އަރައިފިއެވެ.

ޓެކްސަސްގެ ފެންބޮޑުވީ އެ ސިޓީގެ މެދުތެރޭ ސަރަހައްދަށް މިދިޔަ ހުކުރު ދުވަހު މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެ ސަރަހައްދުގައި އޮންނަ ކޯރެއް ބަންޑުން ޖަހާލުމުގެ ސަބަބުންނެވެ.

މި ހާދިސާގައި މަރުވި މީހުންގެ އަދަދު 107 އަށް އަރާފައިވާއިރު ގިނަ އަދަދެއްގެ ބަޔަކު ގެއްލިފައިވާ ކަމަށްވެސް އޮފިޝަލުން ބުނެއެވެ. ގެއްލުނު މީހުންގެ އަދަދު ޔަގީން ނުވާއިރު ޓެކްސަސްގެ ސަރުކާރުން ވަނީ މީހުން ހޯދުމަށް ކަމާބެހޭ ފަރާތްތަކާއި އާންމުންނާ ގުޅިގެން ބޮޑު އޮޕަރޭޝަނެއް ފަށައިފައެވެ.

ގެއްލުނު މީހުން ހޯދުމަށް ބޮޑު އޮޕަރޭޝަނެއް ފަށާފައިވާއިރު ބޯކޮށް ވާރޭހުމާއި ގުގުރުމުގެ ސަބަބުން އެ މަސައްކަތަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.

ޓެކްސަސްގައި ފެންބޮޑުވި ސަރަހައްދުގައި އެދުވަހު ކުރިޔަށްދިޔަ ކުޑަކުދީންގެ ކޭޕްމެއްގައި ތިބި ކުޑަކުދީންނާއި އެތަނުގެ މުވައްޒަފުންގެ ތެރެއިން 27 މީހަކު މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނާއިރު މިހާތަނަށް ފަސް މީހަކު ގެއްލިފައިވާކަމަށްވެސް ރިޕޯޓުތަކުން ބުނެއެވެ.

ޓެކްސަސް އަށް ހުކުރު ދުވަހު ވެހުނު ވާރޭގެ މައުލޫމާތު އެ ސަރަހައްދުގެ މީޓިއޮރޮލޮޖީ އިދާރާއިން ހާމަކޮށްފައި ނުވާއިރު އެމެރިކާގެ ވައިޓްހައުސްގެ ޕްރެސް ސެކެރެޓަރީ ކެރޮލައިން ލެވިޓް ވަނީ އެއީ ގުދުރަތީ ކާރިސާއެއް ކަމަށް ނިންމާފައިވާކަމަށް ބުނެފައެވެ.