ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލުތަކުގެ މައްސަލަތައް ބަލައި، އެކަމަށް ހަދާ އިންކުއަރީ ރިޕޯޓުތައް އާންމުކުރަން ނިންމައިފިއެވެ.
އެލްޖީއޭގެ އިންކުއަރީ ރިޕޯޓުތައް އާންމުކުރަން ނިންމާފައިވާ އިރު، މިދިޔަ މަހު އެލްޖީއޭއިން ވަނީ ތިނަދޫ ސިޓީ ކައުންސިލުގެ މައްސަލައެއް ބަލައި، ތިނަދޫގެ މޭޔަރު ސައުދު އަލީ އަދި އެ ސިޓީގެ ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ އެއް މަސް ދުވަހުގެ މުއްދަތަކަށް ސަސްޕެންޑުކޮށްފައެވެ.
އެލްޖީއޭ އިން މައްސަލަ ބެލުމުގައި އަމަލުކޮށްފައިވަނީ ލާމަރުކަޒީ ގާނޫނާއި އެހެނިހެން ގާނޫނުތަކާ ހިލާފަށް ކަމަށާއި އަދި ފިޔަވަޅު އަޅާފައިވަނީ އެކަމަށް އޮންނަ އިޖުރާއަތްތަކުގެ ބޭރުން ސިޔާސީ ނުފޫޒުން ކަމަށްބުނެ، ސައުދާއި ނަސްރުﷲ ގެ ފަރާތުން މިދިޔަ އާދީއްތަ ދުވަހު އެ މައްސަލަ ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފައެވެ.
އެލްޖީއޭގެ ރައީސް އަދި ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެލްޖީއޭ އިން ހަދާ ކައުންސިލުތަކުގެ އިންކުއަރީ ސަމަރީ ރިޕޯޓުތައް ކުރިމަގުގައި އާންމުކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
"ބޭނުމަކީ އެލްޖީއޭގެ ޓްރާންސްޕޭރަންސީ އިތުރުކުރުމާއި ކައުންސިލުތަކުން ޖަވާބުދާރީވުމާއި ޒިންމާދާރުވުން އިތުރުކުރުމަށް މަގުފަހިކޮށްދިނުމާއި ގުޑް ގަވަނަންސްގެ ހަމަތައް ދަމަހައްޓަން މަގުފަހިކޮށްދިނުން،" މިނިސްޓަރު ވިދާޅުވިއެވެ.
އެލްޖީއޭ އިން މިދިޔަ މަހުގެ 25 ގައި ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ތިނަދޫ ކައުންސިލުގެ އިންކުއަރީއެއް ހަދާފައިވަނީ އެ ކައުންސިލާ ގުޅޭގޮތުން ހުށަހެޅިފައިވާ 19 މައްސަލައެއް ބެލުމަށް ކަމަށެވެ.
އެ އިންކުއަރީގައި ކައުންސިލް މެންބަރުންނާއި ކައުންސިލް އިދާރާގެ މުވައްޒަފުންގެ ބަޔާން ނަގައި ލިޔެކިޔުންތައް ދިރާސާކޮށްފައިވާ ކަމަށާއި އިންކުއަރީއަށްފަހު ތިނަދޫ މޭޔަރާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑުކޮށް، ކައުންސިލުގެ އިތުރު ބައެއް މެންބަރުންނަށްވެސް ފިޔަވަޅު އަޅާނެ ކަމަށް އެލްޖީއޭ އިން ބުނެފައިވެއެވެ.
އެލްޖީއޭ
އެލްޖީއޭ
އެލްޖީއޭ
އެލްޖީއޭ