ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސިނާން މަޖިލިސް މެންބަރުކަމުން ވަކިވެެފައިވާ ކަމަށާއި، އެ ދާއިރާގެ ގޮނޑިި އޭނާއަށް ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް އެެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅޭ، ސިނާންގެ ބޭންކް ސްޓޭޓްމެންޓްތައް އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި، ގއ. ދާންދޫ މުލައްމާގެ ގާލިބް ސަލީމާއި އޭނާގެ ފަރާތުން ވަކާލާތު ކުރައްވާ، ގ. ފުންވަޅު އިބްރާހިމް ޝިޔާމް އާއި މ. މުނިޔާގެ އަލީ ހުސެއިނަށް ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.
މެންބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް ކޯޓަށް ހުށަހެޅީ އޭނާގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏެއް ހުކުމާ އެއްގޮތަށް ދަކަމުންނުދާ ކަމަށް ބުނެއެވެ. އެއީ ސިނާނާއި އިތުރު ތިން މީހެއް ހިމެނޭގޮތަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނަށް ދައްކަން ޖެހި، ނުދައްކާ އޮތް 2.5 މިލިއަން ރުފިޔާ ދެއްކުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފައިވާ މައްސަލައެކެވެ.
އެ ފައިސާ ދައްކަން މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.
މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމުގައި ވަނީ، އެ ފައިސާ ހަ މަސް ތެރޭ ކޮންމެ މަހަކުވެސް އެ މަހަކަށް ޖެހޭ އަދަދަށްވުރެ މަދު ނޫން އަދަދެއް ދެއްކުމަށެވެ. އެ ފައިސާ ދައްކަމުން ނުދާ ކަމަށްބުނެ، އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ގާލިބު ސަލީމެވެ.
ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ)ގެ އެއްވަނަ ނަންބަރުގައި ބުނަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކީ، އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކަށް ވެފައި، އެ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުގެންދާ ނަމަ އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ބެންޗް ހަމަނުވެެގެން ގިނަ ދުވަސްތަކެއްވަންދެން މައްސަލައިގައި ލޮކް އެޅުވިފައި އޮތުމަށްފަހު އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވީ މިދިޔަ މަހުގެ 25 ގައެވެ.
އެ އަޑުއެހުން ނިންމަވައިލައްވަމުން، އެ މައްސަލަ ބައްލަވާ، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު އާއިޝާ ޝުޖޫން، މައްސަލަ ރައްދުވާ، ސިނާންގެ ވަކީލު މޫސާ އަލީއަށް، އެ މައްސަަލައިގައި ހިމެނޭ ފައިސާ ސިނާން ދެއްކި ގޮތުގެ ބޭންކް ސްޓޭޓްމެންޓެއް ހުށަހެޅުމަށް އެންގެވިއެވެ. އަދި އެ ސްޓޭޓްމެންޓްތައް މައްސަލަ ހުށަހެޅި ފަރާތާ ހިއްސާ ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ލޯނު ދެއްކުމުގެ ގޮތުން ސިނާން އެމްއައިބީއާއެކު ކޮށްފައިވާ މުއާމަލާތްތަކާއި ބޭންކް ސްޓޭޓްމެންޓްތަކާ ބެހޭ މައުލޫމާތުތައް މިމަހު ތިނެއްގެ ކުރިން ކޯޓަށް ފޮނުވުމަށްވެސް، މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ އެމްއައިބީއަށް އަމުރުކޮށްފައެވެ.
ނަމަަވެސް އެ ތިން މީހުންގެ މައްޗަށް މިއަދު ސުޕްރީމް ކޯޓުން ނެރުނު އަމުރުުގައި ވަނީ، އެ ކޯޓުން ކުރިއަށްގެންދާ "ސިނާން މައްސަލައިގެ" ގަޒިއްޔާއާ ގުޅިގެން އެމްއައިބީއިން ފޮނުވާފައިވާ "ސްޓޭޓްމެންޓް އޮފް އެކައުންޓް"ގައިވާ މައުލޫމާތަކީ ބޭންކިންއާ ބެހޭ ގާނޫނުގެ 41 ވަނަ މާއްދާގައި ބަޔާންކުރާ ބާވަތުގެ މައުލޫމާތުތަކަށްވާތީ، އެ މައުލޫމާތުތައް އިތުރު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް އަމުރުކުރާ ކަމަށެވެ.
އިބްރާހިމް ޒަކީ
ސުޕްރީމް ކޯޓް