ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ތަރައްގީކުރި ބައެއް ބައިތައް ދުބާއިގެ ޖެޓެކްސް ކުންފުންޏަށް 25 އަހަރަށް ދޭން އުޅޭކަމަށް ބުނެ އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ރިޔާސަތުން ބަލައި ނުގަނެ ބޭރުކޮށްލައިފި އެވެ.
އެމްޑީޕީގެ ފަރާތުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެން ޒިޔާދު (ފިއްޓޭ) ހުށަހެޅި މައްސަލަ ބޭރުކޮށްލަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކުއްލި މައްސަލަތަކުގައި ހަމަވާން ޖެހޭ ޝަރުތު އެ މައްސަލައިގައި ހަމަނުވާ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 197 ވަނަ މާއްދާގެ ކުއްލި މައްސަލައިގައި ހަމަވާން ޖެހޭ ސިފަތައް ބަޔާންކޮށްފައިވާއިރު އެ މައްސަލައަކީ ހަގީގަތެއްގެ މައްޗަށް ބިނާކޮށް ހުށަހެޅޭ ކަމަކަށް ވުމަކީ އެ މާއްދާގެ ކ ގެ ދަށުން ކުއްލި މައްސަލައެއްގައި ފުރިހަމާވާން ޖެހޭ ސިފައެއް،"
"އިއްޒަތްތެރި މެންބަރު ފޮނުވާފައިވާ ކުއްލި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 197 ވަނަ މާއްދާގެ ކ ގައި ބަޔާންކޮށްފައިވާ މި ދެންނެވި ޝަރުތު ފުރިހަމަ ނުވާތީ އެ މައްސަލަ ހުށަހެޅުއްވެން ނެތް ވާހަކަ ދަންނަވަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޒިޔާދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވާ ގޮތުގައި ވީއައިއޭގައި އަލަށް ތަރައްގީކުރާ ތަންތަނުގެ ތެރެއިން ސީއައިޕީ ޓާމިނަލް ހިންގުމަށާއި ރާއްޖެއަށް އަންނަ ޖެޓުތަކުގެ ގްރައުންޑު ހެންޑްލިން އާއި، ތެޔޮ ވިއްކުމާއި މި ނޫނަސް އެކަމާގުޅޭ އެންމެހައި ހިދުމަތްތައް ދިނުމަށް ޖެޓެކްސް ކުންފުންޏަށް 25 އަހަރަށް ފިނުަމށް އެމްއޭސީއެލް އިން މަސައްކަތްކުރަމުން އަންނަ ކަމަށް ހަބަރުތައް ލިބެމުންދާ ކަމަށެވެ.
ނަމަވެސް އެވާހަކަތައް އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު ވަނީ މިފަހުން ދޮގުކުރައްވައިފަ އެވެ.
ޒިޔާދުގެ ކުއްލި މައްސަލައިގައި ފާހަގަކޮށްފައިވާ ކަންކަން:
- ޖެޓެކްސްއަށް އެއާޕޯޓުން ބައެއް ކުއްޔަށް ދޭން އުޅެނީ ސަރުކާރުގެ ކޮންމެވެސް ބަޔަކަށް ނާޖާއިޒު މަންފާތަކެއް ހޯދަން ކަަމށް ބެލެވޭކަމަށް
- އެފަދަ ކަމެއް ކޮށްފިނަމަ ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް
- އެފަދަ ކަމެއް ކޮށްފިނަމަ ދައުލަތުގެ އާމްދަނީއަށް އަސަރުކުރާނެ ކަމަށް؛ ފާއިތުގެ އަހަރުގެ ހިސާބަށް ބަލައިގެން އަންދާޒާ ކުރާނަމަ، މަދުވެގެން 7 މިލިއަން ޑޮލަރު އެމްއޭސީއެލްއަށް ގެއްލޭނެ ކަމަށް، އެއީ ނިމިދިޔަ އަހަރު މަދުވެގެން 12 މިލިއަން ޑޮލަރު ދައްކާފައިވާއިރު ޖެޓެކްސް އިން ހުށަހަޅަނީ އެންމެ 5 މިލިއަން ޑޮލަރު ކަމަށް
- ރާއްޖޭން ބޭރުވާ ޑޮލަރުގެ އަދަދު އިތުރުވެ ޑޮލަރުގެ ދަތިކަން އިތުރުވާނެ ކަމަށް؛
- ވީއައިއޭގެ ޖެޓްތަކަށް ދޭ ގްރައުންޑު ހޭންޑްލިން އާއި ތެޔޮ ވިއްކުން ފަދަ ހިދުމަތްތައް ދިވެހި ކުންފުނިތަކުން ދެމުން އަންނައިރު ޖެޓެކްސްއަށް އެ "އެކްސްކްލޫސިވިޓީ" ދިނުމުން ދިވެހި ކުންފުނިތަކުގެ ވިޔަފާރި ގެއްލި އެތައް ދިވެހީންނަކަށް އޭގެ އަސަރުކުރާނެ ކަމަށް
"އަދި މިކަމަކީ ދިވެހިރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ މުހިންމު އެއާޕޯޓު ބައިބައިކޮށް ފޮތިފޮތިކޮށްގެން ބޭރުގެ ފަރާތްތަަކަށް ދީގެން އެ އެއާޕޯޓު ވިއްކައިލުމުގެ ފެށުންކަން އެނގޭ ހިނދު، އިސްވެ ދެންނެވުނު ކަންކަމަކީ ރައްޔިތުންގެ ކަންބޮޑުވުން ނުހަނު ބޮޑަށް އޮތް ކަމެއް ކަމަށްވެފައި މުޅި އިގްތިސޯދަށް ނުހަނު ބޮޑު ގެއްލުމެއް ވެދާނެ އަދި މުޖުތަމައުގެ އާންމު މަސްލަހަތާ ސީދާ ގުޅިފައިވާ ކަމެއް ކަމަށްވީތީ މިކަން މި ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު 192 ވަނަ މާއްދާގެ (ހ)ގެ ދަށުން މި ކުއްލި ަމއްސަލަ ހުށަހަޅަމެވެ،" ޒިޔާދު ހުށަހެޅި ކުއްލި މައްސަލަ ނިންމާލަމުން ބުނެފައިވެ އެވެ.
އާއިޝަތު މާހާ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް