ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެދާނެ ކަމަށް ބުނެ ސަމާލުވާން އަންގައިފިއެވެ.

ޖަޕާނުގެ ސަރުކާރުން ބުނެފައިވަނީ އެގައުމުގެ ހުޅަނގު ދެކުނު ސަރަހައްދަށް ބާރުގަދަ ބިންހެލުމެއް އަތުވެދާނެ ކަމުގެ ނިޝާންތަކެއް ފެނިފައިވާކަމަށެވެ.

މި ހާލަތުގައި ބޮޑު ކާރިސާއެއް ކުރިމަތި ވާނޭ ކަމެއް ބުނެ، ބައެއް ފަރާތްތަކުން އަންނަނީ ވާހަކަތައް ފަތުރަމުން ކަމަށް ރިޕޯޓުތައް ބުނެއެވެ. އެފަދަ ވާހަކަތައް ގަބޫލު ނުކުރުމަށް ޖަޕާނު ސަރުކާރުން ވަނީ އާންމުންނަށް އިލްތިމާސް ކޮށްފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޖަޕާނުގެ ކަގޮޝިމާ ސަރަހައްދަށް ކުދި ބިންހެލުންތަކެއް ގެ އަސަރު ފާހަގަވެފައިވާއިރު 5.4 މެގްނިޓިއުޑްގެ ބިންހެލުމެއް އިއްޔެ އެ ސަރަހައްދަށް އައި ކަމަށް އެ ގައުމުގެ މޫސުމާބެހޭ އިދާރާއިން ބުނެފައިވެއެވެ.

ޖަޕާނުގެ މޫސުމާބެހޭ އިދާރާގެ ޑިރެކްޓަރު އަޔާޓަކާ އެބިޓާ ނޫސްވެރީންނަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިހާތަނަށް އެއްކުރެވިފައިވާ މައުލޫމާތުތަކުން ބާރުގަދަ ބިންހެލުމެއް އަންނާނީ ކޮން އިރަކު ކޮން ސަރަހައްދަކަށް އަދި ކިހާ ބާރުމިނެއްގައި ކަން ބުނާން ނޭނގޭކަމަށެވެ. ކުދި އަދި ގިނަ ބިންހެލުންތަކުގެ ސަބަބުން ބޮޑު ބިންހެލުމެއް އަތުވެދާނެ ކަމަށް ބެލެވޭ ކަމަށް ވެސް ބުނެފައިވެއެވެ.

އަޔާޓަކާ ބުނީ ސައިންސުގެ ދާއިރާއިން ލިބޭ މައުލޫމާތަށް ބިނާކޮށް މީހުން އެކަމަށް ސަމާލުވުމަކީ މިހާރު އެންމެނަށް ވެސް ރައްކާތެރި ގޮތް ކަމަށެވެ.

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެދާނެ ކަމަށް ލަފާކޮށްފައިވުމާއެކު އެ ގައުމަށް ދަތުރުކުރާ މީހުންގެ އަދަދު 11 ޕަސެންޓް ދަށްވެފައިވާކަމަށާއި ގިނަބަޔަކު ދަތުރުތައް ކެންސަލް ކުރަމުން އަންނަ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.