އެމެރިކާގެ ޓެކްސަސްގައި ފެންބޮޑުވެ މަރުވި މީހުންގެ އަދަދު 43 އަށް އަރައިފިއެވެ.
ޓެކްސަސްގެ މެދުތެރޭ ސަރަހައްދަކަށް ބޯކޮށް ވާރޭ ވެހި އެ ސަރަހައްދުގައި އޮންނަ ގުއާޑަލުޕޭ ކޯރު މިދިޔަ ހުކުރު ދުވަހު ބަންޑުން ވުމުގެ ސަބަބުން އެ ސަރަހައްދުގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފެންބޮޑުވުމުގެ ސަބަބުން އެ ސަރަހައްދުން މިހާތަނަށް 43 މީހުން މަރުވެފައިވާކަމަށް ޔަގީން ވާ ކަމަށް އޮފިޝަލުން ބުނެއެވެ. މަރުވި މީހުންގެ ތެރޭގައި 15 ކުޑަކުދީން ވެސް ހިމެނޭކަމަށް އޮފިޝަލުން ފާހަގަކޮށްފައިވެއެވެ.
ރިޕޯޓުތައް ބުނާގޮތުން އަދިވެސް 27 ކުޑަކުއްޖަކު ފެނިފައި ނުވާ އިރު، އެ ކުދީން ހޯދުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން އަންނަނީ ކުރަމުންނެވެ.
ޓެކްސަސްގައި ފެންބޮޑުވުމުގެ ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ޔޫތު ކޭމްޕެއްވެސް ކުރިޔަށް ދިޔަ ކަމަށް ރިޕޯޓުތައް ބުނާއިރު މަރުވި މީހުނާއި ގެއްލުނު މީހުންގެ ތެރޭގައި ގިނައީ އެ ކޭމްޕުގެ ބައިވެރީންނެވެ.
ކޭމްޕުގައި ބައިވެރިވި މީހުންގެ ތެރެއިން މިހާތަނަށް 850 މީހުން ސަލާމަތްކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
އެމެރިކާގެ މޫސުމާބެހޭ އިދާރާއިން ވަނީ އެ ސަރަހައްދުގައި އަދިވެސް ވިއްސާރަވިލާ ބޯވަމުން ދާ ކަމަށާއި ކުރިޔަށް އޮތް ދުވަސްތަކުގައިވެސް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުން އެކަށީގެންވާކަމަށް އިންޒާރުދީފައެވެ.
ޓެކްސަސްގެ ގަވަރުނަރު ގްރެގް އަބޮޓް ވަނީ އެ ސަރަހައްދު ކުއްލި ނުރައްކަލުގެ ހާލަތަކަށް ބަދަލުކުރައްވައި މީހުން ހޯދުމުގެ މަސައްކަތް ފުޅާކުރައްވައިފައެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ހުޅުމާލެ
ބޭރު ކުޅިވަރު
ރިޕޯޓް