ތެލަސީމިއާ ކުދީންނާއި މީހުނަށް ހިދުމަތް ފޯރުކޮށްދެމުން އަންނަ މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމްބީއެސް)އަށް ހޮޓްލައިން ނަންބަރެއް ތައާރަފުކޮށްފި އެވެ. އެމްބީއެސް އިން އެކްސްގައި ބުނެފައިވާ ގޮތުގައި، އެ ނަންބަރަކީ 7333645 އެެވެ.
އެ އިދާރާ ހުޅުވާފައި ހުންނަ ގަޑިތަކުގައި އެ ނަންބަރު މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ ކަމަށާއި އަދި އެ ނަންބަރުން ވައިބާ އަދި ވަޓްސް އެޕް މެދުވެރިކޮށްވެސް މައުލޫމާތު ސާފުކުރެވޭނެ ގޮތް ހަމަޖެހިފައިވާކަމަށް ބުންޏެވެ.
ތެލަސީމިއާ ކުދީންނަށް ބޭނުންވާ ފަރުވާގެ ނިޒާމު ހަރުދަނާކޮށް އެކުދީންނަށް ދޭ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، ހާއްސަކޮށް އަތޮޅުތަކުގެ ރަށްރަށުގައި ތިބި ކުދީންނަށް ބޭނުންވާ ލޭ ލިބޭނެ އިންތިޒާމާއި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ވަނީ ފަށައިފައި ކަމަށް އެ ސެންޓަރުން ބުނެފައިވެއެވެ.
ތެލަސީމިއާ ކުދިންނަށް ދޭ ފަރުވާއާއި އަދި ހިދުމަތް ރަނގަޅުކުރުމަށްޓަކައި މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ހިދުމަތް ރަނގަޅުކޮށް، ހޮސްޕިޓަލެއްގެ ގޮތުގައި އެ ތަން ހިންގަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ.
އޭގެ އިތުރުން ރައީސް ޑރ. މުއިއްޒުގެ އިރުޝާދުގެ ދަށުން ތެލެސީމިއާ ސެންޓަރު، ހުޅުމާލޭ އޮރެންޖްހިޔާއަށް ބަދަލުކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ފެށީ މި އަހަރުގެ މާޗް މަހުގެ 28 ވަނަ ދުވަހުއެވެ.
އެ މަސައްކަތް ނިންމައި ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފައިވަނީ މާޗްމަހުގެ 8 ވަނަ ދުވަހުއެވެ. އެތަން ހުޅުވާފައިވަނީ މި އަހަރުގެ މެއި 25 ގައެވެ.
އެ ސެންޓަރުގައި ޖެނެރަލް ވޯޑްގެ އިތުރުން އަންހެނުންނަށް ހާއްސަ ވޯޑަކާއި ކުޑަކުދިންނަށް ހާއްސަ ވޯޑެއް ހުރެއެވެ. އަދި ލޭ ރައްކާކުރުމުގެ ކެޕޭސިޓީ މިހާރު ވަނީ އިތުރު ދެ ސްޓޯރޭޖާ އެކު ޖުމްލަ 600 ލޭ ޕައިންޓަށް އިތުރުކޮށްފައެވެ. ފަސް ނަރުހުންނާއި ހަ ލެބް ޓެކްނީޝަނުން އިތުރުކޮށް، ދާއިމީ ފިޒީޝަނެއް ހަމަޖައްސާފައިވެއެވެ.
މީގެ އިތުރުން ހިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހައިން އޮރެންޖް ހިޔާއަށް ދަތުރުކުރެވޭނެ ގޮތް ހަމަޖެއްސުމަށް، ބަސް ކާޑެއް މިހާރު ވަނީ ތައަރަފުކޮށް އެފަރާތްތަކާ ހަވާލުކޮށްފައެވެ. އަދި ބަހުގެ ހިދުމަތް މިހާރު ވަނީ ދޭން ފަށައިފައެވެ.
ފާތިމަތު ލިއުޝާ
މޯލްޑިވްސް ބްލަޑް ސާވިސް
މޯލްޑިވްސް ބްލަޑް ސާވިސް
މޯލްޑިވްސް ބްލަޑް ސާވިސް