ހއ. ކެލާގެ ފަޅުގައި ދެ ރިސޯޓެއް ތަރައްގީކުރަން ހުޅުވާލައި ކުރި އިއުލާން ބާތިލްކޮށް، ލުއިތަކެއްދީ އަލުން އެ މަޝްރޫއު ހުޅުވާލަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.
ކެލާގެ ފަޅުން 12.19 ހެކްޓަރުގެ ރަށެއް ހިއްކައިގެންނާއި ހަމަ އެ ފަޅުން އިތުރު 12.19 ހެކްޓަރުގެ ރަށެއް ހިއްކައިގެން ރިސޯޓު ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދަން ފުރަތަމަ އިއުލާން ކުރީ މިދިޔަ މާޗް މަހުގެ 31ގައެވެ.
ނަމަވެސް މިދިޔަ ޖޫން މަހުގެ ފަސް ވަނަ ދުވަހު މިނިސްޓްރީން ވަނީ އެ ބިޑުގެ މުއްދަތު ހަމަވެފައިވަނިކޮށް އެ އިއުލާން ބާތިލު ކޮށްފައެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި އެގޮތަށް ނިންމީ ޓޫރިޒަމް ތަރައްގީވެފައި ނުވާ އަތޮޅުތަކުގައި ޓޫރިޒަމް ފުޅާކުރަން ސަރުކާރުންކޮށްފައިވާ އިއުލާނާ ގުޅިގެން އަލުން ހުޅުވާލުމަށް ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ކެލާ ފަޅުގައި ރިސޯޓް ތަރައްގީކުރުމުގެ އިއުލާން ބާތިލް ކުރީ އެ ލުއިތައްދީ އަލުން އިއުލާން ކުރުމަށެވެ.
ފަތުރުވެރިކަން މިހާތަނަށް ތަރައްގީވެފައިނުވާ އަތޮޅުތަކުގައި ފަތުރުވެރިކަން ފުޅާކުރުމުގެ ގޮތުން ހއ، ހދ، ށ، ތ، ލ އަތޮޅުގެ އިތުރުން އައްޑޫ ސިޓީގައި ފަތުރުވެރިކަން ފުޅާކޮށް އިންވެސްޓްމަންޓް އިތުރުކުރުމަށް އެ ސަރަހައްދުތަކުގައި ރިސޯޓު ތަރައްގީކޮށް އިންވެސްޓްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އުސޫލެއްގެ ދަށުން ލުއިތަކެއް ހަމަޖައްސައިދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ.
އެގޮތުން އާންމުކޮށް ހުޅުވާލައިގެން (އޯޕަން ބިޑިންގ އުސޫލުން) އާއި ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި ބިންބިމާއި ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު އަދި ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށްދިނުމާބެހޭ ގަވާއިދުގެ ދަށުން ކުއްޔަށް ދޫކުރާ ތަންތަނުގެ ލީސް އެކުއިޒިޝަންގެ ޕާ ހެކްޓަރު ރޭޓްތައް ވަނީ ކުޑަކޮށްފައެވެ.
ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު އަދި ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށްދިނުމާ ބެހޭ ގަވާއިދުގެ ކްލޯޒް ބިޑިންގެ ދަށުން ވެސް ލުއިތަކެއް ވަނީ ދީފައެވެ.
އޭގެ އިތުރުން ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާ ބެހޭ ގަވާއިދުގެ ދަށުން ވެސް ލުއިތަކެއް ވަނީ ދީފައެވެ.
ކެލާގެ ފަޅު ހިއްކައިން ދެ ރިސޯޓު ތަރައްގީކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
އަލީ އަފާފު ރަމީޒު
އެމެރިކާ
ހޮލީވުޑް
އިނގިރޭސިވިލާތް