ރަންބީރު ކަޕޫރު ޔަޝްއާ އެކު އުފައްދާ "ރާމާޔަނާ" އަކީ އިންޑިއާ ސިނަމާގައި އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމުތަކުގެ ތެރޭގައި ހިމެނޭ އެއް ފިލްމެވެ. މި ފިލްމުގެ ޕްރޮޑަކްޝަން ހަރަދު 1600 ކްރޯޑް ރުޕީސްއަށް އަރާކަމަށް ހަބަރުތައް ބުނެއެވެ. މިއީ އިންޑިއާ ސިނަމާގައި އެންމެ ބޮޑު ހަރަދުކޮށްގެން އުފައްދާ ފްރެންޗައިޒް ކަމަށް ވެސް ހަބަރުތައް ބުނެއެވެ.

ބޮލީވުޑް ހަބަރުތައް ބުނާ ގޮތުގައި ފިލްމުގެ ފުރަތަމަ ބަޔަށް 900 ކްރޯޑް ރުޕީސް ހަރަދުކުރާއިރު، ދެވަނަ ބަޔަށް 700 ކްރޯޑް ރުޕީސް ހަރަދުކުރާނެއެވެ.

މި ފިލްމު އުފައްދަނީ ޑީ.އެން.އީ.ޖީ ގެ ނަމިތު މާލޯތުރާ އާއި ޔަޝްގެ މޮންސްޓާ މައިންޑް ކްރިއޭޝަންސްއާ ގުޅިގެންނެވެ. މިޔުޒިކް ކޮމްޕޯޒަރުންގެ ތެރޭގައި ހެންސް ޒިމަރާއި އޭ.އާރް. ރަޙްމާން ހިމެނެއެވެ.

"ރާމާޔަނާ"ގެ ކާސްޓުގައި ރަންބީރު ކަޕޫރު (ލޯޑް ރާމާގެ ރޯލުން)، ސައި ޕައްލަވީ (މާޓާ ސީތާގެ ރޯލުން)، ސަނީ ޑިއޯލް (ހަނުމާންގެ ރޯލުން) އަދި ޔަޝް (ރާވަންގެ ރޯލުން) ފަދަ މަޝްހޫރު ތަރިން ހިމެނެއެވެ. ފިލްމުގެ ފުރަތަމަ ބައި އަންނަ އަހަރުގެ ދިވާލީގައި ނެރޭން ހަމަޖެހިފައިވާއިރު، ދެވަނަ ބައި 2027 ވަނަ އަހަރުގެ ދީވާލީގައި ނެރޭން ވަނީ ނިންމައިފައެވެ.