މިއަހަރުގެ އެޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީން އެ ގެއާ ޖެހިގެން ހުރި ހ. މީޓާޒް ގޭގެ ގުދަނެއްގެ މައްޗަށް ހައްވާ ޔުމްނު ރަޝީދު 21އ ވެއްޓުނު ހާދިސާއާ ގުޅިގެން ޔުމްނުއަށް އިންސާފު ހޯދައިދޭން ގޮވާލައި މާލޭގައި "ދުލެއް ނުކުރާނަން" ގެ ނަމުގައި ސިލްސިލާކޮށް ކުރިއަށްގެންދިޔަ އިހުތިޖާޖުން ހައްޔަރުކުރި ދެ ޒުވާނުން ކަމަށްވާ ނ. ކުޑަފަރި، ބަގީޗާގެ އަބްދުﷲ މަހުޒޫމް މަޖީދު އަދި މ. ހަސްތީ، އާއިޝަތު ޝިމަން އަހުމަދުގެ މައްޗަށް ދައުވާކުރި ނަމަވެސް، އެމީހުންނަށް ނަސޭހަތުގެ އެއްބަސްވުމެއް ހެދުމުގެ ފުރުސަތު އަދިވެސް އޮންނާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ އަދި މީޑިއާ އޮފިޝަލް ޝަފީއު އަހުމަދު "ވަން" އަށް މިއަދު ވިދާޅުވީ އެ ދެ މީހުންގެ މައްސަލަ ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހު ކަމަށެވެ.

ޝަފީއު މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 100 ވަނަ މާއްދާއިން ޕީޖީއަށް ލިބިދޭ ބާރުގެ ދަށުން ނަސޭހަތުގެ އެއްބަސްވުމެއް ހެދުމުގެ ފުރުސަތު މަހުޒޫމާއި ޝިމަންއަށް ދިނުމުން އެކަމަށް އިންކާރުކޮށްފައިވާ ކަމަށާއި ނަމަވެސް އަދިވެސް އެ ފުރުސަތު ހުޅުވިފައިވާ ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކުދި ކުށްތަކުގައި ނަސޭހަތުގެ އެއްބަސްވުމެއް ހަދައި، ދައުވާ އަނބުރާ ގެންދިއުމުގެ ބާރު ޕީޖީއަށް ލިބެއެވެ.

މަހުޒޫމްގެ މައްޗަށް ކުރަނީ ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ (ހ) ގެ ދަށުން މީހެއްގެ ރުހުމަކާ ނުލައި ގައިގައި އަތްލުން ނުވަތަ އަނިޔާކުރުމުގެ ކުށުގެ ދައުވާއެވެ. މަހުޒޫމްގެ މައްޗަށް އެ ދައުވާކުރަނީ މިއަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު 23:30 އެހާކަންހާއިރު، މަޖިދީމަގު ސާޖަންޓް އާދަމް ހަލީމް ކުރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން ހިމެނޭ ސަރަހައްދުގައި ބަޔަކު މުޒާހަރާކުރަމުންދިޔަ ވަގުތު އެ ސަރަހައްދުގައި އަޑުގަދަކުރާއެއް ބޭނުންކޮށްގެން އަޑުގަދަކުރަމުންދާތީވެ ފުލުހުން އަޑުގަދަކުރާ ނެގިވަގުތު، މަހުޒޫމް ފުލުހެއްގެ މޭމަތީގައި އޭނާގެ ކަނާއަތުން އަޅައި ކޮށްޕާލައިފައިވާތީކަމަށް ޝަފީއު ވިދާޅުވިއެވެ.

އެ ކުށް މަހުޒޫމްގެ މައްޗަށް ސާބިތުވެއްޖެ ނަމަ، އެއް މަހާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ޝަފީއު ވިދާޅުވިއެވެ.

ޝަފީއު ވިދާޅުވީ، ޝިމަންގެ މައްޗަށް ދައުވާކުރަނީ ގާނޫނުލްއުގޫބާތުގެ 532 ވަނަ މާއްދާގެ ދަށުން (ހ) ގެ ދަށުން ކަމަށެވެ. އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކު ނުވަތަ މީހުން ބަންދުގައި ބައިތިއްބާ ތަނެއް ބަލަހައްޓާ މުވައްޒަފަކު ރަސްމީ ހައިސިއްޔަތުން ކުރުން ހުއްދަ ކަމެއް ކުރުން ގަސްދުގައި ހުއްޓުވުން ނުވަތަ އެކަމަށް ހުރަސްއެޅުން ނުވަތަ އެކަމެއް ކުރިއަނުދިނުމަކީ ކުށެއް ކަމަށެވެ.

ޝިމަންގެ މައްޗަށް އެ ދައުވާކުރަނީ މިއަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު 23:30 އެހާކަންހާއިރު، މަޖިދީމަގު ސާޖަންޓް އާދަމް ހަލީމް ކުރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން ހިމެނޭ ސަރަހައްދުގައި ބަޔަކު މުޒާހަރާކުރަމުންދިޔަ ވަގުތު އެ ސަރަހައްދުގައި އަޑުގަދަކުރާއެއް ބޭނުންކޮށްގެން އަޑުގަދަކުރަމުންދާތީވެ ފުލުހުން އަޑުގަދަކުރާ ނެގިވަގުތު، ޝިމަން، ފުލުހުންގެ ސަފު ރޫޅާލުމަށްފަހު ފުލުހުންގެ ތެރެއަށް ގަދަކަމުން ވަދެ ގާނޫނީ ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތައް ގަސްތުގައި ހުރަސް އެޅުމުގެ ސަބަބުން ކަމަށް ޝަފީއު ވިދާޅުވިއެވެ.

އެ ކުށް ޝިމަންގެ މައްޗަށް ސާބިތުވެއްޖެ ނަމަ، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެކަމަށް ޝަފީއު ވިދާޅުވިއެވެ.

ދައުވާގައި ބަޔާންކުރާ މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ މަހުޒޫމްއާއި ޝިމަން ހައްޔަރުކޮށްފައެވެ. އެއީ މިއަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހެވެ. އެ ދެ މީހުންގެ ބަންދަށް ޖެހިގެން އައި ހުކުރު ދުވަހު ތިން ދުވަސް ޖެހި ނަމަވެސް ހަމަ އެ ދުވަހު ފުލުހުން ވަނީ އެ ދެ މީހުން ބަންދުން ދޫކޮށްލައިފައެވެ.

އެ ދެ މީހުން ހައްޔަރުކުރިތާ އިރުކޮޅެއްފަހުން ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މަހްޒޫމް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ.

ފުލުހުން ބުނެފައިވަނީ ޝިމަން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ކަމަށެވެ.