ރާއްޖެ އިޝްތިހާރުކުރަން އުފައްދާފައިވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީީ) ފާއިތުވި ހަތަރު އަހަރު ދުވަހު 229.7 މިލިއަން ރުފިޔާގެ ގެއްލުމުގައި ހިންގަމުންދާކަން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ރިޕޯޓުން ހާމަވެއްޖެއެވެ.

އެ ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ ހަތަރު އަހަރު ވެސް އެ ކުންފުންޏަށް ފައިދާއެއް ނުވެއެވެ. އެންމެ ފަހުން އެ ކުންފުންޏަށް ސާފު ފައިދާއެއް ލިބުނީ 2020 ވަނަ އަހަރުއެވެ. އެއީ 214,115 ރުފިޔާއެވެ. ދެން ފައިދާވީ 2019 ވަނަ އަހަރުއެވެ.

ކޮމިޓީ ރިޕޯޓުން އެނގޭ ގޮތުގައި ކޮވިޑަށް ފަހު ކޮންމެ އަހަރަކު ވެސް އެ ކުންފުނި ހިންގަމުން ދިޔައީ ދައުލަތުން މާލީ ބޮޑު އެހީއެއް ދީގެންނެވެ. އެގޮތުން މިދިޔަ ފަސް އަހަރު އެމްއެމްޕީއާރްސީއަށް ދައުލަތުގެ ބަޖެޓުން ބައި ބިލިއަނެއްހާ ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ކޮވިޑަށް ފަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ، 2023 ވަނަ އަހަރުއެވެ. އެ އަހަރު އެމްއެމްޕީއާރުސީ އަށް 23 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނެވެ. މިދިޔަ އަހަރުވެސް އެ އަދަދު ހުރީ އެއްވަރެއްގައި ހިފެހެއްޓިފައެވެ. އެގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނީ 22.3 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ. އެއީ 2019 ގައި ލިބުނު 132.5 މިލިއަން ރުފިޔާގެ އާމްދަނީއާ އަޅައި ބަލާ އިރު، 83 ޕަސަންޓުގެ ދަށްވުމެކެވެ.

އެމްއެމްޕީއާރްސީއަށް މިދިޔަ އަހަރު 22.3 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު ނަމަވެސް އަހަރު ނިންމާލައިފައިވަނީ 27.7 މިލިއަން ރުފިޔާ ގެއްލުމުގައެވެ.

އެމްއެމްޕީއާރްސީގެ ހަރަދުގެ ހިސާބުތަކަށް ބަލާއިރު ކޮވިޑަށް ފަހު އެ ކުންފުނިން ކޮންމެ އަހަރަކު ވެސް ލިބޭ އާމްދަނީއާ ނުބައްދަލު ހަރަދުތަކެއް ކުރަން ޖެހެއެވެ. އެއީ ކުންފުނި ގެއްލުމުގައި ހިންގަން ޖެހޭ މައިގަނޑު ސަބަބެވެ. އެ ކުންފުނީގެ ދަރަނިތައް އަދާނުކުރެވުމަކީވެސް ކުންފުނި ގެއްލުމުގައި ހިންގަން ޖެހޭ ސަބަބެއްކަން ކޮމިޓީ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން މިދިޔަ އަހަރު އެކަނި ވެސް ކުންފުނީގެ ހިންގުމަށާއި ދަރަނި އަދާކުރުމަށް ދިޔަ ހަރަދުތައް ހިމެނޭހެން 144 މިލިއަން ރުފިޔާ ހޭދަ ކުރިއެވެ. އެއީ އެ ކުންފުންޏަށް ލިބޭ އާމްދަނީއަށް ވުރެ ގާތްގަނޑަކަށް އެތައް ގުނައެއް ދަށް އަަދަދެކެވެ.

ކޮމިޓީ ރިޕޯޓުން އެނގޭ ގޮތުގައި އެމްއެމްޕީއާރްސީން މިހާރު އެންމެ ބޮޑު ހޭދައެއް ކުރަން ޖެހެނީ ލިވަޕޫލާ ގުޅިގެން ރާއްޖެ އިޝްތިހާރުކުރުމަށެވެ. އެއީ 13 މާޗު 2025 އިން 13 މެއި 2028ގެ ނިޔަލަށް ކުރިއަށްގެންދާ ކެމްޕޭނެކެވެ .މި ކެމްޕޭނަށް އެކަނި އެމްއެމްޕީއާރުސީގެ ބަޖެޓުން 20.6 މިލިއަން ރުފިޔާ މި އަހަރު ވަނީ ކަނޑައަޅައިފައެވެ. އަދި އޭގެ އިތުރަށްވެސް 2.5 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

އެމްއެމްޕީއާރުސީގެ މައިގަނޑު މަގުސަދަކީ ދައުލަތަށް އާމްދަނީ އިތުރުކުރުން ނޫން ކަމަށް ވިޔަސް ކުންފުނި ހިންގުމަށް އެކި ނަންނަމުގައި ރިސޯޓުތަކާއި ޓޫރިޒަމް ހިދުމަތްދޭ ތަންތަނުން އަންނަނީ ފީތައް ނަގަމުންނެވެ.

ކޮމިޓީ ރިޕޯޓުން އެނގޭ ގޮތުގައި ބޮޑު ގެއްލުމެއްގައި އެމްއެމްޕީއާރްސީ ހިންގަން ޖެހޭތީ، ކުންފުނީގެ ހަރަދުތައް ވަނީ މިހާރު ދެ ގުނަ ކުޑަކޮށްފައެވެ. އަދި ކުންފުނީގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި މެމްބާޝިޕް ފީ ބޮޑުކޮށް އެޑް ވިއްކާ ވަރުވެސް ވަނީ ބޮޑުކޮށްފައެވެ.

މެމްބަޝިޕް ފީ ބޮޑުކޮށް އަދި އެޑް ވިއްކަން ފެށުމުން ކުންފުނީގެ އާމްދަނީ 10-20 ޕަސެންޓަށް އިތުރުވެފައިވާ ކަމަށާއި ފެއާ އާއި ރޯޑްޝީގެ ޕާޓިސިޕޭޝަން ފީ ބޮޑުކޮށްގެން މި އަހަރުގެ ތެރޭގައި ޖުމްލަ އާމްދަނީ 49 ޕަސެންޓަށް އިތުރުވާނެ ކަމަށް އަންދާޒާ ކޮށްފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.

އަދި ކުންފުނިން ބޭނުން ކުރަމުން ދިޔަ ގުދަނެއް ދޫކޮށްލުމުން ކުއްޔަށް ކުރާ ހޭދަ މަހަކަށް 40،000ރ. އަށް ކުޑަކޮށްފައިވާ ކަމަށާއި ޕްރޮމޯޝަނަލް މެޓީރިއަލް ޕްރިންޓް ކުރާ ވަރު ކުޑަކޮށް، ޝިޕިން އަށް ކުރާ ހޭދަވެސް 1.5 މިލިއަން ރުފިޔާއަށް ކުޑަކޮށްފައިވާ ކަމަށް ބުންޏެވެ.

ރިޕޯޓުން އެނގޭ ގޮތުގައި މިދިޔަ ހަތަރު އަހަރުގެ ކުންފުނީގެ ގެއްލުން ވަނީ 229 މިލިއަން ރުފިޔާއަށް އަރައިފައެވެ. އެހެންކަމުން ކޮމިޓީ ރިޕޯޓުން ސާފުވާ ކަމަކީ އެމްއެމްޕީއާރްސީ ވެއްޓިފައިވާ މާލީ އަނދަވަޅުން އަރައި ނުގަނެވި ކުންފުނި ބަނގުރޫޓުވުމާ ހިސާބަށް ދާ ކަމަށެވެ.