ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު، ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލައްވައިފިއެވެ.
އެ ދަތުރުފުޅުގައި ރައީސް ވަނީ، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެއްވުމާ މެދު، ސިންގަޕޫރުގެ ރައީސް ޝަންމުގަރަނަމް އާއި ބޮޑުވަޒީރު ލޯރެންސް ވޮންގާއާއެކު މަޝްވަރާތައް ކުރިއަށްގެންދަވައިފައެވެ.
އެ ދަތުރުފުޅުގެ ތެރެއިން ސިންގަޕޫރާއި ރާއްޖެއާ ދެމެދު އެއްބަސްވުންތަކެއް ވެސް ސޮއިކުރެވުނެވެ. ސިންގަޕޫރާއި ރާއްޖެއާ ދެމެދު ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ ތައުލީމީ ދާއިރާއާ ގުޅޭ އެއްބަސްވުމަކާއި ތިމާވެށީގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް އަދި ރާއްޖެެއާއި ސިންގަޕޫރާާ ދެމެދު ގާބިލުކަން އިތުރުކުރުމާ ގުޅޭ އެއްބަސްވުމެކެވެ.
އޭގެ އިތުރުން ސިންގަޕޫރުގައި ކުރިއަށްދިޔަ ރާއްޖޭގެ އިންވެސްޓުމެންޓު ފޯރަމްގެ ތެރެއިން ވެސް އެއްބަސްވުންތަކެއްގައި ސޮއިކުރިއެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ މަޝްރޫއެއްގެ ގޮތުގައި ހިންގާ ސޯލާ ސިޓީ މަޝްރޫއުގެ އެއްބަސްވުމުގައި ކެނެޑާގެ ކުންފުންޏެއް ކަމަށްވާ އަބްރަކްސަސް ކުންފުންޏާއެކު ސޮއިކުރި އިރު، މަތީ ފަންތީގެ ބޯހިޔާވަހިކަމަށް ހާއްސަ މަޝްރޫއުތަކެއް އެސްއީޒެޑްގައި ކުރިއަށްގެންދަން އިނގިރޭސިވިލާތުގެ ކުންފުންޏެއް ކަމަށްވާ ހެންލޭ އެންޑް ޕާޓްނާސްއާއެކު ސޮއިކުރިއެވެ.
ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އެ މަނިކުފާނު ވަނީ ސިންގަޕޫރުން ދެއްވި މެހެމާންދާރީއަށް އެ ގައުމުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އާއި ބޮޑުވަޒީރު ލޯރެންސް ވޯންގް އާއި ސިންގަޕޫރު ސަރުކާރު އަދި އެ ގައުމުގެ ރައްޔިތުންނަށް ހާއްސަ ޝުކުރެއް އަދާކުރައްވައިފައެވެ.
"ރާއްޖެ އާއި ސިންގަޕޫރުގެ ގުޅުމަށް 50 އަހަރު ފުރުން ފާހަގަކުރާ އިރު، މި ދަތުރުގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް އާ ބާބެއް ހުޅުވިގެންދިޔަކަމުގެ ޔަގީންކަން އެބައޮތް،" ރައީސް ވިދާޅުވިއެވެ.
ރައީސްގެ ޕޯސްޓުގައި ވިދާޅުވީ އެ މަނިކުފާނު ސިންގަޕޫރުން ފުރާވަޑައިގަންނަވަނީ މާނަހުރި މަޝްވަރާތަކާއެކު ގުޅިގެން މަސައްކަތްކުރުމުގެ އަޒުމުގައި ކަމަށެވެ.
އެ ދަތުރުފުޅުގައި ރައީސްގެ އަރިހުގައި މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު