ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުމުގެ އާ ބާބެއް ހުޅިވިގެންދިޔަކަމުގެ ޔަގީންކަން އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އެ މަނިކުފާނު ވަނީ ސިންގަޕޫރުން ދެއްވި މެހެމާންދާރީއަށް އެ ގައުމުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އާއި ބޮޑުވަޒީރު ލޯރެންސް ވޯންގް އާއި ސިންގަޕޫރު ސަރުކާރު އަދި އެ ގައުމުގެ ރައްޔިތުންނަށް ހާއްސަ ޝުކުރެއް އަދާކުރައްވައިފައެވެ.

"ރާއްޖެ އާއި ސިންގަޕޫރުގެ ގުޅުމަށް 50 އަހަރު ފުރުން ފާހަގަކުރާ އިރު، މި ދަތުރުގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް އާ ބާބެއް ހުޅުވިގެންދިޔަކަމުގެ ޔަގީންކަން އެބައޮތް،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ޕޯސްޓުގައި ވިދާޅުވީ އެ މަނިކުފާނު ސިންގަޕޫރުން ފުރާވަޑައިގަންނަވަނީ މާނަހުރި މަޝްވަރާތަކާއެކު ގުޅިގެން މަސައްކަތްކުރުމުގެ އަޒުމުގައި ކަމަށެވެ. އަދި އެ މަނިކުފާނު ވަނީ ދަތުރުފުޅުގެ ތެރެއިން ސިންގަޕޫރާ ދެމެދު ރާއްޖެއިން ސޮއިކުރި އެއްބަސްވުންތައް ވެސް ފާހަގަކުރައްވައިފައެވެ.

ސިންގަޕޫރާއި ރާއްޖެއާ ދެމެދު ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ ތައުލީމީ ދާއިރާއާ ގުޅޭ އެއްބަސްވުމަކާއި ތިމާވެށީގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް އަދި ރާއްޖެެއާއި ސިންގަޕޫރާާ ދެމެދު ގާބިލުކަން އިތުރުކުރުމާ ގުޅޭ އެއްބަސްވުމެކެވެ.

އޭގެ އިތުރުން ސިންގަޕޫރުގައި ކުރިއަށްދިޔަ ރާއްޖޭގެ އިންވެސްޓުމެންޓު ފޯރަމްގެ ތެރެއިން ވެސް އެއްބަސްވުންތަކެއްގައި ސޮއިކުރިއެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ މަޝްރޫއެއްގެ ގޮތުގައި ހިންގާ ސޯލާ ސިޓީ މަޝްރޫއުގެ އެއްބަސްވުމުގައި ކެނެޑާގެ ކުންފުންޏެއް ކަމަށްވާ އަބްރަކްސަސް ކުންފުންޏާއެކު ސޮއިކުރި އިރު، މަތީ ފަންތީގެ ބޯހިޔާވަހިކަމަށް ހާއްސަ މަޝްރޫއުތަކެއް އެސްއީޒެޑްގައި ކުރިއަށްގެންދަން އިނގިރޭސިވިލާތުގެ ކުންފުންޏެއް ކަމަށްވާ ހެންލޭ އެންޑް ޕާޓްނާސްއާއެކު ސޮއިކުރިއެވެ.

ރައީސްގެ އެ ދަތުރުފުޅުގެ ތެރެއިން ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އާއި ބޮޑުވަޒީރު ލޯރެންސް ވޯންގްގެ އިތުރުން އެ ގައުމުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި ވަނީ މަޝްވަރާތައް ކުރައްވައިފައެވެ.