ރަށްރަށުން މާލެ އައިސް ޑޮކްޓަރަށް ދެއްކުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ޓެލެމެޑިސިންގެ ހިދުމަތް ތައާރަފުކުރަނީ ޓެކްނޮލޮޖީގެ ގޮތުން ފެންވަރު ރަނގަޅު ހިދުމަތްތަކާއެކު ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި މިއަދު ވަނީ ޑޮކްޓަރަށް ދެއްކުމުގައި ބަލިމީހުން އުފުލަން ޖެހޭ ތަކުލީފުތަކަށް ހައްލު ގެނެސްދިނުމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް، އެންސްޕާ އަދި އާސަންދައިން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން އެ ފަރާތްތަކާ ސުވާލުކޮށް މައުލޫމާތު ސާފުކޮށްފައެވެ.

އެ ކޮމެޓީގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޓަރު ޑރ. އައިމިނަތު ޒޭބާ އަހުމަދު ވިދާޅުވީ ސްޕެޝަލިސްޓު ޑޮކްޓަރުންނަށް ދެއްކުމަށް އެޕޮއިންޓުމެންޓު ހޯދަން އުނދަގޫވާކަމުގެ ޝަކުވާއަށް ހައްލު ގެނައުމަށް ރީޖަނަލް ހޮސްޕިޓަލުތަކުގައި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ގިނަ ފީޗާތައް ހިމެނޭ ޓެލެމެޑިސިން ސިސްޓަމްތައް ބަހައްޓައި ޓެލެމެޑިސިންގެ ހިދުމަތް ފަށަން ތައްޔާރުވެފައިވާ ކަމަށެވެ. މި ހަފުތާގެ ތެރޭގައި އޭގެ ޓެސްޓިން ބުރުތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ސިސްޓަމަކީ ވަރަށް ހައިއެންޑް ސޮފިސްޓިކޭޓެޑް ސިސްޓަމްތަކެއް. އެ ސިސްޓަމުގައި ބަލިމީހާގެ ފުއްޕާމޭގައި ސްޓެތަސްކޯޕު ޖެއްސުމުން އަޑު އިވޭ، ހިތުގެ ވިންދުގެ އަޑުވެސް އިވޭ،" ޒޭބާ ވިދާޅުވި އެވެ.

"ޕްލޭނަކީ ބަލިމީހަކު މިސާލަކަށް މިކޮޅުން [މާލޭން] ކާޑޮއޮލަޖިސްޓަކަށް ދައްކާފައި ރިވިއު ކުރަން ފަހުން އަންނާށޭ ބުނީމާ، ރިވިއު ކުރެވެނެޔޭ އެ ޓެލެމެޑިސިންގެ ހިދުމަތް ލިބޭ ހޮސްޕިޓަލަކުން. އޭރުން ތާވަލެއް ހަދާނީ މަންތުލީ ކޮންމެ ހަފުތާއަކު ޓެލެމެޑިސިން އެކި ދުވަސްދުވަހު އެކި ސްޕެޝަލިޓީތަކުގެ ޓެލެމެޑިސިން އޯޕީޑީއެއްގެ ގޮތުގައި ހިންގާނީ."

މި ސިސްޓަމާއެކު ރިޕޯޓުތައް ޑޮކްޓަރަށް ދައްކަން ބަލިމީހާ މާލޭގައި މަޑުކުރަން ނުޖެހޭނެ ކަމަށާއި ޓެލެމެޑިސިން މެދުވެރިކޮށް އައިޖީއެމްއެޗުގެ ސްޕެޝަލިސްޓުންނަށް ދެއްކޭނެ ކަމަށް ޒޭބާ ވިދާޅުވިއެވެ.

"ރަށްރަށުން ވަޑައިގެން ޑޮކްޓަރަށް ދެއްކުމަށް ފަހު، ޓެސްޓެއް ހަދާފައި ފަސް ދުވަސް ފަހުން އަނެއްކާ ރިވިއު ކުރަން ނުދެއްކިގެން އުޅުމުގެ މައްސަލައަށް ވެސް ވަރަށް ބޮޑު ހައްލެއް ލިބޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ ޓެލެމެޑިސިންގެ ހިދުމަތް ފެށުމުން،" އޭނާ ވިދާޅުވިއެވެ.