ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމެންޓު ލިބޭނެ ދުވަސް ނޭނގުމުގެ މަސައްލައަށް ހައްލު ހޯދުުމަށް އެޕޮއިންޓު ސިސްޓަމެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީއަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް، އާސަންދަ އަދި އެންސްޕާގެ ވެރިން ހާޒިރުކޮށް، ޑޮކްޓަރަށް ދެއްކުމާއި ހޮސްޕިޓަލުގެ ބިލުތަކަށް ފައިސާ ދެއްކުން ފަދަ އާންމުންގެ ކަންބޮޑުވުން ހުންނަ މައްސަލަތަކާ ގުޅޭގޮތުން މިއަދުވަނީ ސުވާލުކޮށްފަ އެވެ.
އެ ކޮމެޓީގައި ވާހަކަ ދައްކަވަމުން މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޑެޕިޔުޓީ ސީއީއޯ ޑރ. ޝާހު މާހިރު ވިދާޅުވީ އައިޖީއެމްއެޗާއި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލު ގްރޫޕުގެ ދަށުން ހިންގާ ހޮސްޕިޓަލުތަކަށް ދައްކާ ބަލިމީހުން ފޮލޯ އަޕަށް ދައްކަން ޑޮކްޓަރުން އެދޭ ނަމަ އެފަދަ ބަލިމީހުންނަށް އިސްކަންދޭ ކަމަށެވެ.
އެގޮތުން ގިނަ ޑިޕާޓަމަންޓުތަކުގައި ފޮލޯއަޕަށް ދައްކާ މީހުންނަށް ތަފާތު ކިއުއެއް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގިނަ ފަހަރަށް ޑޮކްޓަރުން އެދިވަޑައިގަންނަވާ ނަމަ، ދެ ދުވަހެއް ތެރޭ ދައްކަން ޖެހޭ ނޫނީ ފަސް ދުވަސް ތެރޭ ދައްކަން ޖެހޭ ޓެސްޓެއް ނަމަ އެ މީހުންނަށް އޮންނާނެ ތަފާތު ކިޔުއެއް ގިނަ ޑިޕާޓުމެންޓުތަކުގަ. ބައެއް ޑިޕާޓުމެންމެންޓުތަކުގަ ކިޔު ދިގުކަމުން އެ ޑެޑްލައިނަށް މީޓު ނުވާ ޑިޕާޓުމެންޓުތައް ހުންނާނެ،" ޝާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެޕޮއިންޓުމެންޓު ލިބޭނެ ދުވަސް ނޭނގުމުގެ މަސައްލައަށް ހައްލު ހޯދުުމަށް އެޕޮއިންޓު ސިސްޓަމެއް ގެނައުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެ ސިސްޓަމާ އެކު ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓުމެންޓު ލިބޭނެ ތާރީހާއި ގަޑި ބަލިމީހާއަށް އެނގޭނެ ކަމަށެވެ.
"މިހާރު ވެއްޖެއްޔާ މި އޮންނަނީ ކިޔު ނަންބަރެއް. އޭނާއަށް ޑޮކްޓަރަށް ދެއްކޭނީ ކޮން ދުވަހަކުން ކަމެއް އަދި އެނގޭ ކަހަލަ ގޮތަކަށް ނޫން ގިނަ ޑިޕާޓުމެންޓުތަކުގަ ހުންނާނީ. ހަތަރު ޑިޕާޓުމެންޓެއް އެޕޮއިންޓުމެންޓު ސިސްޓަމަށް. އެއީ އެޕޮއިންޓުމެންޓު ލިބޭނެ ދުވަހާއި ގަޑިޔާ އެނގޭ ގޮތަށް ދުރާލައި ތަރުތީބުވެގެން އަންނަ ގޮތަށް،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި އަހަރު ނިމޭއިރު ހުރިހާ ޑިޕާޓްމަންޓަކަށްވެސް އެ ސިސްޓަމަށް ދެވޭ ގޮތަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެއާއެކު ޑޮކްޓަރަށް ދައްކަން ރަށްރަށުން މާލެ އަންނަ މީހުންނަށް ވަރަށް ބޮޑު ލުޔެއް ލިބޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.
ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމަންޓް ހޯދުން ދަތިވާ ސަބަބުތަކާ ގުޅޭގޮތުން އެ ކޮމެޓީގައި ވާހަކަ ދައްކަވަމުން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ ކުންފުނީގެ ދަށުން ހިންގާ ހޮސްޕިޓަލުތަކަށް ދައްކަންދާ ބަލިމީހުންނަކީ ހަމައެކަނި ފުރަތަމަ ކޮންސަލްޓޭޝަން އެ ހޮސްޕިޓަލުތަކުން ހަދާ މީހުން ނޫން ކަމަށެވެ.
"ވަރަށް ގިނަ ބޭފުޅުން އެބަ އުޅުއްވާ ޕްރައިވެޓް ކްލިނިކްތަކުގައި ޑޮކްޓަރަށް ކޮންސަލްޓުކޮށްފައި ޓެސްޓުތައް ހަދައިގެން 5 ދުވަސް ތެރޭގައި އަނބުރާ ދައްކަން ރިފާ ކުރާ ބޭފުޅުން ވެސް،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި އެ ގްރޫޕްގެ ދަށުން ހިންގާ ހޮސްޕިޓަލުތަކުގައި ޑޮކްޓަރަށް ދެއްކުމަށްފަހު 5 ދުވަސްފަހުން އަލުން ދައްކަން ޖެހޭނަމަ ނުވަތަ ޓެސްޓުތަކުގެ ނަތީޖާ ދައްކަން ޖެހޭނަމަ ވަކި ރެފަރަލް ލިސްޓެއް އޮންނަ ކަމަށެވެ. ނަމަވެސް ބައެއް ޑިޕާޓްމަންޓުތަކުގައި އެކަށީގެންވާ ވަރަށް ސްޕެޝަލިސްޓުން ނެތުމުން ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށް ރައްޒާގު ވިދާޅުވި އެވެ.
އެހެން ނަމަވެސް ބަލިމީހާ ހަދާ ޓެސްޓުތަކުން ސީރިއަސް ކަމެއް ފާހަގަވާ ނަމަ، ހޮސްޕިޓަލުތަކުން ވެސް އެފަދަ ބަލިމީހުންނަށް އިސްކަން ދީގެން އެޕޮއިންޓުމެންޓް ދޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވިގޮތުގައި އެ ގްރޫޕްގެ ހޮސްޕިޓަލްތަކުން އެޕޮއިންޓްމަންޓު ހޯދަން އެދޭ ގިނަ މީހުންނަކީ ރިފަރަލް ނިޒާމެއްގެ ތެރެއިން އަންނަ މީހުން ނޫން ކަމަށެވެ. އެކަމަށް ހައްލެއް ގެނެވިއްޖެ ނަމަ، ބަލިމީހާ ދައްކަން ޖެހޭ ޑޮކްޓަރަށް ސީދާ ރިފާ ކުރެވިގެން އެޕޮއިންޓުމެންޓު ލިބޭނެ ނިޒާމެއް ތައާރަފު ކުރެވޭނެ ކަމަށެވެ. އެހެންވެ މާލެ ސަރަހައްދުގައި ޖީޕީ ކްލިނިކް ތައާރަފު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އެގޮތުން މިމަހުގެ ތެރޭގައި ފުރަތަމަ ޖީޕީ ކްލިނިކް ގާއިމުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ޖީޕީ ކްލިނިކް ހުޅުވުނީމާ، އެ ތަނަށް ދައްކާފައި ޑޮކްޓަރު ރިފާކޮށްދޭނީ ސްޕެޝަލިސްޓަކަށް. ރިފާކޮށްދޭއިރު އެ ކްލިނިކް ތެރެއިން އެޕޮއިންޓުމެންޓު ލިބޭނެ،" އަބްދުއްރައްޒާގު ވިދާޅުވި އެވެ.
އެޕޮއިންޓުމެންޓު ކިޔު ދިގުވުމުގެ މައްސަލައަށް ހައްލު ގެނައުމަށްޓަކައި ކިޔު ދިގު ޑިޕާޓުމެންޓުތަކުގެ އޯޕީޑީ ރޭގަނޑު ވެސް ކުރިއަށްގެންދަން ފަށާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
އެކަމާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ޝާހު ވިދާޅުވީ:
- ގިނަ ބަލިމީހުން ސްޕެޝަލިސްޓުންނަށް ދައްކަން އަންނަނީ އަމިއްލައަށް ނުވަތަ ސެލްފް ރެފަރަލްއަށް
- ބައެއް ފަހަރު ބޭސް ސިޓީ އާކުރަން ވެސް ސްޕެޝަލިސްޓުންނަށް ދައްކަން އެޕޮއިންޓްމަންޓް ހޯދާ
- ނަމަވެސް އޭގެ ބަދަލުގައި ޑޮކްޓަރުން ރިފަރަލްއެއް ދިނީމަ ކޮން ކަމަކަށް ކޮން ސްޕެޝަލިސްޓަކަށް ދައްކަން ޖެހޭ ބަލިމީހެއްކަން އެނގޭ ކަހަލަ ގޮތަކަށް އައީމާ ދައްކަން ޖެހޭ ސްޕެޝަލިސްޓަށް ދެއްކުމުގެ ފުރުސަތު ފަސޭހައިން ހޯދޭނެ
- އެގޮތަށް ރަށްރަށުންވެސް ޑޮކްޓަރުން ރެފަރަލް ދިނީމަ މާލެ އައިސް ޑޮކްޓަރަށް ދައްކަން ބަލި މީހުންނަށް ފަސޭހަވާނެ
އޭނާ ވިދާޅުވިގޮތުގައި އަމިއްލަ ރެފަރަލްގައި އައީމަ ބޭނުންވާ ސްޕެޝިލްޓުންނަށް ނުދެއްކި ނުވަތަ ނުބައި ސްޕެޝަލިސްޓުންނަށް ދެއްކިފައިވާ ހާލަތްތައްވެސް ދިމާވެފައިވާ ކަމަށެވެ.
ސްޕެޝަލިސްޓުންނަށް ދައްކަން ރަށްރަށުން މާލެ އަންނަ ބަލިމީހުންނަށް ލުއިވާނެހެން ކަންތައް އިންތިޒާމު ކުރުމަށް ހެލްތު މިނިސްޓްރީއާ އެކު މަސައްކަތްތަކެއް ކުރަމުން އަންނަ ރައްޒާގު ވިދާޅުވި އެވެ.
އާއިޝަތު މާހާ
އައިޖީއެމްއެޗް