ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު، ސިންގަޕޫރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސްގެ ދެކަނބަލުން މިހާރު ސިންގަޕޫރަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބޭއްވެވި އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ދިވެހީންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވެވި ކަމަށެވެ.

ސިންގަޕޫރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވަނީ އެ ފަރާތްތަކުގެ ހާލުއަހުވާލު ބައްލަވައިލައްވައި، އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުކުރެއްވުމުގެ ބައިވެރީންނަށް ރައީސްގެ ދެކަނބަލުން ވަނީ ފަރީއްކޮޅެއްވެސް ދެއްވައިފައެވެ.

ސިންގަޕޫރަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ މިއަދު ރާއްޖެ-ސިންގަޕޫރު ބިޒްނަސް ފޯރަމްގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެ ފޯރަމަކީ ރާއްޖެ އާއި ސިންގަޕޫރާ ދެމެދު އިގުތިސޯދީ ގުޅުން އިތުރަށް ބަދަހިކުރަން އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އެ ފޯރަމަކީ ދެ ގައުމުގެ ދެމެދުގައި އޮތް އިގުތިސޯދީ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ސަރުކާރުން ގެންގުޅޭ ފަހި ސިޔާސަތު ދައްކުވައިދޭ ނަމޫނާއެއް ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

‎އެ ފޯރަމްގެ ތެރެއިން ދިވެހި ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ތަޖުރިބާ ދަތުރުތަކާއި ތަމްރީނު ޕްރޮގްރާމްތަކާއި އަދި ކޮންސަލްޓެންސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީ އާއި ސިންގަޕޯ ކޯޕަރޭޝަން އެންޓާޕްރައިޒްއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފައިވެއެވެ.

‎އޭގެ އިތުރުން، އެ ފޯރަމްގެ ތެރެއިން އިތުރު ދެ އެގްރިމެންޓެއްގައިވެސް ސޮއިކޮށްފައިވެއެވެ. އެގޮތުން ރެޒިޑެންސީ ބައި އިންވެސްޓްމަންޓް ޕްރޮގްރާމެއްގައި ދިވެހި ސަރުކާރާއި ހެންލީ އެންޑް ޕާޓްނާސްއާ ދެމެދު ވަނީ ސޮއިކޮށްފައެވެ. އެ ޕްރޮގްރާމަކީ އިންވެސްޓް ކުރުމުން ރާއްޖޭގައި ވަޒަންވެރިވުމަށް ފުރުސަތު ލިބޭ ޕްރޮގްރާމެކެވެ.

ހެންލީ އެންޑް ޕާޓްނާސްއަކީ މިފަދަ ކަންކަމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފާމެކެވެ. އެ އެއްބަސްވުމުގެ ސަބަބުން ރިއަލް އެސްޓޭޓް އިންވެސްޓްމަންޓްގެ ފުރުސަތުތައް ހުޅުވި، ދިރިއުޅެން އަދި އިންވެސްޓްކުރަން އެންމެ ރަނގަޅު ރަށްތަކުގެ އިގުތިސޯދެއްގެ ގޮތުގައި ރާއްޖެ ފާހަގަ ކުރެވޭނެއެވެ.

‎އޭގެ އިތުރުން، ދިވެހި ސަރުކާރާއި އޭޕީއެމް އެސްޕީވީ ޕްރައިވެޓް ލިމިޓެޑާ ދެމެދު، ޕްރޮޖެކްޓް ސޯލާ ސިޓީ އިންވެސްޓްމަންޓާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަަށުން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ގާއިމުކުރެވޭ އެންމެ ބޮޑު ފްލޯޓިން ސޯލާ ޕަވާ ޕްރޮޖެކްޓްގެ މަސައްކަތް ފެށިގެންދާނެއެވެ. އަދި ރާއްޖޭގެ މޫސުމާ ގުޅޭ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން 2028 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ ނިސްބަތުގެ 30 ޕަސަންޓު އިއާދަކުރަނިވި ހަކަތަޔަށް ބަދަލުކުރުމުގެ މަސައްކަތަށް ވެސް އެ މަޝްރޫއުގެ ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

‎އެ ފޯރަމްގައި، "ފްރޮމް ފައުންޑޭޝަން ޓު ފިއުޗާ - އެކްސްޕްލޯރިންގް އިންވެސްޓްމެންޓް ޕާޓްނާޝިޕްސް،" ޝިއާރުގެ ދަށުން މަތީ ފެންވަރުގެ ޕެނަލް ޑިސްކަޝަނެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އެ މަޝްވަރާގައި އަލިއަޅުވާލެވުނީ ރާއްޖޭގެ ފުޅާ ތަރައްގީގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެކި ދާއިރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި އިންވެސްޓްމަންޓްތަކުގެ ފައިދާ ހޯދުމުގެ މައްޗަށެވެ.