އަބީޝެކް ބައްޗަން އަދި އައިޝްވަރިޔާ ރާއީގެ ވަރިވުމުގެ ވާހަކަތަކަށް އަބީޝެކް ރައްދު ދީފިއެވެ.

އީޓައިމްސްއަށް ދިން އިންޓަވިއެއްގައި އަބީޝެކް ބުނެފައިވަނީ ކުރިން މިފަދަ ހަބަރުތަކަށް އަހައްމިއްޔަތުކަން ނުދޭ ކަމަށެވެ. ނަމަވެސް މިހާރު މިފަދަ ހަބަރުތަކުން އަސަރު ކުރާ ކަމަށެވެ. އާއިލާއަށްވެސް މިފަދަ ހަބަރުތަކުން އަސަރުކުރާ ކަމަށް އޭނާ ބުނެފައިވެއެވެ.

އަބީޝެކް ބުނެފައިވަނީ ފަތުރަމުން ދަނީ ދޮގު ވާހަކަތައް ކަމަށާއި އެކަމާ ދެރަވާ ކަމަށެވެ.

އޭނާ ބުނީ ދޮގު މައުލޫމާތާއި ހަބަރު ފެތުރުން އާންމުވެފައިވާ ކަމަށެވެ. ނަން ނުބުނެ ވެސް މިފަދަ މައުލޫމާތު ފަތުރާ ކަމަށާއި، ދޮގު ޚަބަރުތައް ވިއްކާލުމަށް ފަސޭހަވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އަބީޝެކް އަދި އައިޝްވަރިޔާ ކައިވެނި ކުރީ 2007 ގައެވެ. އެމީހުންގެ އާރާދްޔާ ނަމަކަށް ކިޔާ އަންހެން ދަރިއެއް ހުރެއެވެ.

އޭނާގެ އަންނާން އޮތް ފިލްމަކީ "ކާލީދަރު ލާޕަތާ" އެވެ. މިއީ ހަނދާން ނެތޭ ބަލި ހުންނަ މީހެއްގެ ވާހަކައެވެ. މި ފިލްމު ޖުލައި 4 ގައި ޒީ5 ގައި ސްޓްރީމްކުރާނެއެވެ.