އިންސާނީ އެހީތެރިކަމާއެކު ގައުމުތަކަށް ސިންގަޕޫރުން ފޯރުކޮށްދޭ ދީލަތި އެހީތެރިކަމަކީ ނަމޫނާއެއް ކަމަށާއި ދިވެހިން ތަރައްގީގައި ވެސް އެއީ ނަމޫނާ ގައުމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނަށް ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް ދެއްވި ރަސްމީ ޖާފަތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ސިންގަޕޫރު ސަރުކާރުން ދެއްވާ މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ރައީސް ވިދާޅުވީ ރަސްމީ ޑިޕްލޮމެޓިކް ގުޅުންތަކުގެ ކުރިން ވެސް ސިންގަޕޫރާއި ރާއްޖޭގެ ގުޅުން ދެމިއޮންނަ ކަމަށާއި ވިޔަފާރިއާއި އެކި ދާއިރާތަކުން ސިންގަޕޫރާއެކު އަބަދުވެސް ގުޅުން އޮންނަ ކަމަށެވެ. އަދި ސިންގަޕޫރަކީ ރާއްޖޭގެ ތަރައްގީއަށް ނަމޫނާ ގައުމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ދަތި ހާލަތްތަކުގައި ސިންގަޕޫރުން ދެމުންގެންދާ އިންސާނީ އެހީތެރިކަމުން ފެށިގެން ސަރުކާރުތަކާއި ޓެކްނިކަލް ކެޕޭސިޓީ ބިލްޑިންއަށް ދޭ އެހީތެރިކަމާ ހަމައަށް ސިންގަޕޫރުގެ ދީލަތި އެހީއަކީ ނަމޫނާއެއް ކަމަށާއި ރާއްޖެއާއި ސިންގަޕޫރުގެ ގުޅުން ކުރިއަށް އޮތްތަނުގައިވެސް އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަގީންކަން އޮތް ކަމަށް ރައީސް ވިދާޅުވިއެވެ.
އެ ހަފުލާގައި ވާހަކަފުޅުދައްކަވަމުން ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް ވިދާޅުވީ ޓޫރިޒަމާއި ވިޔަފާރީގެ ދާއިރާ އިތުރަށް ވަރުގަދަކުރުމަށް ދެ ގައުމު ގުޅިގެން މަސައްކަތްކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ބައިނަލްއަގުވާމީ ޕްލެޓްފޯމުތަކުގައި ތިމާވެއްޓަށް ކުރާ އަސަރުތައް ފަދަ ކަންކަމުގައި އެއް ވިސްނުމެއްގައި މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އަލިއަޅުއްވައިލައްވައި ވާހަކަފުޅުދެއްކެވިއެވެ.
ސިންގަޕޫރަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރާއްޖެއާއި ސިންގަޕޫރާ ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ. އޭގެ ތެރޭގައި ޓެކްނިކަލް ގާބިލުކަން އިތުރުކުރުމަށް ސްޓަޑީ ވިޒިޓްތައް ހިންގުމާއި މަތީ ތައުލީމާއި ވޮކޭޝަނަލް ތަމްރީނު، އަދި ތިމާވެށި އަދި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާތަކުން އެއްބާރުލުން ދިނުމުގެ އެއްއޯޔޫތައް ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު