އެމެރިކާގެ ބާސްކެޓް ލީގު، އެންބީއޭގެ 23 ސީޒަނެއްގައި ކުޅުމުގެ ޝަރަފު ހޯދުމަށް ލޮސް އެންޖެލެސް ލާކާސްގެ ލެޖެންޑް، ލެބްރޯން ޖޭމްސް ތައްޔާރުވެއްޖެއެވެ.

އުމުރުން 40 އަހަރުގެ ޖޭމްސް، ކުރިއަށް އޮތް ސީޒަނުގައިވެސް ލޭކާސްއަށް ކުޅެން ނިންމާ، އެއްބަސްވެފައި ވަނީ 52.6 މިލިއަން ލަރުގެ ޕްލޭޔާ އޮޕްޝަން އެކްޓިވޭޓްކުރުމަށެވެ.

މިދިޔަ ސީޒަނުގައި ޖޭމްސް ވަނީ އެންބީއޭގައި 50،000 ޕޮއިންޓް ހަމަކުރި ފުރަތަަމަ ކުޅުންތެރިޔާގެ ޝަރަފުވެސް ހޯދައިފައެވެ. އޭގެ އިތުރުން މިދިޔަ ސީޒަނުގައި އޭނާ ވަނީ އެންމެ ގިނަ މެޗު 30 ޕޮއިންޓަށް ވުރެ ގިނައިން ސްކޯކޮށްގެން، މައިކަލް ޖޯޑަން 2003 ވަނަ އަހަރު ހެދި ރެކޯޑުވެސް މުގުރާލައިފައެވެ.

ޖޭމްސް މިހާތަނަށް ހަތަރު ފަހަރު އެންބީއޭ ޗެމްޕިއަންޝިޕް ހޯދާފައިވާ އިރު، އަނެއްކާވެސް އިތުރު ސީޒަނެއްގައި ކުޅުމަށް އޭނާ ނިންމީ އާއިލާއާ މަޝްވަރާ ކުރުމަށްފަހުއެވެ.

ޖޭމްސްއަކީ 21 ފަހަރު އޯލް ސްޓާ ޓީމުގައި ހިމެނި، ހަތަރު ފަހަރަށް ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ކުޅުންތެރިއެކެވެ. އޭނާ އެމްބީއޭއަށް ނުކުތީ އުމުރުން އެންމެ 18 އަހަރުގައެވެ. އެއީ 2003 ވަނަ އަހަރު ކްލެވެލޭންޑް ކަވަލިއާސްއާ އެކުގައެވެ.