އިންޑިއާއިން ''ކްލައުޑް ސީޑް'' ކޮށްގެން ވާރޭ ވެހޭގޮތް ހަދަން ނިންމައިފިއެވެ.

އިންޑިއާގެ ވެރިރަށް ދިއްލީގެ ވައި ނުސާފުވުން ކުޑަކުރުމަށް އެ ސިޓީއަށް ވާރޭ ވެހޭގޮތް ހަދަން ''ކްލައުޑް ސީޑް'' ޓެކްނޮލޮޖީ ބޭނުންކުރަން މިހާރު ތައްޔާރުވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ދިއްލީގެ ތިމާވެއްޓާބެހޭ މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިޔަށް ގެންދަން ހަމަޖެހިފައިވާ އެ ހަރަކާތުގައި އަންނަ މަހުގެ ހަތަރަކުން 11 އާއި ދެމެދު ފްލައިޓު ބޭނުންކޮށްގެން ''ކްލައުޑް ސީޑް'' ކުރުމަށް ހަމަޖެހިފައިވެއެވެ.

އަންނަ މަހުގެ ތިންވަނަ ދުވަހާއި ހަމައަށް މޫސުމަށް ބެލުމަށްފަހު ''ކްލައުޑް ސީޑް'' ކުރުމަށް އެކަށީގެންވާނަަމަ އެ މަސައްކަތް ފެށޭނެ ކަމަށް އޮފިޝަލުން ބުނެއެވެ.

އިންޑިއާ ސަރުކާރުގެ އެކި އިދާރާތައް ގުޅިގެން އެ ގައުމުގައި ފުރަތަމަ ފަހަރަށް ''ކްލައުޑް ސީޑް'' ކުރުމުގެ މަސައްކަތް ފަށަން ހަމަޖެހިފައިވާއިރު އެކަމުގެ ސަބަބުން ދިއްލީގެ ވައި ސާފުވުމަށް އިތުރު ބާރެއް ލިބިގެން ދާނެ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

ދިއްލީން ފަށާ ހާއްސަ ޕްރޮޖެކްޓަށް ދީފައިވާ ނަމަކީ '' ޓެކްނޮލޮޖީ ޑެމޮންސްޓްރޭޝަން އެންޑް އިވެލުއޭޝަން އޮފް ކްލައުޑް ސީޑިން އޭސް އެން އަލްޓަނޭޓިވް ފޯ ދިއްލީ ޕޮލިއުޝަން މިޓިގޭޝަން އެވެ."

ދިއްލީގެ އޮފިޝަލުން ވަނީ އެ ސިޓީގެ ހުޅަނގު އުތުރު ސަރަހައްދުގައި ފެށުމަށް ހަމަޖެހިފައިވާ އެ މަސައްކަތުގައި ފަސް ފްލައިޓެއް ހަރަކާތްތެރިވާނެ ކަމަށްވެސް ބުނެފައެވެ.

''ކްލައުޑް ސީޑް'' ޓެކްނޮލޮޖީ އަކީ ފްލައިޓެއް ބޭނުންކޮށްގެން ވައިގެ ވަކި އުސްމިނެއްގައި ދަތުރުކޮށް ވިލާތަކަށް ހާއްސަ ކެމިކަލެއް ޖަހައި ވާރެއަށް ބަދަލުކުރުމަށް ބޭނުންކުރާ ޓެކްނޮލޮޖީއެކެވެ.