އިޒްރޭލާއި އީރާނުގެ ހަނގުރާމަ މިވަގުތަކަށް އެއޮތީ ނިމިފައެވެ. ހަނގުރާމަ ނިމުމާއެކު ބައެއް ކަންކަން ތިލަވެގެން އެންމެނަށްވެސް ފެންނަ ހިސާބަށް ވަނީ އައިސްފައެވެ. އޭގެތެރެއިން އެއްކަމަކީ މި ހަނގުރާމައިގައި އަޒަބައިޖާނުން އަދާކުރި ދައުރެވެ. އަޒަބައިޖާނަކީ އީރާނުގެ އުތުރުން އިންވެގެންވާ ޝީއީ ދައުލަތެކެވެ. އީރާނުގެ ދީނީ އަދި މަޒުހަބީ އަޚާއެވެ. އެކަމަކު ގާތްކަމާއި އެކުވެރިކަން އޮންނަނީ އިޒްރޭލާއެކުއެވެ. އެއީ ދޮގުކުރެވެންނެތް ހަގީގަތެކެވެ. މި ހަނގުރާމައިގައި އަޒަބައިޖާނުގެ ވައިގެ ސަރަހައްދު އެއްވެސް ހިފެހެއްޓުމެއްނެތި އިޒްރޭލުން ބޭނުންކުރިކަން މިހާރު ވަނީ ހާމަވެފައެވެ. މިކަމުގެ ޝަކުވާ އީރާނުން ވަނީ ރަސްމީކޮށް އުފުލައިފައެވެ. އީރާނުގެ ރައީސް ޑރ. މަސްއޫދު ޕަޒިޝްކިޔާން ވަނީ އަޒަބައިޖާނުގެ ރައީސް އިލްހާމް އަލިޔެވްއަށް ފޯނުން ގުޅުއްވައި މިކަން ތަހުގީގު ކުރުމަށްވެސް އެދިވަޑައިގެންފައެވެ. މިވަގުތު އަޒަބައިޖާނާ ދެކޮޅުވެރިވެ މާބޮޑު ހައިޖާނެއް އުފައްދަން އީރާނު ބޭނުމެއް ނުވެއެވެ. ބޭނުންވާ ކަމަށް ނުފެނެއެވެ. އެހެންވީމާ ކުރި ޝަކުވާއެއް ކުރީ ޑިޕްލޮމެޓިކް ހަމަތަކުގެ ތެރެއިން ވަރަށް މައިތިރި ބަހަކުންނެވެ. ބަހުރުވަޔަކުންނެވެ.
އީރާނުގެ ތުހުމަތާމެދު އަޒަބައިޖާނުން ބުނަނީ ކީކޭ؟
އީރާނުގެ މިބުނުން ނުވަތަ ތުހުމަތު އަޒަބައިޖާނުން ދޮގުކުރެއެވެ. އެކަމަކު ދެގައުމުގެ އިން ހުރަސްކޮށް އިޒްރޭލުގެ ޖެޓްތަކާއި ޑްރޯންތައް އީރާނަށް ވަދެނުކުމެ އުޅުނު މަންޒަރު އެންމެނަށްވެސް ފެނުނެވެ. އަދި އިޒްރޭލުގެ ޖެޓުތަކުން ބޭނުންކުރި ބައެއް ފިއުލް ޓޭންކުތަކާއި އެބާވަތުގެ އެނޫންވެސް ތަކެތި ކެސްޕިއަން ކަނޑުން އީރާނުގެ އައްސޭރިޔަށް ލައްގާފައިވަނިކޮށް ވަނީ ފެނިފައެވެ. އީރާނާ ދެކޮޅަށް އިޒްރޭލުން ހިންގި ބާރަ ދުވަހުގެ ހަނގުރާމައިގައި އަޒަބައިޖާނާއި އަޒަބައިޖާނުގެ ވެރިކަމުގެ ދަށުގައިވާ ނަކީޗެވާން ޕްެރޮވިންސް، ސަރަހައްދީ އޮޕަރޭޝަނަލް ހެޑްކުއާޓަރުތަކެއްގެ ގޮތުގައި އިޒްރޭލުން ބޭނުންކުރިކަން ޝައްކެއްނެތް މިންވަރަށް ވަނީ ހާމަވެފައެވެ. މިހިސާބުން ދެން އުފެދެނީ ސުވާލެކެވެ. ވަރަށް ބޮޑު ސުވާލެކެވެ. ކީއްވެގެން ހެއްޔެވެ. އީރާނުދެކެ އަޒަބައިޖާން ރުޅިއަރައި އިޒްރޭލު ކޮޅަށް އެރުމުގެ ސިއްރަކީ ކޮބައިހެއްޔެވެ. މި ސުވާލުތަކުގެ ޖަވާބު ލިބޭނީ ތާރީޚުގެ ތެރެއަށް ފީނައިގެންނެވެ. އަޒަބައިޖާނު އުފަންވީގޮތާއި ސިޔާސީ ވިސްނުންހުރި ގޮތަށްވެސް ބަލައިގެންނެވެ.
ދެ ގައުމުގެ ތާރީޚަކީ ކޮބާ؟
އީރާނާއި އަޒަބައިޖާނަކީ އެއްދީނެއް، އެއްމަޒުހަބެއް، އެއްތާރީޚެއް އަދި އެއްސަގާފަތެއް ހިއްސާކުރާ ދެ އަވަށްޓެރިންނެވެ. އެހެންވީއިރު ދެ ގައުމެއްގެ ގޮތުގައި ފެނުމުގެ ސިއްރަކީ ކޮބައިހެއްޔެވެ. ރިޕަބްލިކް އޮފް އަޒަބައިޖާނުގެ ނަމުގައި އީރާނުގެ އުތުރުން ވަކި ދައުލަތެއް ވުޖޫދުވުމުގެ ސިއްރަކީ ކޮބައިހެއްޔެވެ. މި ސުވާލުގެ ޖަވާބު ގުޅިފައިވަނީ މީލާދީން އަށާރަސަތޭކައިގެ އަހަރުތަކުގެ ތެރޭގައި އީރާނާއި ރަޝިޔާއާ ދެމެދު ހިގި ހަނގުރާމަޔާއެވެ. މިދެންނެވި ހަނގުރާމަޔަކީ މީލާދީން 1826 ވަނަ އަހަރުން ފެށިގެން 1828 ވަނަ އަހަރާ ހަމައަށް ދެމިގެންދިޔަ ހަނގުރާމައެކެވެ. ހަނގުރާމަ ނިމުނީ ރަޝިޔާއަށް ކުރިލިބިގެންނެވެ. އީރާނަށް ނިކަމެތިކަން ލިބިގެންނެވެ. ހަނގުރާމަ ހުއްޓައިލީ އީރާނުގެ ރަށެއް ކަމަށްވާ ޓޯކަމަންޗޭގައި ވެވުނު ސުލްހައިގެ މުއާހަދާއަކުންނެވެ. މި މުއާހަދާގެ ދަށުން އީރާނުގެ އުތުރުގެ ވަރަށްބޮޑު ސަރަހައްދެއް ރަޝިޔާއަށް ދޫކޮށްލެވުނެވެ. މިހާރުގެ އަޒަބައިޖާނަކީ އެގޮތަށް ރަޝިޔާއިން ވެރިވެގަތް ސަރަހައްދެވެ.
އަޒަބައިޖާން އުފަންވުން
ރަޝިޔާގެ ރަސްކަމުގެ ބައެއްގެ ގޮތުގައި އަޒަބައިޖާނު އޮންނަތާ 90 އަހަރުވީފަހުން ރަޝިޔާގެ ރަސްކަން ނިމި ކޮމިއުނިސްޓް އިންގިލާބެއް އައުމާ ވިދިގެން ދުވަސްކޮޅަކަަށް އަޒަބައިޖާން މިނިވަންވިއެވެ. އެކަމަކު ހަމަ ކުޑަދުވަސްކޮޅެއް ފަހުން ރޫސީ ސިފައިން އަރައި އަނެއްކާވެސް އަޒަބައިޖާން ހިފައިފިއެވެ. ތެލަށްޓަކައެވެ. ސޯވިއެޓް ޔޫނިއަންގެ ބައެއްގެ ގޮތުގައި އަޒަބައިޖާން އޮންނަތާ 71 އަހަރު ފަހުން ސޯވިއެޓް ޔޫނިއަން 1991 ގައި ރޫޅިގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން އަޒަބައިޖާން އަނެއްކާވެސް މިނިވަން ވެއްޖެއެވެ. މިހިސާބުން ދެންވެސް އުފެދެނީ ސުވާލެކެވެ. އަޒަބައިޖާނުގެ މާނަޔަކީ ކޮބައިހެއްޔެވެ. ވަކި ގައުމަކަށް އެނަން އިޚުތިޔާރު ކުރެވުނީ ކީއްވެގެން ހެއްޔެވެ. އަޒަބައިޖާނަކީ ގަދީމީ ފާރިސީ ނަމެކެވެ. އަޒަރުގެ މާނަޔަކީ އަލިފާނެވެ. ބައިޖާނުގެ މާނަޔަކީ ހިމާޔަތްދޭ ފަރާތެވެ. އެހެންވީމާ މިއީ އެންމެކުރީ ޒަމާނުގައި ފާރިސީން އަލިފާނަށް އަޅުކަންކުރި ޒަމާނުން ފެށިގެން ވަކި ސަރަހައްދަކަށް ބޭނުން ކުރެވެމުން އައި ނަމަކީއެވެ. އީރާނުގެ އުތުރުގެ ސަރަހައްދުތަކުގައި ތެލާއިގޭސް ހުރުމުން އަވަހަށް ފަސޭހައިން ހުޅުހިފުން ގިނަ ސަރަހައްދަކަށްވާތީ އަޒަބައިޖާނޭ ކިޔުނީއެވެ.
ނަން އިޚުތިޔާރު ކުރުމުގެ ސަބަބު
މިހާރުގެ އަޒަބައިޖާނަށް މިނަން ކިޔުނީ 1918 ވަނަ އަހަރު އެ ގައުމަށް މިނިވަންކަން އެންމެ ފުރަތަމަ ލިބުމާއެކު ސިޔާސީ ބޭނުމެއްގައެވެ. އެބޭނުމުގެ ވާހަކަ އަދި ފަހުން އަންނާނެއެވެ. ކޮންމެއަކަސް ހަގީގީ އަޒަބައިޖާނަކީ މިހާރުގެ އީރާނުގެ އުތުރުގެ ވަރަށް ބިޔަ ސަރަހައްދެއްވެސް ހިމެނޭހެން ވަރަށް ބޮޑުވެގެންވާ ބައްރެކެވެ. މުޅި ސަރަހައްދަށް ބަލަންޏާ މިހާރުގެ އަޒަބައިޖާނަކީ އޭގެ ތަންކޮޅެކެވެ. އީރާނުގެ އެންމެ އުތުރުގައިވާ ހަތަރު ޕްރޮވިންސަކީވެސް ބޮޑު އަޒަބައިޖާނުގެ ބައިތަކެވެ. މީގެ ތެރެއިން ދެ ޕްރޮވިންސަކަށް ނަން ދީފައިވަނީވެސް އަޒަބައިޖާނުގެ ނަމުންނެވެ. ވެސްޓް އަޒަބައިޖާނާއި އީސްޓް އަޒަބައިޖާނެވެ. އަނެއް ދެ ޕްރޮވިންސަށް ކިޔަނީ ޒަންޖާން އާއި އަރުދަބީލްއެވެ. އަޒަބައިޖާނުގައިވެސް އަދި އީރާނުގެ އުތުރުގެ މިދެންނެވި ހަތަރު ޕްރޮވިންސްގައިވެސް ދިރިއުޅޭ މީހުންނަށް ކިޔަނީ އަޒޭރީންނެވެ. އެމީހުންގެ ބަހަކީ އަޒޭރީ ބަހެވެ. އެއީ ފާރިސީބަހާ ގާތްކުރާ ބަހެކެވެ. އަދި ތުރުކީބަހާވެސް ގާތްކުރާ ބަހެކެވެ.
އަޒޭރީންނަކީ ކޮބާ؟
އަޒަބައިޖާނުގައި ދިރިއުޅެނީ އަޒޭރީންކަމަށްވާއިރު އަޒަބައިޖާނުގެ އާބާދީއަކީ ދިހަ މިލިޔަނެވެ. އީރާނުގެ އާބާދީއަކީ 90 މިލިޔަން ކަމަށްވާއިރު އޭގެތެރެއިން ގާތްގަޑަކަށް ތިރީސް މިލިޔަން މީހުންނަކީ އަޒޭރީންނެވެ. އީރާނުގެ މިހާރުގެ ރައީސް މަސްއޫދު ޕަޒިޝްކިޔާނަކީވެސް އަޒޭރީއެކެވެ. ރޫހީ ލީޑަރު އަލީ ޚާމަނާއީއަކީވެސް އަޒޭރީއެކެވެ. ގަދީމީ ބޮޑު އަޒަބައިޖާނުގެ ސަރަހައްދުގެ ތެރެއިން އަޒަބައިޖާނޭ އެކިޔޭ ދައުލަތް އެއޮތީ އެންމެ ބޮޑު ފަޅީގައެވެ. އީރާނުގެ އަޒޭރީ ހަތަރު ޕްރޮވިންސަށްވުރެވެސް އަޒަބައިޖާނު ބޮޑެވެ. އެކަމަކު ކުރިންވެސް ބަޔާން ކުރެވުނުފަދައިން އަޒޭރީންގެ އާބާދީ ބޮޑީ އީރާނުގެ ކުރިން ދެންނެވި ހަތަރު ޕްރޮވިންސުގައެވެ. އީރާނާއި އަޒަބައިޖާނު ވަކިވުމުގެ ސިއްރަކީ މީގެ 197 އަހަރު ކުރިން އީރާނު ކުޑަކަކޫ މައްޗަށް ތިރިކޮށްގެން ގަދަބާރުން ރަޝިޔާއިން ސޮއިކުރުވި ޓޯކުމަންޗޭ އެއްބަސްވުން ކަމަށްވާއިރު އަޒަބައިޖާނުގެ ނަން އިޚުތިޔާރު ކުރުމުގެ ފަހަތުގައި ކުރިންވެސް ދެންނެވުނު ފަދައިން ސިޔާސީ ބޭނުންތަކެއް އެބަވެއެވެ.
ގްރޭޓަރ އަޒަބައިޖާނެއް އުފެއްދުމުގެ ހުވަފެން
ގަދީމީ އަޒަބައިޖާނޭ ކިޔުނު މުޅި ސަރަހައްދު އަޒަބައިޖާނުން ބޭނުންވެއެވެ. މާނަޔަކީ އީރާނުގެ ވެސްޓް އަޒަބައިޖާނާއި އީސްޓް އަޒަބައިޖާނާއި ޒަންޖާނާއި އަރުދަބީލްވެސް ްބޭނުންވުމެވެ. ގްރޭޓަރ އަޒަބައިޖާނެއް އުފެއްދުމަށެވެ. އަޒަބައިޖާނުގެ ޒަމާންވީ ހުވަފެނަކީ އެއީއެވެ. މިއީ އަޒަބައިޖާނުން ސިއްރުކުރާ ކަމެއް ނޫނެވެ. ހަމަފާޅުގައި ބުނާ ވާހަކައެކެވެ. އަޒަބައިޖާނާއި އާމީނިޔާގެ ހަނގުރާމަތަކުގައި އީރާނުން އާމީނިޔާއަށް ތާއީދުކުރުމުގެ ސިއްރަކީ އެއީއެވެ. އާމީނިޔާއަށް އެހީތެރިވުމުގެ ސިއްރަކީވެސް އެއީއެވެ. ދުނިޔޭގެ އެއްވެސް ބަޔަކު އީރާނާ އަދާވާތްތެރިވެގެންފިއްޔާ އަޒަބައިޖާނުން އެބަޔަކަށް ތާއީދުކޮށް ވާގިވެރިވާނެއެވެ. ވާގިވެރިވެއެވެ. އިޒްރޭލާއި އަޒަބައިޖާނުގެ ގާތް ރަހުމަތްތެރިކަމުގެ ފަހަތުގައިވާ ސިއްރަކީވެސް އެއީއެވެ. މިފަހަރު އިޒްރޭލުން އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގެ މަގުސަދުތަކުގެ ތެރޭގައި އީރާނުގެ ވެރިކަން ބަދަލުކޮށް އީރާނު ފޮތިފޮތިކޮށްލުން ހިމެނެއެވެ. އެއީވެސް ސިއްރެއް ނޫނެވެ. އެގޮތަށް ފޮތިފޮތިކޮށްލާއިރު އީރާނުގެ އަޒޭރީ ހަތަރު ޕްރޮވިންސް އެއްކޮށްލުމަށް އިޒްރޭލުން ބޭނުންވީ އަޒަބައިޖާނާއެވެ.
ބުޅާ ގޯނިން ބޭރުވުން
އެހެންވީމާ މި ހަނގުރާމައިން އިޒްރޭލް މޮޅުވެ އީރާން ނިކަމެތިވެ ބައިބައިވެގެން ދިޔުމަކީ އަޒަބައިޖާނު ކިހައިވަރަކަށް އުފާވާނެ އަދި ރުހޭނެ ކަމެއްކަން އޮތީ ހީކޮށްލުމެކެވެ. އީރާނަށް ހަމަލަދިނުމަށްޓަކައި އިޒްރޭލުގެ ޖެޓުތަކާއި ޑްރޯންތަކަށް އަޒަބައިޖާނުގެ ވައިގެ ސަރަހައްދު ހުޅުވައިލުމަކީ މިކަމަށް ވިސްނާއިރު ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. އަޒަބައިޖާނުން ކިތަންމެ ވަރަކަށް ދޮގެކޭ ދޮގެކޭ ބުންޏަސް ބުޅާ އެއޮތީ ގޯނިން ބޭރުވެފައެވެ. ހުސްވި އަހަރުގެ ތެރޭގައި އީރާނުގެ ރައީސް އިބްރާހިމް ރައީސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު އަޒަބައިޖާނުގެ ސަރަހައްދީ އިމާއި ގާތަށް ވެއްޓި އޭނާ އަވަހާރަވި ހާދިސާގައިވެސް އަޒަބައިޖާނުގެ ދައުރެއް އޮތްކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ. އިޒްރޭލުގެ އަސްކަރީ ސާމާނާއި އެޑްވައިޒަރުން އަޒަބައިޖާނުގައި ތިބެއެވެ. އީރާނުގެ ހެލިކޮޕްޓަރުގެ މުވާސަލާތު ގަޑުބަޑުކޮށް ހެދި އެއްޗެއް ހަދައިގެން ވައްޓައިލީ އިޒްރޭލުން ކަމަށް ބެލެވޭއިރު އެކަމަށްޓަކައި ބޭނުންކުރީ އަޒަބައިޖާނުގެ ސަރަހައްދެވެ.
އިމާދު ލަތީފު
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
ކޮމެންޓް