ރާއްޖެއަށް ހަލާލް ޓޫރިޒަމް ތައާރަފު ކުރުމަށް ހަލާލް ޓޫރިޒަމަށް ހާއްސަ ރިސޯޓުތައް ތަރައްގީކުރަން ފަސް އަތޮޅަކުން ރަށްތައް ދޫކުރަން ނިންމައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ، ހަލާލް ޓޫރިޒަމަށް ހުޅުވާލަނީ، ރާއްޖޭގައި ފަތުރުވެރިކަން އެންމެ ދަށް އަތޮޅުތަކަށް އިސްކަން ދީގެން ކަމަށެވެ. އެގޮތުން ޖުމްލަ 31 ރަށެއް ހަލާލް ޓޫރިޒަމަށް ހުޅުވާލާ އިރު، އޭގެ ތެރެއިން ފުރަތަމަ ހުޅުވާލާނީ ތ، ލ، ށ، ހއ އަދި ހދ އިން ރަށެއް ކަމަށެވެ.
މީގެ އިތުރުން އައްޑޫ ސިޓީގައި ވެސް ހަލާލް ޓޫރިޒަމަށް ހުޅުވާލާނެ ކަމަށާއި ނަމަވެސް އަދި އެ އަތޮޅުން ދޫކުރާނެ ރަށެއް އެއްކޮށް ނުނިންމާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ހަލާލް ޓޫރިޒަމްގައި ދޫކުރާ ރަށްރަށް ނިންމަން ތިން އަހަރު ދުވަސް ލިބޭއިރު، އިކުއިޒިޝަން ކޯސްޓު ދައްކަން ޖެހޭނީ ފަސް ވަނަ އަހަރާއި ހަ ވަނަ އަހަރު ކަމަށެވެ. އަދި ތިން އަހަރަށް ވުރެ ކުރިން ރިސޯޓުގެ މަސައްކަތް ނިމިއްޖެ ނަމަ ތިން އަހަރުވުމާ ދެމެދު އިންނަ މުއްދަތުގެ ކުލި މާފުކޮށްދޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ހަލާލް ޓޫރިޒަމް ތަރައްގީކުރާ ރިސޯޓުތަކުގައި އިސްލާމީ އުސޫލުތަކަށް ހާއްސަ އިސްކަމެއް ދޭން ޖެހޭނެ ކަމަށެވެ. އެގޮތުން އެ ރިސޯޓުގައި މިސްކިތް ހުންނާނެ ކަމަށާއި ރަލާއި އޫރުމަހުގެ އެއްވެސް ބާވަތެއް ވިއްކުމާއި ބޭނުންކުރުން މަނާވާނެ ކަމަށެވެ.
އެ ރިސޯޓުތަކުގައި ވިއްކޭނީވެސް ހަލާލް ސެޓިފައިޑް ކާބޯތަކެތި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މިދިޔަ އަހަރު ދުނިޔޭގެ ހަލާލް ޓޫރިޒަމްގެ އާމްދަނީއަކީ 274 ބިލިއަން ޑޮލަރު ކަމަށެވެ. އެހެންކަމުން ހަލާލް ޓޫރިޒަމަކީ ފުރުސަތު އޮތް އަދި މަންފާކުރާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ރާއްޖެއަކީ ޓޫރިޒަމްގައި ބްރޭންޑެއްކަމުން ރާއްޖޭގައި ހަލާލް ޓޫރިޒަމަށް އިންވެސްޓްކުރާނެ ބޭރުގެ އިންވެސްޓަރުން ލިބޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.
އަލީ ޔާމިން
ކުށް
އެމެރިކާ
ހޮލީވުޑް