އަންނަ ހޮނިހިރު ދުވަހާ ހަމަަަޔަށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން މިއަދު "ވަން" އަށް ބުނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހާ ހަމަޔަށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރައިގެ އަސަރު ކުރާނެ ކަމަށާއި މާލޭގައި ފެންބޮޑުވުން އެކަށީގެންވާ ކަމަށެވެ. އަދި އުދައިގެ އަސަރު ކުރުން ވެސް އެކަށީގެންވާ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވައިޖެހޭނީ ދެކުނާއި ދެކުނު ހުޅަގުން ކަމަށާއި މާލެ ސަރަހައްދުގައި 45 މޭލަށް ވައި ގަދަވެދާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ބުންޏެވެ.

"ދިޔަވަރު ބޮޑުވާ ގަޑީގައި އުދައިގެ އަސަރުކުރުން އެކަށިގެންވޭ. ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މި ތިން ދުވަހު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ. ރާއްޖޭގެ އެކި ހިސާބަށް ބޯކޮށްވެސް ވެހިދާނެ ބައެއް ރަށްތަކަށް." މެޓުން ބުންޏެވެ.

މެޓް އޮފީހުން އިތުރަށް ބުނީ ރާއްޖޭގެ ކަނޑުތައްވެސް ދަގަވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެގޮތުން ދެކުނުގެ ރާޅުތައް ތިން ފޫޓާއި ފަސް ފޫޓާ ދޭތެރޭގައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށާއި މެދު ރާއްޖެތެރޭގެ ރާޅުގެ އުސްމިނުގައި ހަތަރު ފޫޓާއި ހަ ފޫޓާ ދޭތެރޭ ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެހެންކަމުން ދަތުރު ކުރާފަރާތަކުން މޫސުމަށް ސަމާލުވުމަށް ވެސް އެ އިދާރާއިން އިލްތިމާސް ކުރެއެވެ.