މެދުއިރުމަތީގައި މިހާރު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކޮށް ހަމަޖެހުން ގާއިމުކުރަން ރާއްޖޭގެ އެހީ އީރާނަށް ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އީރާނުގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން-ރެޒިޑެންޓް ސަފީރު، ޑރ. އަލީރިޒާ ދެލްކޯޝް، ވަނީ ސަފީރުކަމުގެ ފަތްކޮޅު، ރައީސް މުއިއްޒަށް މިއަދު އަރުއްވައިފައެވެ.
ސަފީރުކަމުގެ ފަތްކޮޅު އެރުއްވުމުން ރައީސް ވަނީ ސަފީރަށް މަރުހަބާ ވިދާޅުވެފައެވެ. އެއަށްފަހު ދެ ބޭފުޅުން ވަނީ މަޝްވަރާގެ ބައްދަލުވުމެއް ބާއްވައިފައެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ ބައްދަލުވުމުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ. ރައީސް އޮފީހުން ބުނީ ދެގައުމުގެ ދެމެދުގައި އޮންނަ އެއްބަނޑު އެއްބަފާ އަހުވަންތަ ގުޅުން އިތުރަށް ބަދަހިކުރުމާއި، އިގުތިސާދީ ގޮތުން އެއްބާރުލުން އިތުރުކުރުމާއި، ފަންނީ ތަޖުރިބާ ހިއްސާކުރުމާއި، ކުރިއަށް އޮތްތަނުގައި ދޭދޭ ރައްޔިތުންގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރުމަށް ދެ ބޭފުޅުން ވަނީ ޝައުގުވެރިކަން ފާޅުކުރައްވައިފައި ކަމަށެވެ.
އަދި މެދުއިރުމަތީގައި މިހާރު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކޮށް، އެ ސަރަހައްދުގެ ސުލްހަމަސަލަސްކަން ގާއިމުކުރުމަށް ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެއިން އޮތީ ތައްޔާރަށް ކަމަށް ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ސަފީރު ވަނީ ރައީސް މުއިއްޒު އެފަދަ ކަންކަމުގައި ގެންގުޅުއްވާ ސިޔާސަތަށް ތައުރީފުކުރައްވައި، އީރާނުގެ ލީޑާޝިޕްގެ ނަމުގައި ޝުކުރު އަދާކުރައްވައިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު