ދިވެހި މަސައްކަތްތެރީންނަށް ދޭން ކަނޑައަޅާފައިވާ އެންމެ ކުޑަ މުސާރަ ނުވަތަ މިނިމަމް ވޭޖް ރިވިއު ކުރުމަށް ކުރާ ދިރާސާއަށް ބިނާކޮށް ބިދޭސީ މަސައްކަތްތެރީންނަށްވެސް މިނިމަމް ވޭޖެއް ކަނޑައެޅުމާމެދު ގޮތެއް ނިންމާނެ ކަމަށް ލޭބާ މިނިސްޓަރު ޑރ އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ހައިދަރު މިހެން ވިދާޅުވީ މިނިމަމް ވޭޖް މުރާޖައާ ނުކޮށް ލަސްވާ ސަބަބު ހޯދުމަށް މިނިސްޓަރާ ސުވާލުކުރެއްވުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުކުރުމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
މެންބަރު އެއްސެވީ މިނިމަމް ވޭޖް ކަނޑައެޅުމުން ދިވެހި މަސައްކަތްތެރިންގެ ބަދަލުގައި ބިދޭސީން ނަގާ މައްސަލަ ހައްލުކުރުމަށް ބިދޭސީން މިނިމަމް ވޭޖުގައި ހިމެނުމަށް ގެންގުޅޭ ސިޔާސަތަކީ ކޮބައިތޯ އޮޅުން ފިލުވުމަށެވެ. އަދި ބިދޭސީންނަށް މިނިމަމް ވޭޖް ދޭ ވިޔަފާރިއެއް ފާހަގަކުރެވިފައިވޭތޯ އަދި އޭގެ ނަތީޖާ ކޮބައިތޯ އެވެ.
"އަޅުގަނޑުމެންގެ ދިރާސާގެ އަލީގައި އަޅުގަނޑުމެން އެކަމަށް ގޮތެއް ނިންމާނަން،" އެ ސުވާލަށް ދެއްވި ކުރު ޖަވާބުގައި މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި މިނިމަމް ވޭޖް ރިވިއު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަންއާ ގުޅިގެންނެވެ. އެކަމަށް ބޭނުންވާ ތަފާސްހިސާބު އެއްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.
"ދެ ފިޔަވައްސެއްގެ ދަށުން މިނިމަމް ވޭޖް ރިވިއު ކުރުމަށް އެބޭފުޅުން ވަނީ ހުށަހަޅުއްވައިފަ. އެގޮތުން ފުރަތަމަ ފިޔަވަހީގައި އެބޭފުޅުން ބައްލަވާނީ 'ދަ ރިވިއު އޮފް އިމްޕްލިމެންޓޭޝަން އޮފް މިނިމަމް ވޭޖާސް އިން ދަ މޯލްޑިވްސް'. މި މަސައްކަތަށް ބޭނުންވާ ޕްރައިމަރީ ޑޭޓާ އެއްކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފަ. އަދި ތިރީގައި މި ދަންނަވާ ސެކަންޑަރީ ޑޭޓާ އެއްކުރުމުގެ މަސައްކަތް މި ދަނީ ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.
"ވަރަށް ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއި އަދި ދިރާސާގެ މައްޗަށް ބިނާކޮށް ކަނޑައަޅަން ޖެހޭ އެއްޗެއް މިނިމަމް ވޭޖަކީ. އަޅުގަނޑުމެންގެ މި ދިރާސާގެ މަސައްކަތް މި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ނިންމާލެވޭތޯ މި ބަލަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިމަމް ވޭޖް ކަނޑައަޅާފައި ވަނީ ތިން ދާއިރާއަކަށް ބަހާލައިގެންނެވެ. ކުދި، މެދު އަދި ބޮޑު ވިޔާރިތަކުން ދޭން ޖެހޭ މިނިމަން ވޭޖް ކަނޑައަޅާފައި ވަނީ ވަކިވަކިންނެވެ.
- ކުދި ވިޔަފާރިތަކުން މަހު މުސާރައިގެ ގޮތުގައި މަދުވެގެން ގަޑިއިރަކަށް 24 ރުފިޔާ ނުވަތަ މަހަކަށް 5000 ރުފިޔާ
- މެދު ފަންތީގެ ވިޔަފާރިތަކުން ގަޑިއަކަށް 33 ރުފިޔާ ނުވަތަ މަހަކަށް 7000 ރުފިޔާ
- ބޮޑެތި ވިޔަފާރިތަކުން މުސާރައިގެ ގޮތުގައި ގަޑިއިރަކަށް 42 ރުފިޔާ ނުވަތަ މަހަކަށް 8900 ރުފިޔާ
ދިވެހި މަސައްކަތްތެރިންނަށް މިނިމަމް ވޭޖެއް ތައާރަފު ކުރީ ނޮވެމްބަރު، 2021، ގަ އެވެ. މިނިމަމް ވޭޖު ދޭންޖެހޭ މީހުންގެ ތެރޭގައި ބިދޭސީން ނުހިމެނުމުން ބިދޭސީ މަސައްކަތްތެރިންގެ އަދަދު މަދެއްނުވި އެވެ.
އާއިޝަތު މާހާ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް