އާމްދަނީގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ޓޫރިސްޓުންގެ އަތުން ނަގާ ޓެކްސްތައް ބޮޑުކުރި ނަމަވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ހަރަކާޓްތަކަށް ނޭދެވޭ އަސަރެއް ކޮށްފައިނުވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޑިޕާޗާ ޓެކްސް އާއި އެއާޕޯޓް ޑިވެލޮޕްމެންޓު ފީ ބޮޑުކުރަން ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ފަށާފައިވަނީ 1 ޑިސެމްބަރު 2024 އިން ފެށިގެންނެވެ. އަދި މި އަހަރުގެ ޖަނަވަރީން ފެށިގެން ގްރީން ޓެކްސް ބޮޑު ކޮށްފައިވާއިރު، އަންނަ ޖުލައިން ފެށިގެން ޓީޖީއެސްޓީ ބޮޑުވާނެ އެވެ. ތަޖުރިބާކާރުން އެއިރު ބުނި ގޮތުގައި މި ސިޔާސަތުތަކާއެކު ރާއްޖެއަށް އަންނަ ފަތުރުވެރިން މަދުވާނެ އެވެ.
ދައުލަތުގެ ބަޖެޓު ހަރަދުކުރަމުން އަންނަ ގޮތް އަންގައިދޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައި ބުނެފައިވާ ގޮތުން ޓެކުހުގެ ރޭޓުތަކަށް ގެނައި ބަދަލާ ގުޅިގެން މިހާތަނަށް ޖުމުލަ 13.2 ބިލިއަން ރުފިޔާ ޓެކުހުގެ ގޮތުގައި ވަނީ ލިބިފަ އެވެ.
އޭގެ ތެރެއިން ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅައިބަލާއިރު 88.5 ޕަސެންޓް އިތުރުވެފައިވާއިރު އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ލިބުނު އާމްދަނީ 46.9 ޕަސެންޓް އިތުރުވެފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅައިބަލާއިރު ގާތްގަނޑަކަށް ނުވަ ޕަސެންޓް އިތުރުވުމުގެ ސަބަބުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތާއި އަޅައިބަލާއިރު ލިބުނު އާމްދަނީ 44.5 ޕަސެންޓް އިތުރުވެފަ އެވެ.
"އެހެންކަމުން، އާމްދަނީގެ ސިޔާސަތުތައް ތަންފީޒުކުރެވިގެން ދިއުމާއެކު އެކަމުން ފެންނާން ޖެހޭ އެދެވޭ އަސަރު މިހާރު އަންނަނީ ފެންނަމުންނެވެ. އަދި މި އަދަދުތަކުން ޓެކުހުގެ ރޭޓުތަކަށް ގެނެވުނު ބަދަލާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ހަރަކާތްތަކަށް ނޭދެވޭ އަސަރެއްކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ،"
މުހައްމަދު ސިމާއު
މާލީ ބަޔާން
މާލީ ބަޔާން
މާލީ ބަޔާން
މާލީ ބަޔާން