ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމެނޭހެން ދަ ޑިމޮކްރެޓްސް ޕާޓީގެ މެންބަރުން އެމްޑީޕީއަށް އަލުން ގުޅުމަށް ނިންމުމުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެއެވެ.
މީގެ ކުރިން ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގެ ވީޑިއޯއާ އެކު ރައީސް ސޯލިހު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައި ދެމި ތިބެ، ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓައި، ރައްޔިތުންގެ މަސްލަހަތު އިސްކުރާ ބަޔަކަށްވުމަށް ގޮވާލައްވައިފައެވެ.
"ދަ ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ ގުޅުމަށް ނިންމެވި ނިންމެވުމަށް މަރުހަބާ ދަންނަވަން،" ރައީސް ސޯލިހް ވިދާޅުވިއެވެ.
މީގެ އިތުރުން އެ ޕޯސްޓްގައި ރައީސް ސޯލިހު ވަނީ ޅެން ބައިތެއް ހިމަނުއްވައިފައެވެ.
"ހުރަސްތަކާ ދިމާވެދާ އަދަދުނުވާނެ ދަތިތަކުން، ފަހަށް ނުޖެހި ދެވޭނެހެން ފަށާށެވީ ގިރާކުރާން. ގައުމިއްޔަ އިލްތިމާސުތަކަށް އަމަލުކުރާށެ ހެޔޮހިތުން، އަބަދު ކުރާށެ ހިތްވަރެއް ހިނގާނެ އާމަގެއް ކޮށާން."
ޑިމޮކްރެޓްސް ޕާޓީގެ މެންބަރުން އެމްޑީޕީއަށް އަލުން ގުޅުމަށް ނިންމުމުން ރައީސް ސޯލިހު މަރުހަބާ ވިދާޅުވި އިރު، އެ ޕޯސްޓްގައި ނަޝީދުގެ ނަން ވަކިން ހިމަނުއްވައިފައެއް ނުވެއެވެ.
ނަޝީދު، އެމްޑީޕީން ވަކިވެ ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފެއްދެވީ އެ ދެ ބޭފުޅުންގެ ދެމެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެންނެވެ.
ކުށް
ކްރިމިނަލް ކޯޓް
އިސްލާމީ ތާރީޚު