ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިމޮކްރެޓްސް ޕާޓީގެ މެމްބަރުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ޑިމޮކްރެޓްސް އިން ނިންމި ނިންމުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން މަރުހަބާ ކިޔައިފިއެވެ.

މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމަށްފަހު އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް ނަޝީދާއި ޑިމޮކްރެޓްސްގެ ބޭފުޅުން ނިންމެވި ނިންމެވުމަށް މަރުހަބާ ކިޔާ ކަމަށެވެ.

އެމްޑީޕީން ބުނީ ގައުމަށްޓަކައި ހަގީގީ މަސައްކަތް ކުރަން ބޭނުންވާ ކޮންމެ މީހަކަށް ވެސް އެޕާޓީން މަރުހަބާ ކިޔާނެ ކަމަށެވެ. އަދި ނަޝީދާ އެކު އަލަށް ގުޅިވަޑައިގަންނަވާ ބޭފުޅުންނާ އެކު ޕާޓީގެ މަސައްކަތްތައް ބާރަށް ކުރިއަށްދާނެ ކަމަށެވެ.

ސަރުކާރުގެ އަމަލުތައް ފާލުން ނެއްޓި އެތައް ބައެއްގެ ބުރަ މަސައްކަތުން ހޯދި ޑިމޮކްރަސީ ނުރައްކަލެއްގެ ތެރޭގައި އޮތް މި ދަނޑިވަޅަކީ މުހިންމު އިސްލާހީ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ދަނޑިވަޅެކެވެ. މި ޕާޓީއާ ގުޅޭ ކޮންމެ މެންބަރަކީ ވެސް ގައުމުގެ ހައްގުގައި ވަކާލާތު ކުރަން ފަސްނުޖެހޭނެ މެންބަރުންނެވެ،" އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން އިތުރަށް ބުނީ ސަރުކާރު ޖަވާބުދާރީ ކުރުވައި ގާނޫނު އަސާސީން ޔަގީންކޮށްދޭ ހައްގުތައް ކަށަވަރުކުރުމުގައި އެޕާޓީ އަބަދުވެސް ދެމި އޮންނާނެ ކަމަށެވެ.

ނަޝީދާއި ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށް ނިންމާފައިވަނީ އިއްޔެ ބޭއްވި އެޕާޓީގެ ނެޝަނަލް އެސެމްބްލީގައެވެ. އެ އެސެމްބްލީގައި އެ ގަރާރު ހުށަހެޅުއްވީ ވިމެން ޑިމޮކްރެޓްސްގެ ލީޑަރު ފާތިމަތު ހަމްދާއެވެ.

އެ ގަރާރުގައި ވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބު ކާމިޔާބުކުރުމަށާއި ރާއްޖޭގެ މުސްތަގުބަލު ރަނގަޅުކުރުމަށާއި ސިޔާސީ ނިޒާމާ މެދު ގެއްލެމުންދާ އިތުބާރު އަނބުރާ އިޔާދަކުރުމުގެ މަސައްކަތް ހިންގުމަށް އެންމެ ރަނގަޅު ގޮތަކީ ވަރުގަދަ އޮޕޮޒިޝަނެއް އޮތުން ކަމަށްވުމާ އެކަމަށްޓަކައި ގިނަ ބަޔަކު އެކުގައި މަސައްކަތްކުރުން ކަމަށް ގަބޫލުކުރެވޭ ހިނދު، އެ މަގުސަދު ހާސިލުކުރުމަށް އެ ޕާޓީގެ މެންބަރު އެމްޑީޕީއާ ގުޅުމަށް އިގުރާރުވާ ކަމަށެވެ.

ޑިމޮކްރެޓްސް އިން އެގޮތަށް ނިންމާފައި މިވަނީ، 2028 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ގެންގުޅުއްވާ ކަމަށް ވިދާޅުވެ، ރައީސް ނަޝީދު އެމްޑީޕީގެ ބައެއް އިސް މެންބަރުންނަށް ދާދިފަހުން މެސެޖެއް ފޮނުއްވާފައިވަނިކޮށެވެ.

ނަޝީދު ރާއްޖެ ވަޑައިގެން އިއްޔެ ވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާ ވެސް ބައްދަލުކުރައްވައިފައެވެ.

އެމްޑީޕީގެ ރައީސްކަމުގެ މަގާމުގައި ހުންނެވުމަށްފަހު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އުފެދުނު ދެބަސްވުންތަކެއްގެ ތެރެއިން ނަޝީދު ވަނީ 2023 ވަނަ އަހަރު ޖޫން މަހުގެ ތެރޭގައި އެ ޕާޓީން ވަކިވެވަޑައިގެންފައެވެ. އޭގެ ފަހުން އެމްޑީޕީގައި އިސްކޮށް މަސައްކަތްކުރެއްވި ނަޝީދުގެ އަރިސް ބޭފުޅުންނާއެކު ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް ވެސް އުފެއްދެވިއެވެ.