ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ ވަކި ޕަސެންޓެއް ރާއްޖޭގެ ބޭންކްތަކަށް މާރުކުރަން ލާޒިމްކޮށް ހަދާފައިވާ ގާނޫނު ސަބަބުން ރިސޯޓުތައް ހިންގުމަށް ދަތިވާ ކަމަށްބުނެ، ސާވިސްޗާޖު ރުފިޔާ އިން ދޭން ބައެއް ރިސޯޓްތަކުން ނިންމުމުން، ވިލާ ރިސޯޓުތަކުގެ ވެރިޔާ ގާސިމް އިބްރާހިމް ނުރުހުން ފާޅުކުރައްވައިފިއެވެ.
ޓޫރިޒަމްގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކްތަކުން މާރުކުރަން ލާޒިމްކޮށް ވަނީ ގާނޫނެއް ހަދައި އެއަށް އަމަލުކުރަން ފަށައިފައެވެ.
އެ ގާނޫނަށް އަމަލު ކުރަން ފެށުމުން ބައެއް ރިސޯޓްތަކާއި ބައެއް ކުންފުނިތަކުން މުސާރަ އާއި ސާވިސްޗާޖް ރުފިޔާއިން ދޭން ވަނީ ނިންމައިފައެވެ. އޭގެ ތެރޭގައި ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ ޔުނިވާސަލް އާއި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ހިމެނެއެެވެ.
އެކަމާ ގުޅިގެން ގާސިމް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން އެގޮތަށް އަމަލު ކުރަން ފެށި ނަމަވެސް، ބައެއް ބޮޑެތި ރިސޯޓުތައް ހިންގަން ދަތިވާ ކަމަށް ބުނެ މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު މިއަންނަ މަހުން ފެށިގެން ދިވެހި ފައިސާ އިން ދޭން ނިންމުމަކީ ހައްްގު ނިންމުމެއް ނޫން ކަމަށެވެ.
ގާސިމް ވިދާޅުވީ ފަތުރުވެރީން އަތުން ސާވިސްޗާޖު ނަގަނީ ޑޮލަރުން ކަމަށާއި އެހެންކަމުން މުވައްޒަފުންނަށް ސާވިސްޗާޖް ލިބެން ޖެހޭނީ ޑޮލަރުން ކަމަށެވެ. ޑޮލަރުން ނޫންގޮތަށް މުވައްޒަފުންނަށް ސާވިސްޗާޖް ދޭން އިންކާރުކުރާ ނަމަ، އެއީ ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 212 ވަނަ މާއްދާގައި ބަޔާން ކުރާ މަކަރާއި ހީލަތުން ނުވަތަ ޓެކުމުން އެހެން މީހެއްގެ މުދަލެއް ނިގުޅައިގަތުން ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މީހަކަށް ދޭން ހަވާލުކުރާ އަމާނާތެއް، އެ އޮތް ގޮތަށް އެމީހާއަށް ރައްދުކުރުމަކީ އެ އަމާނާތާ ހަވާލުވި މީހާގެ މައްޗަށް އޮތް ބޮޑުވެގެންވާ ދީނީ އަދި ގާނޫނީ ވާޖިބެއް ކަމަށެވެ.
"އެހެންކަމުން ޑޮލަރުން ލިބޭ ސާވިސްޗާޖެއް މުވައްޒަފެއްގެ ނުރުހުމުގައި ދިވެހި ރުފިޔާއިން ލިބިގަތުމަށް ދެކޮޅުހެދުމަށް ފަހު އެ މައްސަލަ ގާނޫނުގައިވާ ގޮތުގެ މަތީން ޝަރީއަތުގެ މަޖިލީހަށް ހުށަހެޅުމުން ނަތީޖާ ސާފުވެގެން ދާނެ ކަމަށް އަޅުގަނޑު ދެކެމެވެ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވި ގޮތުގައި އެމަނިކުފާނަކީ ވެސް ގިނަ މުވައްޒަފުން ގެންގުޅޭ، ކެޓަގަރީ އޭ ގެ ރިސޯޓުތަކެއް ހިންގާ ފަރާތެއް ކަމަށެވެ. ނަމަވެސް މިއީ މުވައްޒަފުންގެ ވަރަށް ބޮޑު ހައްގެއް ކަމަށާއި ގާނޫނުން ވެސް އެ ލުއި ރިސޯޓުތަކަށް ޑޮލަރު މާރުކުރުމުގައި ލިބިދީފައިވާތީ އެގޮތަށް އަމަލު ނުކުރައްވާނެ ކަމަށެވެ.
"ރިސޯޓުތައް ހިންގުމުގައި ދަތިވާކަމަށް ބުނެ ސާވިސްޗާޖު ދިވެހި ރުފިޔާ އިން ދިނުމުން މުއައްޒަފުންނަށް އެދެވެނީ މާބޮޑު ގެއްލުމެއް ކަމުގައިވާތީ މި ކަމުގައި އަޅުގަނޑު ދެކޭ ގޮތް ހިއްސާ ކޮށްލީއެވެ. އަދި ބައެއް އެހެން ކުންފުނިތަކުން މިހާލަތާ ގުޅިގެން މުސާރަވެސް ދިވެހިރުފިޔާ އިން ދޭން ނިންމަން އުޅޭ ކަމުގެ ހަބަރަކީ ކަންބޮޑުވާން ޖެހޭ ކަންތައްތަކެވެ. މުވައްޒަފުންނާ އެގްރީމަންޓް ކޮށްފައިވާ މުއްދަތުގައި ޑޮލަރުން މުސާރަ ދިނުމަށް އެއްބަސްވެފައިވާނަމަ އެ މުއްދަތުގައި މުސާރަ ދޭން ޖެހޭނީ ޑޮލަރުންނެވެ. ފައިސާގެ ޖިންސުބަދަލުކޮށް އެހެން ފައިސާ އަކުން ދެވޭނީ އެ މުވައްޒަފު މީހާ އެކަމަށް އިއްތިރާޒް އެއް ނެތް ކަމުގައިވާނަމައެވެ،" ގާސިމް ވިދާޅުވިއެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނަށް ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާ އިރު، ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުގެ ތެރެއިން ތިން ގިންތިއަކަށް ފެތޭ ފަރާތްތަކުން، އެ ފަރާތްތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީން ބައެއް، ބޭންކަކަށް މާރުކުރަން ޖެހެއެވެ. އަދި ބޭންކުން އެ ބޭރު ފައިސާގެ ވަކި ޕަސެންޓެއް އެމްއެމްއޭ އިން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި، އެމްއެމްއޭއަށް ވިއްކަންވެސް ޖެހެއެވެ.
ގިންތިތައް:
- ކެޓެގަރީ-އޭ ޓޫރިޒަމް އެސްޓޭބްލިޝްމަންޓުގެ ތެރޭގައި ހިމެނޭ ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓް ރިސޯޓުތަކާއި، އިންޓްގްރޭޓެޑް ޓޫރިސްޓް ރިސޯޓުތަކާއި، ޕްރައިވެޓް އައިލަންޑްތަކާއި، ރިސޯޓު ހޮޓާތަކާއި، އެނޫންވެސް އެފަދަ ތަންތަނުން، މިލާދީ މަހެއްގެ ތެރޭގައި އެ އެތަނަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން، އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމުލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު، ނުވަތަ، މީލާދީ މަހެއްގައި ތެރޭގައި އެތަނަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 ޕަސެންޓް މި ދެގޮތުންކުރެ ގޮތަކަށް ބޭރު ފައިސާ ބޭންކަކަށް މާރުކުރުން.
- ކެޓެގަރީ-ބީ ޓޫރިޒަމް އެސްޓޭބްލިޝްމަންޓުގެ ތެރޭގައި ހިމެނޭ، ޓޫރިސްޓް އުޅަނދުތަކާއި، ޓޫރިސްޓު ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކުން، މީލާދީ މަހެއްގެ ތެރޭގައި އެތަނަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން، އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމުލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު، ނުވަތަ މީލާދީ މަހެއްގައި ތެރޭގައި އެތަނަކަށް ލިބޭ ބޭރު ފައިސާގެ ގްރޮސް ސޭލްސްގެ 20 ޕަސެންޓް މި ދެގޮތުންކުރެ ގޮތަކަށް ބޭރު ފައިސާ، ބޭންކަކަށް މާރުކުރުން.
- ކެޓެގަރީ-އޭ އާއި ކެޓެގަރީ-ބީ ފިޔަވައި، އެހެން ފަރާތްތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތްތަކަށް ފާއިތުވި މީލާދީ އަހަރުގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 15،000،000 އެމެރިކާ ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބިފައިވާ ފަރާތްތަކުން، އެ ފަރާތްތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ހިދުމަތަށް، މީލާދީ މަހެއްގެ ތެރޭގައި އެ ފަރާތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 ޕަސެންޓް ބޭންކަކަށް ރުފިޔާއަށް މާރުކުރުން.
އެޑްވަޓޯރިއަލް
އެމެރިކާ
ބޮލީވުޑް
ހޮރްމުޒް ކަނޑުއޮޅި