ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ވަންނަން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އަށް ހެލްތު މިނިސްޓްރީން ހުއްދަ ނުދިން ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައަށް ބަހުސް ކުރަން މިއަދު ފާސްކޮށްފި އެވެ.

މެންބަރު ކުޑޫ އިއްޔެ މަޖިލީހަށް ހުށަހެޅުއްވި އިމްތިޔާޒުގެ މައްސަލައިގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ހާލަތު ދެނެގަތުމަށްޓަކައި އެ މަރުކަޒަށް ދިއުމަށް ބޭނުންވާތީ އެ ތަނަށް ވަދެވޭނޭ އިންތިޒާމު ހަމަޖައްސައިދެއްވުމަށް އެދި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމަށް 19 އޭޕްރިލްގައި ސިޓީއެއް ފޮނުއްވި ކަމަށެވެ. ނަމަވެސް އެ ސިޓީއަށް އެއްވެސް ޖަވާބެއް ދެއްވާފައި ނުވާ ކަމަށް ކުޑޫ ވިދާޅުވި އެވެ

އެ މައްސަލައަށް ބަހުސް ކުރަން ފެންނަ ކަމަށް ފާސްވީ އެ ވަގުތު މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުން މަޖިލީހުގެ މެންބަރަކު ސަރުކާރުގެ އޮފީހަކަށް ނުވަތަ ދައުލަތުގެ މުއައްސަސާއަކަށް ޒިޔާރަތްކޮށްފި ނަމަ، އެ ތަންތަނުން އެ މެންބަރަކު އެދޭ ކަންކަމުގައި އެއްބާރުލުމާއި އެހީތެރިކަން ދޭން ވާނެ އެވެ. އަދި އެ މެންބަރަކު އެދޭ މައުލޫމާތު ފަސޭހަކަމާ އެކު ލިބޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭނެ އެވެ.