މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު (21އ) ވެއްޓިފައި އޮއްވައި ފެނިގެން ފުލުހުންނަށް ރިޕޯޓުކުރުމުން، އެޓެންޑުވުން ލަސްވެގެން ދެވަނަ ފަހަރަށް ގުޅަން ޖެހުނު ކަމަށް އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރި މީހާގެ ބަޔާނުގައި ބުނެފައިވާ ކަމަށް ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ބުނެފިއެވެ.

މިއަދު އާންމުކުރި ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައިވަނީ އޭޕްރީލް 18 ގެ ހެނދުނު 7:10 ހާއިރު އިންޑިއާގެ ރައްޔިތެއް ކަމަށްވާ އަކްޝޭ ގޯޕާލް، ހެނދުނު ހިނގާލަންް ނުކުތުމަށްފަހު އެނބުރި އޭނާ ދިރިއުޅޭ ގެ ކަމަށްވާ ހ. ނީލޯފަރު ގޭގެ ތިންވަނަ ފަންގިފިލާގެ ސިޑި ގޮޅިއާ ހިސާބަށް އެރި އިރު، އެ އިމާރާތުގެ ކުރިމަތިން ހުރި ހ. ފެންޓެނޯއީއާ އިންވެގެން ހުދި ހ. މިޓާޒް ގުދަނުގެ މަތީގައި ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު ކަމަށް އަކްޝޭ ގޯޕާލް ބުނެފައިވާ ކަމަށެވެ.

ޔުމްނު ހަރަކާތްކުރާތީ އަލުން ތިރިއަށް ފައިބައި މަގުމަތިން ދިމާވި މީހަކު ކަމުގައިވާ ރައްޝާފު މުހައްމަދު ނަމަކަށް ކިޔާ މީހެއް މެދުވެރިކޮށް ފުލުހުންނަށް ގުޅައި އެ މައުލޫމާތު ހިއްސާކުރި ކަމަށާއި ފުލުހުން އެތަނަށް އައުން ލަސްވެގެން ދެވަނަ ފަހަރަށް ގުޅި ކަމަށް އަކްޝޭ ގޯޕާލް ބުނެފައިވާ ކަމަށް ރިޕޯޓުގައި ބުންޏެވެ.

އެކަމާ ގުޅޭގޮތުން ރައްޝާފު ދިން ބަޔާނުގައި ބުނެފައިވަނީ، އޭނާ ސައިކަލުގައި ދުއްވާފައިދަނިކޮށް ބިދޭސީއަކު ހުއްޓުވައި ހ. މިޓާޒް ފުރާޅުމަތީގައި މީހަކު އޮތް ކަމަށްބުނެ، ފުލުހުންނަށް ގުޅައިދިނުމަށް އެދުނު ކަމަށާއި 7:10 އާއި 7:20 އާ ދެމެދުގެ ވަގުތެއްގައި ރައްޝާފުގެ ފޯނުން 119 އަށް ގުޅައި މައުލޫމާތުދީފައިވާނެ ކަމަށެވެ.

"ފުލުހުން އައުން ލަސްވާތީ، 7:20 އާއި 7:30 އާ ދެމެދުގެ ވަގުތެއްގައި، ދެވަނަ ފަހަރަށް ގުޅި ކަމަށް ރައްޝާފު މުހައްމަދު ބުނެފައިވެއެވެ..،" ކޮމިޝަނުގެ ރިޕޯޓުގައި ބުންޏެވެ.

ފުލުހުންނަށް މައްސަލަ ރިޕޯޓުކުރުމަށް ދެވަނަ ފަހަރަށް ގުޅި ފަހުން މާލެތެރެ ޕެޓްރޯލުކުރަމުންދިޔަ ދެ ފުލުހަކު އައުމުން، ޔުމްނު ވެއްޓުނު މަންޒަރު ދައްކާފައިވަނީ އަކްޝޭ ގޯޕާލް ކަމަށް ރިޕޯޓުގައި ބުންޏެވެ. އެ ފުލުހުންގެ ބަޔާނުގައިވާ ގޮތުން އަކްޝޭ ގޯޕާލްއާ ބައްދަލުވީ 7:29 ގައެވެ.

އެކަމާ ގުޅޭގޮތުން ފުލުހުންގެ ކޮމާންޑު ސެންޓަރުގައި ހުރި ޑިއުޓީ އޮފިސަރު، އިންސްޕެކްޓާ އޮފް ޕޮލިސް ހަސަން ޒަރީރު އަހުމަދު ދިން ބަޔާނުގައި ބުނެފައިވަނީ، އެކަމުގެ ކޯލު ލިބިފައިވަނީ 7:23 ހާއިރު ކަމަށާއި އެ މައުލޫމާތު ލިބުމާއެކު ހެންވޭރު ޕޮލިހާއި އިންވެސްޓިގޭޝަން އޮފިސަރާއި އެމްބިއުލާންސާއި ޕެރަމެޑިކްސް އާއި ފަޔާ އެންޑް ރެސްކިޔުއަށް އަންގާފައިވާ ކަމަށެވެ. އަދި 7:30 ގައި ޑިއުޓީ ވަގުތު ނިމުމުން ދެން ހަވާލުވި ޑިއުޓީ އޮފިސަރު، ޗީފް އިންސްޕެކްޓާ އަހުމަދު އިގުބާލަށް އަންގާފައިވާނެ ކަމަށް ޒަރީރުގެ ބަޔާނުގައި ބުންޏެވެ.