ޕްރަބާސްގެ އެންމެ ފަހުގެ ފިލްމު "ދަ ރާޖާސާބް" ގެ ޓީޒާ ލޯންޗް ކުރުމުގެ ރަސްމިއްޔާތުގައި ފިލްމު ލަސްވި ސަބަބު ކިޔައިދީފިއެވެ.

މި ފިލްމަކީ ހޮރަރ-ކޮމެޑީ ޖާންރާގެ ފިލްމެކެވެ. ފިލްމުގެ ޕްރޮޑިއުސަރު ޓީޖީ ވިޝްވަ ޕްރަސާދު ބުނެފައިވާ ގޮތުގައި ފިލްމުގެ ކްލައިމެކްސް ސީނަކީ 40 މިނެޓުގެ ދިގު ސީނެކެވެ. މި ސީނަށް 120 ދުވަހުގެ ޝޫޓިން ކުރިއަށް ގެންގޮސްފައިވެއެވެ. މި ސީނުގެ ވީއެފްއެކްސްއަށް 300 ދުވަސް ހޭދަކޮށްފައިވާ ކަމަށާއި މިއީ މިހާތަނަށް ނުފެންނަވަރުގެ ސީނެއް ކަމަށް އޭނާ ބުނެފައިވެއެވެ.

ފިލްމުގެ ޑައިރެކްޓަރު މަރުތީ ބުނެފައިވާ ގޮތުގައި ފިލްމުގެ ޝޫޓިން ކޮންމެ ދުވަހަކު 18 ގަޑިއިރު ކުރިއަށް ގެންގޮސްފައިވެއެވެ. އޭނާ އިތުރަށް ބުނެފައިވަނީ މިއީ ހޮލީވުޑް ފެންވަރުގެ ފިލްމެއް ކަމަށެވެ. އަދި އިންޑިއާގައިވެސް ޑިސްނީ ފެންވަރުގެ ފިލްމު އުފެއްދޭނެކަން ސާބިތުކޮށްދޭން ބޭނުންވާ ކަމަށް އޭނާ ބުނެފައިވެއެވެ.

"ދަ ރާޖާސާބް" ގައި ޕްރަބާސްގެ އިތުރުން ސަންޖޭ ދަތް، މާލަވިކާ މޮހަނަން، ނިދީ އަގަރްވާލް އަދި ބޯމަން އިރާނީ ފެނިގެންދާނެއެވެ. ފިލްމު ނެރޭން ނިންމައިފައިވަނީ މިއަހަރު ގެ ޑިސެމްބަރުމަހުއެވެ. މިއީ އިންޑިއާގެ އެންމެ ބޮޑު ހޮރަރ ފެންޓަސީ ފިލްމުގެ ގޮތުގައި ހިމެނޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.