ޝަރަފުވެރިކަމާ އެކު މަގާމުން ރިޓަޔާ ކުރައްވާ އުއްތަމަ ފަނޑިޔާރަށް ގަނޑުކޮށް ފަސް ލައްކަ ރުފިޔާ އާއި މަހަކު 70،000 ރުފިޔާގެ އެލަވަންސެއް ލިބޭ ގޮތަށް ފަނޑިޔާރުންގެ ރިޓަޔަމަންޓް ގަވާއިދު އިސްލާހުކުރުމުގެ ކުރިން ފިނޭންސް މިނިސްޓްރީގެ ލަފާ ހޯދަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އަންގައިފި އެވެ.
ފަނޑިޔާރުންގެ ރިޓަޔާމަންޓް ގަވާއިދުގައި މިހާރު އޮންނަ ގޮތުން ރިޓަޔާ ކުރައްވާ އުއްތަމަ ފަނޑިޔާރަށް ވަކި ހާއްސަ އިނާޔަތްތަކެއް ކަނޑައަޅާފައެއް ނޯވެ އެވެ.
އެ ގަވާއިދުގައިވާ ގޮތުން އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވުމަށް އެދި ހުށަހަޅާ ފަނޑިޔާރުންގެ ތެރެއިން ރިޓަޔަކުރެވޭ ފަނޑިޔާރުންނަށް އިނާޔަތް ދެވޭނީ 10 އަހަރު ހިދުމަތް ކުރައްވާފައިވާ ނަމަ އެވެ.
ނަމަވެސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިހާރު ވަނީ އެ ގަވާއިދު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ.
ޖޭއެސްސީން ގެންނަން ހުށަހެޅި އިސްލާހުތަކުގައި ވަނީ ދަތުރުފަތުރުގެ އެލަވަންސް (ޑްރައިވަރެއްގެ މުސާރަ އާއި ޕެޓްރޯލް) އާއި ލިވިން އެލަވަންސަށް މަހަކު 70،000ރ. ދިނުމަށާއި ރިޓަޔާމަންޓް އެލަވަންސް ދިނުމުގައި ހިދުމަތް ކުރި މުއްދަތުގެ ގޮތުގައި ފަނޑިޔާރުކަމުގައި ހޭދަވި މުއްދަތުގެ އިތުރުން ދައުލަތަށް ހިދުމަތް ކުރި މުޅި މުއްދަތު ހިމެނުމަށެވެ.
ޖޭއެސްސީން ގަވާއިދަށް މި ބަދަލުތައް ގެންނަން ހުށަހަޅާފައި މިވަނީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ރިޓަޔަ ކުރައްވަން އެ ކޮމިޝަނަށް ހުށަހަޅުއްވާފައިވާ ދަނޑިވަޅެއްގަ އެވެ.
ޖޭއެސްސީން ހުށަހެޅި ގޮތަށް މަޖިލީހުން ގަވާއިދު ބަދަލުކޮށްފި ނަމަ ފަނޑިޔާރު މުއުތަސިމް އަށް މިހާރު ލިބިވަޑައިގަންނަވަން އޮތް 185،100ރ.ގެ ބަދަލުގައި ލިބިވަޑައިގަންނަވާނީ 493،600ރ އެވެ.
މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ޖޭއެސްސީން ހުށަހެޅި ފަދަ އެލެވެންސް ދިނުމަކީ ދައުލަތުން އިތުރަށް ކުރަންޖެހޭ ހަރަދަކަށްވާތީ، އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީގެ ލަފާ ހޯދައި، އެ ލަފާގެ މަތިން ޕޭ-ކޮމިޝަނުން ނިންމާ ގޮތެއްގެ މަތިން ގަވައިދު އިސްލާހުކުރަން ފުނަދޫ ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު މަމްދޫހު ހުށަހެޅުއްވި އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ.
އެއަށްފަހު ކޮމިޓީގެ ނައިބު މުގައްރިރު، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް، މަމްދޫހު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވި އެވެ. އަދި ކޮމިޓީގައި އޭރު ތިއްބެވި މެންބަރުންގެ އިއްތިފާގުން އެކަން ފާސްކުރި އެވެ.
މުހައްމަދު ސިމާއު
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު