އުއްތަމަ ފަނޑިޔާރަކަށް ހުންނަވާ ބޭފުޅަކު ރިޓަޔާކުރައްވައިފިނަމަ އެއްފަހަރާ 5 ލައްކަ ރުފިޔާއާއި ކޮންމެ މަހަކު 70،000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުގެ މަޖިލީހުގައި އެދިއްޖެ އެވެ.

މިހާރު އަމަލުކުރަމުން އަންނަ ފަނޑިޔާރުންގެ ރިޓަޔާމަންޓް ގަވައިދު އިސްލާހުކުރަން ނިންމާފައިވާތީވެ، އޭގައިވާ އިތުރު އެލަވަންސްތަކެއް ދިނުމާ މެދު ގޮތެއް ނިންމުމަށް ޖޭއެސްސީން މަޖިލީހަށް ސިޓީ ފޮނުވިއިރު އުއްތަމަ ފަނޑިޔާރުގެ މަގާމުގައި މިހާރު ހުންނެވި މުއުތަސިމް އަދުނާން ރިޓަޔާ ކުރައްވަން ވަނީ ހުށަހަޅުއްވައިފައެވެ.

މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ޖޭއެސްސީން ފޮނުވި ސިޓީއަށް ހޫނު ބަހުސެއް ވަނީ ހިނގައިފަ އެވެ. ފަނޑިޔާރުންނަށް ދޭން އެދިފައިވާ އިތުރު އެލަވަންސްތަކުގެ މާބޮޑު ތަފުސީލެއް މިއަދުގެ ކޮމެޓީގައި ހާމަކޮށްފައެއް ނުވެ އެވެ. ނަަމަވެސް ޖޭއެސްސީން މަޖިލީހަށް ފޮނުވި ސިޓީގެ ކޮޕީއެއް "ވަން" އަށް ވަނީ ލިބިފަ އެވެ. އޭގައިވާ ގޮތުން:

  • ދަތުރުފަތުރުގެ އެލަވަންސް (ޑްރައިވަރެއްގެ މުސާރަ އާއި ޕެޓްރޯލް) އާއި ލިވިން އެލަވަންސަށް މަހަކު 70،000ރ. ދިނުމަށް
  • ރިޓަޔާމަންޓް އެލަވަންސް ދިނުމުގައި ހިދުމަތް ކުރި މުއްދަތުގެ ގޮތުގައި ފަނޑިޔާރުކަމުގައި ހޭދަވި މުއްދަތުގެ އިތުރުން މުޅި ދައުލަތަށް ހިދުމަތް ކުރި މުއްދަތު ހިމެނުމަށް
  • އޭރުން މުއުތަސިމްއަށް މިހާރު ލިބިވަޑައިގަންނަވަން އޮތް 185،100ރ.ގެ ބަދަލުގައި ލިބިވަޑައިގަންނަވާނީ 493،600ރ

ޖޭއެސްސީގެ އެ ސިޓީއަށް އެންމެ ފުރަތަމަ ވާހަކަ ދެއްކެވީ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމެވެ. އޭނާ އެ ސިޓީގައި ހިމެނޭ އިސްލާހުތަކުގެ ތެރޭގައި ތިން ކަމެއް ފާހަގަކުރެއްވި އެވެ. އެއީ:

  1. ފަނޑިޔާރަކު ރިޓަޔާ ކުރުމަށް އިނާޔަތްތައް ހިސާބުކުރަން ވާނީ އޭރަކު ފަނޑިޔާރަކަށް ލިބެމުންދިޔަ އަސާސީ މުސާރަައިން
  2. ފަނޑިޔާރުންނަށް މަހުން މަހަށް ލިބޭ އިނާޔަތް އަސާސީ މުސާރައަށް ވުރެ ބޮޑުވާ ނަމަ ލިބޭނީ އަސާސީ މުސާރަ ކަމަށް ކަނޑައެޅުން
  3. މަހުން މަހަށް ދޭ އެލަންސްގެ ގޮތުގައި ލިިވިން އެލަންސް ނުހިމެނުން
  4. ޝަރަފުވެރިކަމާ އެކު އުއްތަމަ ފަނޑިޔާރަކު ރިޓަޔާ ކުރައްވާ ނަމަ، ސެކިއުރިޓީ އާއި އެ ބޭފުޅަކު ދިރިއުޅުއްވާ ތަނަކާއި އެއްގަމު ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް

ނާޒިމް ވިދާޅުވީ މި ދަނޑިވަޅުގައި އެ ސިޓީ މަޖިލީހަށް ފޮނުއްވާފައިވަނީ މުއުތަސިމް ރިޓަޔާ ކުރައްވަން ހުށަހަޅުއްވާފައި އޮތުމުން ކަމަށް ބެލެވޭ ކަމަށެވެ.

މާލިއްޔަތު ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން. -- (ފޮޓޯ/ މަޖިލިސް)

އޭނާ ވިދާޅުވީ އެ ސިޓީން އެނގޭ ގޮތުގައި މިހާރުގެ އުއްތަމަ ފަނޑިޔާރު އެ މަގާމުގައި ނުވަ އަހަރާއި ހަ މަސް ދުވަސް އަދި 11 ދުވަސް ހޭދަކުރައްވާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ މަނިކުފާނު ދައުލަތަށް ހިދުމަތް ކުރައްވާތާ 24 އަހަރާއި ހަތަރު މަހާއި 18 ދުވަސްވެއްޖެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވަނީ މި ވިދާޅުވާން މި އުޅުއްވާ ވާހަކައަކީ، ފަނޑިޔާރުކަމުގައި ހޭދަ ކުރި މުއްދަތަށް ބަލާފައި ރިޓަޔާމަންޓް ބެނިފިޓެއް ދިނުމަށްވުރެ ދައުލަތަށް ހިދުމަތް ކުރެއްވި މުއްދަތް ނުގުނާނެތޯ؟ އެހެން މީހުންނަށް އެ މުއްދަތް ވެސް ގުނިގެން އިނާޔަތް މި ދެނީ،" ނާޒިމް ވިދާޅުވި އެވެ.

އޭނާ ވަނީ އެ އިސްލާހުތައް ގެނައުމަށް ތާއީދުކުރައްވާފަ އެވެ.

"ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރައްވާ ކަމުގައިވާ ނަމަ، އުއްތަމަ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅަކު ޝަރުވެރިކަމާ އެކު ގެންގުޅުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ދައުލަތުގެ ވެސް ޒިންމާއެއް،" ނާޒިމް ވިދާޅުވި އެވެ.

ނަމަވެސް މުއުތަސިމަށް އެކަނި މިގޮތަށް މި ބަދަލު ވަގުތުން ވަގުތަށް ގެނައުމަށް ކޮމެޓީގައި ތިއްބެވި އެމްޑީޕީ ދެ މެންބަރުން ދެކޮޅު ހެއްދެވި އެވެ. އެ މެންބަރުން ވިދާޅުވީ މިއީ "ވަކި މީހަކަށް ފަހާ ކޯޓެއް" ކަމަށާއި "ޑީލްއެއްގެ ދަށުން" ކުރާ ކަމެއް ކަމަށެވެ.

އެގޮތުން ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. މުހައްމަދު ޝަމްހީދު ވިދާޅުވި ގޮތުގައި، އުއްތަމަ ފަނޑިޔާރުގެ މަގާމު ފުރުއްވީތީ އެ ބޭފުޅަކު ރިޓަޔާ ކުރެއްވުމުން މަހަކު އިތުރު 70،000ރ. ދިނުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށެވެ. ޝަމްހީދު ވަނީ މިއީ ޑީލްއެއްގެ ދަށުން ކުރާ ކަމެއް ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

"އަޅުގަނޑަށް އައިޖީއެމްއެޗުގެ އެންމެ ސީނިއާ ނާސް ނުވަތަ 25 އަހަރު ދައުލަތަށް ހިދުމަތް ކޮށްފައިވާ ނަރުހަކަށްވުުރެ އުއްތަމަ ފަނޑިޔާރެއްގެ ހިދުމަތް އަޅުގަނޑަށް ވަކި ބަލައެއް ނުގެނެވޭ،" ޝަމްހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގައުމުގެ ބުރަ މަސައްކަތް ކުރި މީހުންނަށް ނުލިބޭ އެއްޗެއް، ދެތިން އަހަރު ފަނޑިޔާރުކަން ކުރި ފަރާތްތަކަށް ދޭން ނުޖެހޭނެ ކަމަށެވެ. އަދި ހަރަދުކުޑަކުރާ ވާހަކަތަކާއި ޑަބަލް ޕެންޝަންގެ ވާހަކަތައް ދެއްކުމަށްފަހު އުއްތަމަ ފަނޑިޔާރަށް ރިޓަޔާމަންޓަށް އިތުރު އެލަވަންސް ދިނުމަކީ "ކޮރަޕްޝަން" ކަމަށް ޝަމްހީދު ވިދާޅުވިއެވެ.

"ވަކި މީހަކަށް ވީމަ، ވަކި ގޮތެއް މި ހަދަނީ. މިއީ ހަމަ ކޮރަޕްޝަންގެ އަމަލުތައް. ދިއްގަރު ދާއިރާގެ މެންބަރު [ނާޒިމް] ވެސް މި އޮތް ހުރިހާ ދުވަހު ވެސް މި ދެއްކީ ކުރީގެ ރައީސުންނަށާއި ކުރީގެ މެންބަރުންނަށް ދައުލަތުން މި ދޭ ފައިސާގެ އިސްރާފުގެ ވާހަކަ.. މި އޮތްހާ ދުވަހު ތިބޭފުޅުން ދެއްކީ ދައުލަތުގެ ހަރަދު ކުޑަކުރަން ޖެހެޔޭ، ރިޓަޔާމަންޓް ޕެންޝަން ކަނޑަން ޖެހެޔޭ. މި ހުރިހާ ވާހަކައެއް ދައްކާފައި މިއަދު ތި ބޭފުޅުން އުއްތަމަ ފަނޑިޔާރާ ޑީލެއް ހަދަންވީމަ ބޮޑު ކުރަންވީ. އެއްގޮތަކަށް ވެސް ކަމަކު ނުދޭ." ޝަމްހީދު ވިދާޅުވި އެވެ.

ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްގަފޫރު މޫސާ ވެސް ވިދާޅުވީ ފަނޑިޔާރުންގެ ގާނޫނުން ރިޓަޔާމަންޓް އެލަވަންސްތައް މުރާޖައާ ކުުރުމުގެ މަސައްކަތް ކޮމިޓީން މިހާރުވެސް ކުރަމުންދާ ކަމަށާއި އޭގައި ރަނގަޅު ކުރަން ކަންކަން އެބަހުރި ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން އުއްތަމަ ފަނޑިޔާރަކު ރިޓަޔާ ކުރައްވާއިރު ދޭ އެލަވަންސްތައް މުރާޖައާ ކުުރުމުން މަސައްކަތް ފަސޭހަވާނެ ކަމަށް ވިދާޅުވި އެވެ.

"ކޮންމެހެން ވަކި ބޭފުޅަކަށް މި ކޯޓު ކަނޑާފައި ދެންޏާ، ހިނގާ ކަނޑާފައި ދެމާ. މިކަން ނުކުރެވިގެން އުއްތަމަ ފަނޑިޔާރު ރިޓަޔާ ނުކުރެވި ހުންނަންޖެހޭކަށް ނުވާނެ އެއްގޮތަކަށް ވެސް. ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން އެއީ،" ސަކަ މިޒާޖެއްގައި ގަފޫރު ވިދާޅުވި އެވެ.

އެމްޑީޕީ މެންބަރުންގެ ވާހަކަތަކަށް ރައްދު ދެއްވައި ކެލާ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ޝަރީފް ވިދާޅުވީ އެމްޑީޕީ މެންބަރުން ވާހަކަ ދައްކަވަނީ ރައްޔިތުންނަށް އޮޅޭ ގޮތަށް ކަމަށެވެ.

"މި ކޮމިޓީއަކުން ނޫޅޭ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް ހުއްޓުވާކަށް. ވަކި މީހަކަށް ޕެންޝަން ދޭކަށް މި ކޮމިޓީން މަސައްކަަތް ނުކުރާނެ. ވަރަށް ޒިންމާދާރުކޮށް ވާހަކަ ދައްކަންވާނީ. އެއްގޮތަކަށް ވެސް ކަންކަން އޮޅުވާލާ ގޮތަށް ވާހަކަ ނުދައްކަވާ. ކަމަކު ނުދާނެ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފުގެ އެ ވާހަކައަށް ރައްދު ދެއްވީ ގަފޫރެވެ. އޭނާ ވިދާޅުވި ގޮތުގައި މީގެ ކުރިންވެސް އުއްތަމަ ފަނޑިޔާރުން ރިޓަޔާ ކުރެެއްވި ކަމަށާއި ނަމަވެސް މިފަދަ އިސްލާހެއް ނުގެންނަ ކަމަށެވެ.

"ހިނގާފައި އޮތް ޑީލެއްގެ ދަށުން ބޭނުންވާ ކަންކަން ހަމަޖެއްސުނީމައި، ރިޓަޔާކުރުުމުގެ ޕްރޮގްރާމެއް މި ހިނގަނީ،" ގަފޫރު ވިދާޅުވި އެވެ.

ބަހުސް ހޫނުވާން ފެށުމާ އެކު ރިޔާސަތުގައި އިންނެވި އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ސަލީމް ވަނީ މާދަމާ ބާއްވާ ކޮމިޓީގެ ބައްދަލުވުމުގައި މިކަމުގައި އިތުރަށް މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވެ، އެޖެންޑާގެ އެ ބައި ކުރުކޮށްލައްވައިފަ އެވެ.