އުތުރު އެމެރިކާގެ އެންމެ ވަރުގަދަ ފުޓުބޯޅަ މުބާރާތް، ކޮންކަކަފް ގޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުން އެންމެފަހުގެ ޗެމްޕިއަން މެކްސިކޯ މޮޅުވެއްޖެއެވެ.
މެކްސިކޯއިން ރޭ ގްރޫޕް އޭގައި ޑޮމިނަކަން ރިޕަބްލިކް ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ. އެމެރިކާގައި ބާއްވަމުންދާ ގޯލްޑް ކަޕު ހުޅުވުމުގެ ރަސްމިއްޔާތާއެކު ރޭ މުބާރާތް ފެށީ ލޮސް އެންޖެލެސްގެ ސޯފައި ސްޓޭޑިއަމްގައެވެ.
ގޯލްޑް ކަޕް މުބާރާތް މި ފެށި ދުވަސްވަރަކީ އެމެރިކާގެ ލޮސް އެންޖެލެސް ވަރަށް ބޮޑަށް ހަލަބޮލިވެފައި އޮތް ދުވަސްވަރެކެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެންގެވުމަށް އެގައުމުގެ އެކި ސަރަހައްދުތަކުގައި އިމިގްރޭޝަން ރެއިޑްތައް ޖަހަމުންދާތީ، އެކަމާ އެތައް ބަޔަކު އަޑު އުފުލަމުންދާ އިރު، ލޮސް އެންޖެލެސްއަކީ އެންމެ ބޮޑެތި މުޒާހަރާތައް ކުރިއަށްދާ ސަރަހައްދެވެ.
އެ މުޒާހަރާތައް ކޮންޓްރޯލުން ނައްޓައިގެންދާތީ، އަސްކަރީ ސިފައިންވެސް މަގުތަކަށް ނެރެފައިވާ އިރު، އެކަމަށް ޓްރަމްޕަށް ފާޑުކިޔުންތައްވެސް އަމާޒުވެފައިވެއެވެ.
އެމެރިކާގައި ރޭ ފީފާ ކްލަބު ވޯލްޑް ކަޕުވެސް ފަށާފައިވާ އިރު، ސަލާމަތީ ކަންތައްތައް ގޯސްވެ، މެކްސިކޯއަށް މުބާރާތް ފެށުމުގެ ކުރިން ހޮޓެލްވެސް ބަދަލުކުރަން ޖެހުނެވެ.
މުބާރާތަށް މެކްސިކޯގެ ގިނަ ސަޕޯޓަރުންތަކެއް އެމެރިކާއަށް ގޮސްފައިވުމާއެކު، އެ ސަޕޯޓަރުންނަށް އަމާޒުކޮށް އިމިގްރޭޝަން ހަރަކާތްތައް ނުހިންގުމަށް މެކްސިކޯ ރައީސް، ކްލައުޑިއޯ ޝެންބައުމް ވަނީ އެމެރިކާ ރައީސް ޓްރަމްޕްގެ އަރިހުން އެދިވަޑައިގެންފައެވެ.
އެ ހުރިހާ ކަންތައްގަނޑެއްގެ ތެރެއިން ރޭ ގޯލްޑް ކަޕް ފަށާފައިވާ އިރު، މެޗުގެ ހާފު ނިމުމުގެ ކުރިން މެކްސިކޯގެ ގޯލު ޖަހައި ލީޑު ނަގައިދިނީ ވެސްޓް ހަމްގެ މިޑްފީލްޑަރު އެޑްސަން އަލްވަރޭޒެވެ.
އޭގެފަހުން ރައުލް ހިމަނޭޒް، އޭނާ ގައުމީ ޓީމަށް ޖެހި 40 ވަނަ ގޯލާއެކު މެކްސިކޯގެ ލީޑު ފުޅާކުރި ނަމަވެސް، އަލަށް މުބާރާތުގައި ވާދަކުރަމުންދާ ޑޮމިނަކަން ރިޕަބްލިކުން 51 ވަނަ މިނެޓުގައި ގޯލެއް ޖެހިއެވެ. އެ ގޯލު ޖެހީ ޕީޓާ ގޮންޒާލޭސްއެވެ.
އޭގެފަހުން އަނެއްކާވެސް މެކްސިކޯގެ ސީޒާ މޮންޓޭސް ގޯލެއް ޖަހައި 3-1 އަކަށް ނަތީޖާ ބަދަލުކޮށްލި އިރު، މެކްސިކޯއަށް މެޗު އުނދަގޫވީ އެޑިސަން އަޒްކޯނާ ޑޮމިނިކަން ރިޕަބްލިކަށް އިތުރު ގޯލެއް ޖަހައިދިނުމުންނެވެ.
ކޮންކަކަފް ގޯލްޑް ކަޕް