ކަރަން ޖޯހަރު ހޯސްޓްކުރާ އާ ރިއަލިޓީ ޝޯ "ދަ ޓްރެއިޓަރސް" ގެ ފުރަތަމަ އެޕިސޯޑުން، ނިކިތާ ލުތަރު ވަކިވެއްޖެއެވެ.
މި ޝޯގައި މަޝްހޫރު 20 ކޮންޓެސްޓަންޓުން ބައިވެރިވެފައިވެއެވެ. އެމީހުން ވާދަކުރަނީ ސޫރްޔަގަރު ޕެލަސްގައެވެ. ފުރަތަމަ އެޕިސޯޑުގައި ކޮންޓެސްޓަންޓުން އެންމެ އިތުބާރު ހުރި މީހަކު ހޮވުމަށް ވޯޓުލާފައިވެއެވެ. އެ މަގާމަށް މަހީޕް ކަޕޫރު ހޮވިފައިވެއެވެ.
އޭގެ ފަހުން އެންމެ އިތުބާރު ކުޑަ މީހަކު ހޮވުމަށް ވޯޓުލުމުން އެލްނާޒް ނޫރޫޒީ ހޮވިފައިވެއެވެ. އޭނާއަށް ޝޯއިން ނުކުތުމަށް ނުވަތަ އެހެން މީހަކު ޝޯއިން ބޭރުކުރުމަށް ފުރުސަތު ދިނުމުން އޭނާ ނިކިތާ ލުތަރު ޝޯއިން ބޭރުކޮށްފައިވެއެވެ.
މި ޝޯގައި ކޮންޓެސްޓަންޓުންނަށް ޖުމުލަ 1 ކްރޯޑު ރުޕީސް ކާމިޔާބުކުރެވޭނެ އެވެ. ފުރަތަމަ މިޝަންގައި 18 ލައްކަ ރުޕީސް ކާމިޔާބުކުރުމުގެ ފުރުސަތު އޮތް ނަމަވެސް، އެ މިޝަން ފުރިހަމަކުރެވިފައެއް ނުވެއެވެ.
ޝޯގެ ފުރަތަމަ އެޕިސޯޑުގައި ރާޖް ކުންދްރާ، އެލްނާޒް ނޫރޫޒީ އަދި ޕުރަވް ޖާ ޓްރެއިޓަރުންގެ ގޮތުގައި ހޮވިފައިވެއެވެ. އަދި އެމީހުން އަންޝުލާ ކަޕޫރު، ސާހިލް ސަލާތިއާ އަދި ލަކްޝްމީ މަންޗު މަރާލާފައިވެއެވެ.
ދަ ޓްރެއިޓަރސް ދައްކަނީ އެމެޒޮން ޕްރައިމްގައެވެ.
ޕްރައިމް ވީޑިއޯ