ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ސޮނަކްޝީ ސިންހާ އަދި ޕަރޭޝް ރަވާލް ފެނިގެންދާ ފިލްމު "ނިކިތާ ރޯއީ"ގެ ޓްރެއިލާ ނެރެފިއެވެ. މި ފިލްމަކީ ސުޕަނެޗުރަލް ތްރިލާ ފިލްމެކެވެ.

އިއްޔެ ނެރުނު މި ޓްރެއިލާގައި ފެންނަނީ ހަގީގަތާއި ހިޔާލު އެއްވެފައިވާ ދުނިޔެއެކެވެ. ޓްރެއިލާގައި ހިތް ބިރުގަންނަވާ ފަދަ މަންޒަރުތަކާއި، ބިރުވެރިކަން އިތުރުވަމުންދާ ކަމުގެ އިހުސާސް ފެނިގެންދެއެވެ. ސޮނާކްޝީ ސިންހާގެ ކެރެކްޓަރު ދިމާވާ ހާދިސާތަކާއި ސުޕަނެޗުރަލް ކަންތައްތައް ފެނިގެންދެއެވެ. އަދި ޕަރޭޝް ރަވާލް ފެނިގެންދަނީ ސުޕަނެޗުރަލް ރޫހުތަކުން މީހުން ސަލާމަތްކުރާ މީހެއްގެ ގޮތުގައެވެ.

https://www.youtube.com/watch?v=MVqhVzaPCEs

އިންސްޓަގްރާމްގައި ޓްރެއިލާ ހިއްސާކުރަމުން ސޮނާކްޝީ ލިޔެފައިވަނީ "ހަގީގަތް އޮޅުންބޮޅުން ވެ، ނޭނގޭ އެއްޗެހި ބާރުގަދަވާ ދުނިޔެއަކަށް ވަންނާށެވެ! ނިކިތާ ރޯއީއާއެކު އަނދިރި ސިއްރުތައް ހާމަކުރަން އަންނާށެވެ! ޓްރެއިލާ މިހާރު ނެރެފިއެވެ! ބިރުވެރިކަމާއި، ތްރިލްސް އާއި، ސަސްޕެންސަށް ތައްޔާރުވާށެވެ! ތިއޭޓަރުތަކުގައި ޖޫން 27، 2025 ގައި" މިހެންނެވެ.

"ނިކިތާ ރޯއީ" ޕްރޮޑިއުސްކޮށްފައިވަނީ ނިކީ ކެމްޗަންދް ބަގްނާނީ، ވިކީ ބަގްނާނީ، އަންކުރު ތަކްރާނީ، ދިނޭޝް ރަތިރާމް ގުޕްތާ، ކިންޖަލް އަޝޯކް ގޯނޭ އަދި ކްރެޓޯސް އެންޓަޓެއިންމަންޓުންނެވެ. މި ފިލްމުގައި ސޮނާކްޝީ، އަރްޖުން ރާމްޕާލް، ޕަރޭޝް އަދި ސުހައިލް ނައްޔަރު ފެނިގެންދާނެއެވެ.

މި ފިލްމުގެ ވާހަކަ ލިޔެފައިވަނީ މަޝްހޫރު ތްރިލާ ސްޕެޝަލިސްޓް ޕަވަން ކިރްޕަލާން އެވެ. އަދި ޑައިރެކްޓްކޮށްފައިވަނީ ކުޝް އެސް. ސިންހާ އެވެ. މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ މިމަހު 27ގައެވެ.