ބޮލިވުޑްގެ މަޝްހޫރު އެކްޓްރެސް ކާޖޮލްގެ އާ ފިލްމު "މާ" ގައި އަޖޭ ދޭވްގަން އަދި އާރް މަދަވަން ފެނިދާނެތޯ ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައި ކާޖޮލް ވަނީ މިކަމާ ގުޅޭގޮތުން ވާހަކަދައްކައިފައެވެ.

ޕިންކްވިލާއަށް ދިން އިންޓަވިއުއެއްގައި ކާޖޮލް ބުނެފައިވަނީ އެ ދެ އެކްޓަރުން "މާ" ފިލްމުން ނުފެންނާނެ ކަމަށެވެ. "ތިޔަ ހިޔާލު ކުރިން ދީފައި އޮތްނަމަ ރަނގަޅުވީސް. ޝޫޓިން ފެށުމުގެ ކުރިން ބުނެފަ އޮތްނަމަ ފަހަރެއްގައި ޝޫޓްކޮށްލެވުނީސް" ކާޖޮލް ބުނެފައިވެއެވެ.

ކަޖޯލް ބުނެފައިވަނީ މިހާރު މާ ލަސްވެއްޖެ ކަމަށާއި، ފިލްމު ރިލީޒް ވާން ކައިރިވެފައިވާތީ އެ ބަދަލު ގެނެވޭނެ ކަމަކަށް ނުފެންނަ ކަމަށެވެ. "އުއްމީދުކުރަނީ ފިލްމު ވަރަށް ބޮޑަށް ކަމުދާނެ ކަމަށް. އެހެންވެއްޖެ ނަމަ ފަހަރެއްގައި މާ ދޭއް އަންނާނެ" ކާޖޮލް ބުނެފައިވެއެވެ.

ވިޝާލް ފޫރިއާ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ލިޔުންތެރިޔަކީ ސައިވިން ކުއަޑްރަސް އެވެ. މި ފިލްމު ޕްރޮޑިއުސްކޮށްފައިވަނީ އަޖޭ ދޭވްގަން، ޖިއޯތީ ދޭޝްޕާންޑޭ އަދި ކުމާރު މަންގަތު ޕަތަކް އެވެ. ފިލްމުގެ މިޔުޒިކް ކޮމްޕޯޒްކޮށްފައިވަނީ ހަރުޝް އުޕާދްޔާޔު، ރޮކީ ކަންނާ އަދި ޝިވް މަލޯތްރާ އެވެ.

ކާޖޮލްގެ އިތުރުން މި ފިލްމުގައި ރޯނިތު ރޯޔު، އިންދްރަނީލް ސެންގުޕްތާ، ޖިތިން ގުލާތީ، ގޯޕާލް ސިންގު، ސުރްޖްޔަސިކާ ދާސް، ޔާނީއާ ބަރަދްވާޖު، ރޫޕްކަތާ ޗަކްރަބޯތީ އަދި ކެރިން ޝަރުމާ ފަދަ އެކްޓަރުން ފެނިގެންދާނެ އެވެ.

"މާ" ނެރެން ހަމަޖެހިފައިވަނީ މި މަހު 27 ވަނަ ދުވަހުއެވެ. މި ފިލްމު ނެރޭނީ ހިންދީ، ޓެމިލް، ތެލުގު އަދި ބެންގާލީ ބަހުންނެވެ.