ބޮލީވުޑްގެ މަޝްހޫރު ތަރި ރަވީނާ ޓަންޑޮންގެ ދަރިފުޅު ރަޝާ ތަދާނީ، އޭނާއާއި އެހެން ސްޓާރ ކިޑްސްއާ ދެމެދު ކުރެވޭ އަޅައިކިޔުންތަކާ ގުޅޭގޮތުން ހިޔާލު ފާޅުކޮށްފިއެވެ.

މިއަހަރުގެ ކުރީކޮޅު އަބީޝެކް ކަޕޫރުގެ "އާޒާދް" ފިލްމުން ފިލްމީ ދުނިޔެއަށް ތައާރަފުވި ރަޝާ، ފިލްމްގައި ޕްރޮމޯޝަން ދަތުރެއްގައި ފިލްމީގްޔާންއަށް ދިން އިންޓަވިއުއެއްގައި މިވާހަކަ ދައްކާފައިވެއެވެ. އޭނާގެ އެ އިންޓަވިއުގެ ކްލިޕެއް މިހާރު ވަނީ އިންޓަނެޓްގައި ވައިރަލް ވެފައެވެ.

އެ އިންޓަވިއުގައި ރަޝާއަށް ދެއްކި ކޮމެންޓެއްގައި ބުނެފައިވަނީ "ޖަންވީ، ސުހާނާ، ޚުޝީއާ ވާދައަށް ރަވީނާ ޓަންޑޮންގެ ދަރިފުޅު ރަޝާ" މިހެންނެވެ. މިއަށް ޖަވާބުދެމުން ރަޝާ ބުނެފައިވަނީ "އަހަރެން ހިތުން އެމީހުންނަކީ އަހަރެންނަށްވުރެ ތަޖުރިބާކާރު ބައެއް" ކަމަށެވެ.

އިތުރަށް ވާހަކަދައްކަމުން ރަޝާ ބުނެފައިވަނީ އެމީހުން ވަނީ އޭނާއަށްވުރެ ގިނަ މަސައްކަތް ކޮށްފައި ކަމަށާއި، އެމީހުންގެ ގިނަ ފިލްމުތައް ވެސް ނެރެފައިވާ ކަމަށެވެ. އެހެންކަމުން އެމީހުންގެ ކިބައިން އުނގެނޭނެ ކަންތައްތަކެއް ހުރި ކަމަށް ރަޝާ ބުނެފައިވެއެވެ.

މި ވީޑިއޯގެ ކޮމެންޓް ސެކްޝަންގައި ގިނަ ބަޔަކު ވަނީ ރަޝާއަށް ތައުރީފުކޮށްފައެވެ. އެގޮތުން އެކަކު ބުނެފައިވަނީ ރަޝާއަކީ "ރީތިކަމާއި ވިސްނުންތެރިކަން އެކުވެފައިވާ" މީހެއް ކަމަށެވެ. އަނެކަކު ބުނެފައިވަނީ "ބޮލީވުޑްގެ ދެން ހުރި ސުޕަރ ސްޓާރަކީ ރަޝާ" މިހެންނެވެ.

ރަޝާގެ ދެވަނަ ފިލްމަށް ފޭނުން މިހާރު ވަނީ ވަރަށް ބޮޑަށް އިންތިޒާރު ކުރަން ފަށައިފައެވެ. އޭނާ ފަހުން އިންސްޓަގްރާމްގައި ޕޯސްޓްކުރި ވީޑިއޯއަކުން "މުންޖްޔާ" ފިލްމުގެ ތަރި އަބޭ ވަރްމާއާއެކު މަސައްކަތްކުރަން ތައްޔާރަށް ހުރި ކަމުގެ ހިންޓެއް ދީފައިވެއެވެ.