ގާޒާއަށް އެއްގަމު މަގުން ދަތުރުކުރާ އެކްޓިވިސްޓުންގެ ގުރޫޕު ލީބިއާއަށް ވަދެއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ފަލަސްތީނަށް ސަޕޯޓުކުރާ އެތައް ސަތޭކަ ބަޔަކު އެކުލެވޭ އެ ގުރޫޕު އިއްޔެ ވަނީ ޓިއުނީޝިއާ ބޯޑަރު ހުރަސްކޮށް ލީބިއާ އަށް ވަދެފައި ކަމަށާއި އެމީހުންގެ މިސްރާބަށް ބަދަލު ނުގެނެސް ސީދާ ހުރީ ގާޒާއަށް ކަމަށް އޮފިޝަލުން ބުނެއެވެ.

އެއްގަމު މަގުން ގާޒާއަށް ވަނުމަށް ބަޔަކު މަސައްކަތް ފަށާފައި މިވަނީ ކަނޑުމަގުން ގާޒާއަށް އެހީގެ ސާމާނާ އެކު ދަތުރުކުރަމުން ދިޔަ ބޯޓު އިޒްރޭލުން ހިފަހައްޓައި އޭގެން ދަތުރުކުރި އެންމެން ހައްޔަރު ކުރުމާ ގުޅިގެންނެވެ. އަދި ބައެއް މީހުން ވަނީ އިޒްރޭލުން ޑީޕޯޓް ކޮށްލައިފައެވެ.

ޓިއުނީޝިއާއިން ހޯމަ ދުވަހު ދަތުރު ފެށި އެ ގުރޫޕުގެ މީހުން ދަތުރު ކުރަމުން އަންނަނީ 14 ބަހާއި 100 އެހެން ވެހިކަލުތަކުން ކަމަށް އޮފިޝަލުން ބުނެއެވެ.

ގާޒާއަށް ދަތުރުކުރާ ގުރޫޕު ލީބިއާއަށް އެތެރެވުމަށްފަހު ލީބިއާގައި ތިނެއް ނުވަތަ ހަތަރު ދުވަސް ހޭދަ ކުރާނެ ކަމަށާއި އެމީހުން ދެން ދަތުރު ކުރާނީ މިސްރު މަގުން ރަފަހަށް ވަނުމަށެވެ.

އޮފިޝަލުން ވަނީ އެ ގުރޫޕަށް މިސްރަށް ވަނުމުގެ ހުއްދަ އަދި އެގައުމުން ދީފައި ނުވާ ކަމަށާއި އެކަމުގެ އަލި މަގެއް ފެނިފައިވާ ކަމަށް ބުނެފައެވެ.