ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުންގެ ދެ މަގާމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަންކުރަން ފެންނަ ކަމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ނިންމި ނިންމުމަށް ރުހުން ހޯދަން މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
އެ ދެބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަންކުރަން ފެންނަ ކަމަށް އެ ޖުޑިޝަރީގެ ކޮމެޓީން ފާސްކުރި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
ކޮމެޓީން ފަނޑިޔާރު ސަލީމާއި ހަމީދު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ރުހުން ދިނީ އެ ދެ ބޭފުޅުން އައްޔަން ކުރުމަށް ޖޭއެސްސީން ލަފާދީފައިވާތީ އެ ދެ ބޭފުޅުންނަށް މަޖިލީހުގެ ރުހުން ދެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ މައްސަލަ ފޮނުއްވުމާ ގުޅިގެންނެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހެޅީ މިމަހު 2 ގައެވެ. އަދި އެ ދުވަހު ވަނީ އެ ދެ ބޭފުޅުންގެ ނަން ދިރާސާ ކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފައެވެ.
ސުޕްރީމް ކޯޓުގެ ބެންޗުން ދެ ގޮނޑި ހުސްވީ އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު، އެ މަގާމުން ވަކިކުރުމުންނެވެ. އެ ދެބޭފުޅުން ވަކިކޮށްފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ.
އެ ދެ ބޭފުޅުން ވަކިކުރީ އަޒްމިރަލްދާގެ ފިރިލަކުން ސްޕާއަކުން ހައްޔަރުކުރުމުން އޭނާ ދޫކުރަން ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެއްގައެވެ.
ސުޕްރީމް ކޯޓުގެ ދެ މަގާމަށް 12 ބޭފުޅަކު ކުރިމަތިލެއްވިއެވެ. އެ ބޭފުޅުންނާ ޖޭއެސްސީން އިންޓަވިއު ކޮށްފައިވާ އިރު، އެންމެ ގިނައިން މާކްސް ދިނީ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދަށެވެ.
ސުޕްރީމް ކޯޓަށް އައްޔަނުކުރާ ފަނޑިޔާރުންގެ ލިސްޓުގެ އެންމެ ކުރީގައި ހުންނެވި ފަނޑިޔާރު މުހައްމަދު ސަލީމަކީ ހައި ކޯޓުގައި ލީގަލް އޮފިސަރެއްގެ ގޮތުގައި 12 އަހަރު އުޅުއްވުމަށް ފަހު އެ ކޯޓުގެ ފަނޑިޔާރުކަން 9 އޮގަސްޓު 2022 އިން ފެށިގެން ކުރައްވާ ބޭފުޅެކެވެ.
ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ފަނޑިޔާރުންނަށް ދިން ފުލެޓުތައް ގަބޫލު ކުރެއްވި މައްސަލަ ޖޭއެސްސީން ތަހުގީގުކޮށް، ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން ޖޫން 6، 2022 ގައި ހައި ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރެވުނު ބޭފުޅެކެވެ.
އާއިޝަތު މާހާ
ރިޕޯޓް
ކާބޯތަކެތި
އެމެރިކާ
ބޮލީވުޑް