ލ. ގަމުގައި ރޭ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ދެ މީހުންގެ ތެރެއިން އެކަކު އިތުރު ފަރުވާއަށް މިއަދު މާލެ ފޮނުވަން ތައްޔާރުވެއްޖެއެވެ.

ރޭ ގަން ލިންކް ރޯޑުގައި އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓްގައި ދެ މީހަކަށް ވަނީ އަނިޔާވެފައެވެ. އަނިޔާވެފައިވަނީ ސައިކަލްގައި ދިޔަ ދެ މީހުންނަށެވެ. އެގޮތުން ދެ މީހުންގެ ވެސް ބޯ ފެޅި ދެ ތަނަކުން ފައި ވަނީ ބިނދިފައެވެ.

އެ ދެ މީހުންގެ މިހާރުގެ ހާލަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ގަމު ހޮސްޕިޓަލްގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ސަމަދު މިއަދު "ވަން" އަށް ވިދާޅުވީ އެތަނުން އެކަކުގެ މިހާރު ޕްލާސްޓަރު އެޅުމަށްފަހު ގެއަށް ދޫކޮށްލާފައިވާ ކަމަށެވެ.

އަދި އަނެއް މީހާ އިތުރު ފަރުވާއަށް މިއަދު މާލެ ފޮނުވަން ތައްޔާރުވަމުން އަންނަ ކަމަށެވެ.

"އޭނަގެ ފައިގައި ޖަހަންޖެހޭ ބައެއް ސާޖިކަލް ސްޓިޗްތައް މިކޮޅުން ނުޖެހޭތީ މާލެ ފޮނުވާލަން ތައްޔާރުވަމުން ދަނީ. މިއަދު 11 ޖަހާއިރު މާލެ ފޮނުވާލާނެ، އަނެއްހެން އޭނާގެ ހާލު ސްޓޭބަލް. ސީޓީ ސްކޭން އާ އެއްޗެހިން އެއްވެސް އިތުރު މައްސަލައެއް އުޅޭ ކަމަށް ނުދައްކާ،" ސަމަދު ވިދާޅުވި އެވެ.

އެ އެކްސިޑެންޓާ ގުޅޭގޮތުން ފުލުހުން ރޭ ބުނީ އެ އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވި 62 އަހަރުގެ ފިރިހެން މީހާއަށް އަނިޔާވެފައިނުވާ ކަމަށެވެ.

އެކްސިޑެންޓުގައި ދެ އުޅަނދަށް ވެސް އެކިވަރުގެ ގެއްލުންވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އަންނަނީ އެ އެކްސިޑެންޓުގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.